އެމްޓީސީސީ

އެމްޓީސީސީގައި 86 މަޝްރޫއު، އަގު ދެ ބިލިއަނުން މަތި

Jul 24, 2021

އެމްޓީސީސީން މިހާރު 86 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދާއިރު އެ މަޝްރޫއުތަކުގެ އަގު ދެ ބިލިއަން ރުފިޔާއަށް ވުރެ މަތިވާނެ އެވެ.

ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހިންގާ، އެމްޓީސީސީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ދެވަނަ ކްއާޓަރުގެ ނިޔަލަށް 86 މަޝްރޫއެއް އެ ކުންފުނިން ދަނީ ހިންގަމުންނެވެ.

އެމްޓީސީސީން 41 ބަނދަރެއް ހެދުމުގެ މަސައްކަތް ކުރެ އެވެ. މީގެ އިތުރުން ބިން ހިއްކުމުގެ 15 މަޝްރޫއަކާއި ތޮށުލުމުގެ 11 މަޝްރޫއެއް އަދި މަގު ހެދުމުގެ 10 މަޝްރޫއެއްގެ އިތުުރުން ދެ އެއާޕޯޓެއްގެ މަސައްކަތް ވެސް ހިމެނޭ އިރު ދެ އިމާރާތެއްގެ މަސައްކަތާއި އެހެނިހެން ދެ މަސައްކަތަކާއި ޕޯޓު ހެދުމުގެ މަޝްރޫއަކާއި ނަރުދަމާގެ މަޝްރޫއެއް ހިމެނެ އެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ދެ މަޝްރޫއެއް ވަނީ ކާމިޔާބު ކަމާއެކު މި ކްއާޓަރުގައި ނިންމާލާފަ އެވެ. ނިންމާލައި ހަވާލު ކޮށްފައި ވަނީ ތިނަދޫ ރީޖަނަލް ޕޯޓުގެ މަސައްކަތެވެ. އަދި ސ. މީދޫ ބަނދަރުގެ މަސައްކަތް ވެސް ނިންމައި ސަރުކާރާ ވަނީ ހަވާލު ކޮށްފަ އެވެ. އަދި 10 މަޝްރޫއެއްގެ މަސައްކަތް ފަށާފައިވެ އެވެ. ނުވަ މަޝްރޫއެއް ދެވަނަ ކްއާޓަރުގައި ހަވާލު ކޮށްފައިވެ އެވެ.

އެމްޓީސީސީ އިން ގިނަ މަޝްރޫއުތައް ހިންގަމުންދާއިރު ސަރުކާރުގެ އެހެން ކުންފުނިތަކާ ހިލާފަށް އެމްޓީސީސީގެ ހިންގުން ރަނގަޅުވެ ފައިދާ އަންނަނީ ރަނގަޅުވަމުންނެވެ. ކުރިން ފައިދާ ނުވާތީ ހިއްސާގެ ފައިދާ ނުބެހި ނަމަވެސް ނިމިދިޔަ ކުއާޓަރުގައި އެކަނި އެ ކުންފުޏްޏަށް އާމްދަނީގެ ގޮތުގައި 423.23 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 63.04 މިލިއަން ރުފިޔާ ހޯދި އެވެ.

މީގެ އިތުރުން ހިންގުމުގެ ފައިދާގެ ގޮތުގައި 83.06 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ކްއާޓަރާ އަޅާބަލާއިރު އެ ކުންފުނީގެ ކެޝް ފްލޯވަނީ ހަތަރު ބިލިއަން ރުފިޔާއަށް އުފުލި ދެ ބިލިއަން ރުފިޔާގެ އިތުރުވުމެއް އައިސްފަ އެވެ. އަދި ހިއްސާއަކަށް ޖެހޭ އަދަދު ވެސް 7.86ރ. އަށް އުފުލިފައި ވެއެވެ.