ވާހަކަ

ވީމޭ ކަލާޔާނުލާ

(19 ޖުލައި 2021އާ ގުޅޭ)

"ޑޮކްޓަރު! ކަމެއް ގޯސް ވީތޯ؟ މަންމައަށް ކިހިނެއްތޯ ވީ؟" ޝަހުރު ސުވާލު ކޮށްލި އިރު، އޭނާއަށް ރަނގަޅަށް ނޭވާ ވެސް ނުލެވެއެވެ. ހީވަނީ އޭނާގެ އަރުގައި ލާން އުޅުނު ނޭވާ ތާށި ވެފައިވާ ހެންނެވެ. އެއްވެސް ޖަވާބެއް ޑޮކްޓަރުގެ ފަރާތުން ނުލިބުނެވެ. ޑޮކްޓަރު ބަލައިލީ އެތަނުގައި ތިބި އެންމެންގެ މޫނަށެވެ. ކޮންމެ މީހެއް ވެސް ހުރީ ހިތް ފަޅައިގެންދާ ވަރުވެފައެވެ.

"އަދި ވަގުތު ފާއިތެއް ނުވޭ. ވަގުތު އެބަ އޮތް މަންމަ ސަލާމަތް ކުރަން. އެކަމު، ކުރަން ޖެހޭ މަސައްކަތްތައް އުނދަގޫހެން އަހަންނަށް ހީވަނީ.." ޑޮކްޓަރުގެ ވާހަކައިން އެންމެންނަށް ބަލައިލެވުނީ ޑޮކްޓަރުގެ ސީދާ މޫނަށެވެ. މަންމައަށް ވީގޮތް އެނގެން އެންމެން ތިބީ ނުހަނު ބޭނުން ވެފައެވެ. އެހާމެ ހިތް އަވަސް ވެފައެވެ.

"މަންމަގެ ޙާލު ސީރިއަސް. ވަރަށް ބަަލައިގެން ނޫނީ މަންމަ ރަނގަޅެއް ނުކުރެވޭނެ. މަންމަގެ ފަރުވާ އަކީ ބޭހެއް ނޫން. މަންމަ ބޭނުން ވަނީ ހިތްހަމަ ޖެހުން.. ތި އެންމެންގެ ލޯބި. އަޅައިލުން. މަންމައަށް ޖެހުނު ހާރޓު އެޓޭކުން މަންމަ ވަނީ ސަލާމަތް ވެފަ. ނަމަވެސް ޙާލު ސީރިއަސް އަދި.." ޑޮކްޓަރުގެ ވާހަކައިން އެ ތަނުގައި ތިބި މީހުންނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ޑޮކްޓަރުގެ ހަރަކާތުން ކުރިން ހީވީ މަންމަގެ މަރުގެ ޚަބަރު އިއުލާން ކުރަން އުޅުނުހެންނެވެ.

ޖެހި ބުދެއްހެން ހުރި ޝަހުރަށް ލިބެން ފެށީ އިތުރު ހިތްދަތި ކަމެކެވެ. މަންމަގެ ފުރާނައިގެ އަގު ޝަހުރަށް އިޙްސާސް ވަމުން ދިޔައެވެ. އެއްވެސް ޙާލެއްގައި ޝަހުރާ ހެދި މަންމަ ވަކިވެ ދިޔުން އެއީ ޝަހުރުގެ ހިތަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ. އެކަން އެގޮތަށް ވާތަން ބަލަން ޝަހުރު ނުވެސް ހުންނާނެއެވެ. ޢާއިލާގެ މެމްބަރުންނާ ތަންކޮޅެއް ދުރުގައި ހުރި، ޝަހުރަށް ވަނީ ރޮވެން ގާތްވެފައެވެ. ހިތަށް ފުނި ޖެހެމުން ދިޔަ ތަފާތު ގިލަންވެރި އިޙްސާސްތަކުން ޝަހުރުގެ ހިތަށް އެއްވެސް ތަސައްލީއެއް ނުލިބުނެވެ.

މަޑުމަޑުން އެހެން ހުރެފައި، ޝަހުރު ހިނގައިގަތީ ހޮސްޕިޓަލުން ނުކުންނާށެވެ. އެނިޔަތުގައި ޝަހުރަށް އެޅުނީ ދެތިން ފިޔަވަޅެކެވެ. ފަހަތުން "ދޮންބޭ"އޭ ކިޔައިފައި ގޮވައިލީ ޒަކްވާނެވެ. ޝަހުރު ހުއްޓުނެވެ.

"ދޮންބޭ" ޒަކްވާން އެރީ ޝަހުރުގެ ކުރިމައްޗަށެވެ. ޝަހުރުގެ ކަރުނައިން ފުރެމުން ދިޔަ ދެލޯ އަމާޒުކޮށްލީ އޭނާގެ ކުރިމަތީގައި ހުރި ޒަކްވާނަށެވެ.

