ދުނިޔެ

ޕާކިސްތާން ހޮޓަލެއްގައި ބާރުގަދަ ގޮވުމެއް، 4 މަރު

ޕާކިސްތާން ހޮޓަލެއްގައި ބާރުގަދަ އެއްޗެއް ގޮވައި، ހަތަރު މީހުން މަރުވެއްޖެ އެވެ. ބެލޮޗިސްތާން ޕްރޮވިންސްގެ ކުއެޓާ ސިޓީގައި ހުންނަ ހަމައެކަނި ފައިވް ސްޓާ ހޮޓަލުގައި އެއްޗެއް ގޮއްވާލާފައި ވަނީ ކާރު ޕާކްކުރާ ޒޯނެއްގައި ކަމަށް ހަބަރުތައް ބުނެ އެވެ. މި ހަމަލާގައި 12 މީހުން ޒަހަމަވެފައި ވެއެވެ. މި އަދަދު އިތުރުވެދާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

މި ހަމަލާގެ ޒިންމާ ޕާކިސްތާން ތާލިބާނުން ވަނީ އުފުލާފަ އެވެ. އަދި މިއީ ސެރޭނާ ހޮޓަލުގެ ޕާކިން ޒޯނަށް ގޮވާތަކެއްޗާއެކު ކާރެއް ވައްދައި ދިން ހަމަލާއެއްކަން މިހާރު ވަނީ އެނގިފަ އެވެ. ފުލުހުން ކުރިން ބުނީ ވައްތަރީ އައިއީޑީއެއް ކަމަށެވެ.

ޕާކިސްތާން އިންޓީރިއާ މިނިސްޓަރު ޝެއިހް ރާޝިދު އަހްމަދު އޭއެފްޕީއަށް ވިދާޅުވީ ޕާކިން ޒޯންގައި ކާރު ބޮން ގޮއްވާލިއިރު ޗައިނާގެ އެމްބެސެޑަރު ވަޑައިގެން އުޅުއްވި ކަމަށެވެ. އެހެންކަމުން ބެލެވެނީ މިއީ ޗައިނާ އެމްބެސެޑަރަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. އެހެން ނަމަވެސް ހަމަލާ ދިން ވަގުތު ސަފީރު ވަޑައިގެން ނޫޅުއްވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ކުއެޓާ ސިޓީއަކީ މިކަހަ ހަމަލާތަކުގެ ތާރީހެއް އޮންނަ އަވަށެވެ. އަފުޣާނިސްތާނުން އަަރައިގެން އަންނަ ވަކިވެގަންނަން އުޅޭ ހަނގުރާމަވެރިންގެ ގުރޫޕްތަކުން ދޭ ހަމަލާތަކާ ބެހޭ ގޮތުން މީޑިއާގައި އަބަދު ވެސް ލިޔެވެ އެވެ. މިއީ ފަގީރު އަވަށަކާ ބަލައި ހަމަނުޖެހުން ބޮޑު ސަރަހައްދެކެވެ.

މި ހަމަލާއާ ބެހޭ ގޮތުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ތާލިބާނުންގެ ތަރުޖަމާނަކު ބުނީ އެއީ ޖާނު ގޮއްވާލުމުގެ ހަމަލާއެއް ކަމަށެވެ. އެ ހަމަލާ ދިނީ ކާރެއްގައި ގޮވާތަކެތި ހަރުކޮށްގެން ކަމަށެވެ.