ރައީސް މުހައްމަދު ނަޝީދު

ހާލުކޮޅު ބައްލަވާލައްވަންވެސް ރައީސް ސޯލިހް، ނަޝީދަށް ނުގުޅުއްވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް ޖަރުމަންވިލާތަށް ވަޑައިގެންނެވި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވަން އެއްގޮތަކަށްވެސް ގުޅުއްވާފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ދޮންބިލެތް މިހެން ވިދާޅުވީ މިރޭ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓް ފައްޓަވާފައިވަނީ ހައިރާންވެއްޖެ ކަމަށް ވިދާޅުވަމުންނެވެ. ހައިރާންވެވަޑައިގެންނެވި ސަބަބު ސާފުކޮށް ދެއްވާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތަށް ވަޑައިގެންނެވި ފަހުން އަދި މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް އެއްގޮތަކަށްވެސް ގުޅުއްވާފައިނުވާ ކަމަށް މިއަދު ރައީސް ނަޝީދު ވިދާޅުވުމުން ވަރަށް ދެރަވެއްޖެ ކަމަށެވެ.

އޭނާގެ މި ޓްވީޓް، ނަޝީދު ފޮރުވިގެން ހުންނަވާ ވިދާޅުވާން ބޭނުންފުޅުވާ ވާހަކަތަކަށް ހާއްސަ "އެލެކްސް އަހުމަދު" އެކައުންޓުން ވަނީ ރި-ޓްވީޓް ކުރައްވާފައެވެ. އަދި މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ އެ ޓްވީޓް ރި-ޓްވީޓް ކުރައްވާފައެވެ.

ނަޝީދު ޖަރުމަންވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

ދޮންބިލެތްގެ މި ޓްވީޓަށް ރައީސް ނަޝީދުގެ އާއިލީ ބައެއް ބޭފުޅުންނާއި އެމްޑީޕީގެ މެންބަރުން އަދި ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވި ބައެއް ބޭފުޅުން ކޮމެންޓް ކުރައްވާފައިވެއެވެ.

އާއިލީ ބޭފުޅަކު ވިދާޅުވީ ރައީސް ސޯލިހަކީ "ވަރަށްވެސް ހިތް ނުބައި ބޭފުޅެއް" ކަމަށެވެ. އަދި ރައީސް ސޯލިހަކީ ކޮންކަހަލަ ބޭފުޅެއްކަން މި ގައުމުގެ ރައްޔިތުންނަށް ވިސްނެންވެއްޖެ ކަމަށެވެ.

ނަޝީދުގެ ވެރިކަމުގައި ޓްރާސްޕޯޓް މިނިސްޓަރުކަން ކުރެއްވި އާދިލް ސަލީމް ވިދާޅުވީ ދޮންބިލެތްގެ ވާހަަކަ އަޑު އެހީ ވަރަށް ހައިރާން ކަމާއެކު ކަމަށާ އެމްޑީޕީގެ އިސް ވެރިން ދައުލަތުގެ ދެ ވެރިންގެ ގޮތުގައި ތިއްބެވިއިރު އެއީ އެންމެ ގާތް ދެ އެކުވެރިން ކަމަށެވެ.

"ދެ ބޭފުޅުން [ރައީސް ސޯލިހް އާއި ރައީސް ނަޝީދު] ގޫގަލް ނުވަތަ ޒުމް މީޓިންއެއްގައި ތިއްބާ ދެކެން ވަރަށް ބޭނުން،"

އާދިލް ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓަކު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކުރުމުން އެކަމާއި ދެރަފުޅު ވެގެންވެސް ރައީސް ސޯލިހް ގުޅުއްވި ކަމަށެވެ. 

އެމްޑީޕީގެ އާންމު ބައެއް މެންބަރުން ވަނީ ދޮންބިލެތްގެ ވާހަކައަކީ ހަގީގަތުވެސް ތެދެއްތޯ ސުވާލު ކޮށްފައެވެ.

މީގެ ކުރީންވެސް ނަޝީދު ވަނީ މެންބަރު ދޮންބިލެތް މެދުވެރިކުރައްވާ ބައެއް މެސެޖްތައް އާންމުންނާއި ހިއްސާކުރައްވާފައެވެ. އެ ގޮތުން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގުގެ މައުލޫމާތު ރައީސް އޮފީސް މެދުވެރިކޮށް ހޯއްދަވަން ޖެހިވަޑައިގަންނަވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވުން ހިމެނެއެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު ފުރަތަމަ ވަޑައިގެންނެވީ ޖަރުމަން ވިލާތަށެވެ. އަދި މިހާރު ހުންނެވީ އިނިގިރޭސިވިލާތުގައެވެ.

ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ރަަސްމީކޮށް އިއުލާނު ކުރައްވާފައެވެ. އެމަނިކުފާނާއި ރައީސް ސޯލިހްް، ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ސޯލިހަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ ބޭފުޅުންގެ އެއީ "އިބޫ ދޮންބެ" ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާއާއެކީ ސިޔާސީ ގޮތުން ދެން ނުހުރެވޭނެ ކަމަށް ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި މެސެޖްގައި ރައީސް ނަޝީދު ވަރަށް ސާފުކޮށް ވަނީ ވިދާޅުވެފައެވެ.