"އަހަރެންގެ އެބައިން ވަރަށް ބޮޑު އެދުމެއް.. އަހަރެންނަށް އެނގޭ ދޮންބެ އަހަރެންގެ އާދޭހުގަ ކޮޅުފައިން ނުޖަހާނެކަން. އެޔަށްވުރެ ދޮންބެއަށް ވިސްނޭނެ." ޒަކްވާން ވާހަކަދައްކަމުން ދިޔައީ ޝަހުރަށް ބަލަހައްޓައިގެން ހުރެއެވެ. އެދެމީހުންނާ ތަންކޮޅެއް ދުރުގައި އިށީންދެގެން ޝީލާ އާއި މަންސޫރު އިނެވެ.

"ދޮންބޭ! މަންމަ އިތުރަށް ދެރަ ނުކުރޭ! އާދޭސް ކޮށްފަ މިބުނީ.. އަހަރެން މިއެދެނީ ދޮންބެގެ ލައިފް ހަލާކު ކޮށްލާކަށް ނޫން، އެކަމު ދޮންބެއަށް އަހަރެން ކިޔާ އެއްޗެއް ގެޓު ވާނެ. ކޮންމެވެސް ގޮތަކުން ވިޔަސް، އަހަރެމެން އެބަޖެހޭ މަންމަ ދުނިޔޭގަ ބަހައްޓަން. އުފަލުގަ.." ޒަކްވާން ވާހަކަދައްކަމުން ދިޔައީ އާދޭހުގެ ރާގެއްގައެވެ. ޝަހުރަށް ބަލަމުންނެވެ.

"ދޮންބެ މިކަން ކޮށްދޭނަން ދޯ؟ ކޮންމެވެސް ގޮތަކުން.. ޕްލީޒް!" ޒަކްވާންގެ އާދޭހަށް ބީރުކަންފަތެއް ޝަހުރަށް ނުދެއެވެ. ޖަވާބުގައި ޝަހުރު ބޯޖަހަައިލީ އާނއެކޭ ބުނަމުންނެވެ. ޒަކްވާންގެ ކޮނޑުގައި ފިރުމައިލަމުން، ޝަހުރު އެތަނުން ނުކުތެވެ.

ދަންވަރުގެ ހިމޭން ވަގުތެވެ. މުޅި ކޮޓަރިތެރެއިން އިވެމުން ދިޔައީ ހިމޭން ރުއިމުގެ އަޑެކެވެ. ކޮޓަރީގެ އެނދުގެ ކަނެއްގައި ލިވިޔާ އިސްޖަހައިގެން ރޮމުން ދިޔައިރު، އޭނާގެ ފިރިމީހާ ޝަހުރު އިނީ އޭނާގެ ގާތުގައެވެ. ޝަހުރު އޭނާގެ މަންމަގެ ޙާލަތު ވަރަށް ތަފުސީލު ކަމާއި އެކު، ލިވިޔާއަށް ކިޔައި ދިނީއެވެ. މަންމަގެ ފުރާނަ ސަލާމަތް ކުރުމަށް އުފުލަން ޖެހިފައިވާ ޤުރުބާނީ ވަރަށް އަސަރާ އެކުގައި ޝަހުރު ވަނީ ލިވިޔާއަށް ހިއްސާ ކޮށްފައެވެ. ރޯން ބޭނުން ނުވި ނަމަވެސް، އެވާހަކަތައް އަހާފައި ލިވިޔާއަށް ރުއިން ނޫން އިތުރު ކަމެއް ނުވިއެވެ. ހިތް އެންމެ ނުރުހުނަސް، ޝަހުރުގެ ނިންމުމަށް ލިވިޔާ އެއްބަސްވީ، އިތުރު ގޮތެއް ނެތީމައެވެ. ޝަހުރުގެ މަންމަގެ މަރުގެ ތުހުމަތުގެ އިނގިލި ލިވިޔާއަށް އަމާޒު ވާކަށް ހަމަހިލާ އޭނާ ނޭދެއެވެ.

****

ހަފުތާއެއް ފަހެވެ. ޝަހުރު ފެންވަރާލައިގެން ތައްޔާރު ވަމުން ދިޔައީ ހޮސްޕިޓަލަށް ދާށެވެ. އެއީ މިއަދަކީ ހުސްނާ ހޮސްޕިޓަލުން ދޫކޮށްލާ ދުވަހަށް ވީމައެވެ. ހުސްނާގެ ގާތުގައި ހުންނަން ޝަހުރު ބޭނުން ވާތީއެވެ.

"ޝަހުުރު! އާދޭ ސައިބޯން!" ސައި ތައްޔާރު ކޮށްފައި، ލިވިޔާ ގޮވައިލީ ސަޔަށް އިންސާފު ކުރުމަށެވެ. ވަރަށް އަވަސްކޮށް ސައި ފޮދެއް ބޮއިލައިގެން ޝަހުރު އަވަސްވެ ގަތީ ގެއިން ނުކުންނާށެވެ.


"ދެރަ ނުވާތި! ނުވިސްނާތި! އަހަރެން އަބަދުވެސް ލޯބި ވަނީ ލިވީ ދެކެ. ތީ އަހަރެންގެ ފުރާނަ! އަހަރެން ކިހިނެއް އަހަރެންގެ ފުރާނައާ ނުލައި ދިިރިއުޅޭނީ.." ލިވިޔާގެ ކޮލަށް ބޮސްދިނުމަށްފަހު، ޝަހުރު ގެއިން ނުކުތެވެ.

ހުސްނާ ގެޔަށް ބަދަލު ކުުރަން އުޅޭ ޚަބަރާ އެކު، ރާދާ އާއި ޔާސިރު އަވަސްވެ ގަންނަން ފެށީ ހޮސްޕިޓަލަށް ދެވޭތޯއެވެ. އެމީހުންގެ ފަހަތުން ޔޫހާ ވެސް އަންނަން ބޭނުން ވިއެވެ. އެއީ އެމީހުންގެ ތެރޭގައި ޝަހުރު ވެސް ހުރި ކަމުގެ ޚަބަރު ލިބިފައިވާ ތީއެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ޝަހުރާއި އެމީހުންގެ ޢާއިލާއާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދައްކަމުން ރާދާ އާއި ޔާސިރު ގެންދިޔައެވެ. އެވާހަކަތަކަށް މާ ބޮޑު ސަމާލު ކަމެއް ޔޫހާ ނުދިނެއް ކަމަކު، އޭނާގެ ހިތުގައި ޝަހުރު ދެކިލުމުގެ ޝައުޤު ވަރަށް ބޮޑެވެ. ލޯބީގެ މައްޗަށް ހުރިހާ ކަމެއް ހިނގާ އުސޫލުން، ޔޫހާގެ ހިތް އަދިވެސް ވަނީ އެއްވެސް ސަބަބަކާ ނުލައި ޝަހުރަށް ހިބައިން ދީފައެވެ.

***

"ދަރިފުޅާ! ދަރިފުޅު ހާދަ ކަމަކާ ވިސްނާހެން ހީވެޔޭ؟ އަނެއްކާ ކަމެއް ގޯސް ވީތަ؟" ސިޓިންގރޫމްގެ ސޯފާގައި އިން ލިވިޔާގެ ގާތުގައި އިށީންނަމުން އޭނާގެ މަންމަ އަހައިލިއެވެ. ވަރަށް އަވަސްކޮށް ލިވިޔާ ދެފަރާތަށް ބޯހުރައިލިއެވެ. ނޫނެކޭ ބުނާފަދަ ބީދައަކުންނެވެ. ލިވިޔާ ޖަވާބު ދިން ގޮތް ހާލިދާއަކަށް ކަމަކު ނުދިޔައެވެ. ކޮންމެވެސް ކަމެއް ވެއްޖެ ކަމަށް ބަލައިގެން ހާލިދާ ހިފައިލީ ލިވިޔާގެ އަތުގައެވެ.

"ދަރިފުޅާ! ބަލާބަލަ މަންމައަށް! ހަމަ އެއްވެސް ކަމެއް ނުވޭތަ؟ ބުނެބަލަ!" ހާލިދާގެ ސުވާލާ އެކު، ލިވިޔާއަށް ދަތިވިއެވެ. ނަމަވެސް ކަމުގެ ޙަޤީޤަތް ފޮރުވައިލަން ލިވިޔާ ބޭނުންވީ، އެއީ އޭނާގެ ދިރިއުޅުމުގެ ކަމަކަށް ވުމުންނެވެ. މިކަމަކީ މަންމައަށް އެނގެން ޖެހޭ ކަމަކަށް ވެސް ނުވާތީއެވެ.

"އާނ މަންމާ! އެއްވެސް ކަމެއް ނުވޭ." ލިވިޔާ ހަމަޖެހޭކަން ދައްކައިލިއެވެ.

"މިހާރަކަށް އައިސް ޝަހުރު އަބަދު ބޭރުގަ ވިއްޔާ އުޅެނީ. އެހެންވެ މަންމަ ހާސްވީ.." ހާލިދާ އޭނާގެ ހާސްކަން ފައުޅުކޮށްލިއެވެ.

"އެއީ ގެއެއް ހޯދަން ވެގެން. ވަރަށް އަވަހަށް އެހެން ގެއަކަށް ބަދަލުވާ ވާހަކަ ޝަހުރު ބުނި. ރައްޓެއްސެއްގެ ފަރާތުން ވަރަށް ހެޔޮކޮށް ތަނެއް ލިބުނީމަ.." ލިވިޔާ ކިޔައިދިނެވެ. ހާލިދާ ހިނިތުންވެލަމުން ލިވިޔާގެ ދެއަތުގައި ހިފައިލިއެވެ. އަދި އެއްވެސް ކަމެއް މަންމައަށް ސިއްރު ނުކުރާން ބެނެފައި، ސޯފާއިން ހާލިދާ ތެދުވިއެވެ.

***

ހުސްނާ ގެއަށް ގެނެވިއްޖެއެވެ. އޭނާގެ ގާތުގައި އޭނާގެ ދަރިންނާއި މަންސޫރު އިނެވެ. އަދި ޔޫހާ އާއި އޭނާގެ މަންމަ އާއި ބައްޕަ ވެސް ތިއްބެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެ އެކަކު އަނެކަކުގެ މޫނަށް ބަލަމުން ދިޔައެވެ. އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ޝަހުރުގެ ބަހަކަށެވެ. އިސްދަށަށް ޖަހައިގެން ޝަހުރު އިނީ ވިސްނުމެއްގެ ތެރޭގައެވެ.

"މަންމާ!" ޝަހުރު އިސްނަގަމުން ބަލައިލީ ހުސްނާއަށެވެ. ހުސްނާގެ ހިތާމަތަކުން ފުރާލައިފާ މޫނުމަތިން ދުވަހަކު ވެސް އުފާވެރި ކަމެއް ލިބިފައިވާހެންނެއް ހިޔެއް ނުވެއެވެ. އެމޫނު ފެނި ޝަހުރަށް ލިބުނު ދެރަވީ ބޮޑުވިއެވެ. "މަންމާ"އޭ ކިޔައި ޝަހުރު ގޮސް ބައްދައިލީ ހުސްނާގެ ގައިގައެވެ. ހުސްނާއަށް އުފަލުން ފުރަތަމަ ވެސް ފެށުނީ ރޯންށެވެ. "މަގޭ ދަރިފުޅާ!" އޭ ކިޔާފައެވެ.

"މަންމާ! އަހަންނަށް މާފު ކުރޭ!" ހުސްނާގެ ގައިގައި އޮޅުލައިގަނެގެން އޮވެ، ޝަހުރު މާފަށް އެދުނެވެ. ޝަހުރުގެ މާފުން ޝީލާ އާއި މަންސޫރަށް ލިބުނީ ހައިރާން ކަމެކެވެ. އެމީހުންނާ އެއްފަދައިން ޔޫހާގެ ޢާއިލާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.

"މަންމާ! ތީ އަހަންނަށް އެންމެ މުހިންމު މީހާ. މަންމާ! އަހަރެން މަންމަ ދެރައެއް ނުކުރާނަން. އަހަރެން މިއައީ އޭ މަންމަ ގާތަށް.." ޝަހުރުގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.

"ދަރިފުޅު ތިއައީތަ މަންމަ ގާތަށް؟ ދެން ދަރިފުޅު ނުދާނަންދޯ؟ ތީ މަންމަގެ ލޯބިވާ ޝަހުރު." ހުސްނާގެ ގަޔާ އިތުރަށް ބޮޑިކޮށްލަމުން، ވަރަށް ލޯބިން ހުސްނާ ބައްްދައިލީ ޝަހުރުގެ ގައިގައެވެ. އެ މަންޒަރު ބަަލަން ޔޫހާ ހުރީ ހެވިދިލިފައެވެ. ޔޫހާގެ އާއިލާގެ ޙާލަކީ ވެސް ހަމަ މިއީއެވެ.

ޝައްކުގެ ނަޒަރަކުން ޝީލާ ބަލަން ހުރީ ސީދާ ޝަހުރަށެވެ. މަންސޫރާއި ޒަކްވާން ވެސް ހިނިތުންވެގެން ހުރީ ޝަހުރަށް ވިސްނުނީ ކަމުގައި ބަލައިގެންނެވެ.

"އާނ މަންމާ! އަހަރެން މިއައީ މަންމަގެ ގާތަށް. އަހަރެން ދެން ނުދާނަން! އަހަރެންނަށް މަންމަ މާ މުހިންމު." ކުޑަ ކުއްޖެއް ފަދައިން ޝަހުރު ބޯއަޅައިލައިގެން އޮތީ ހުސްނާގެ ކޮނޑުގައެވެ. އަދިވެސް ޝީލާގެ ނޭފަތުން ދުވަނީ ރޭވުމެއްގެ ވަހެވެ. ލިވިޔާ ދޫކޮށްލައި، މަންމަ ގާތަށް އައިސް ފާނެ ކަމަކަށް ޝީލާ ޤަބޫލެއް ނުކުރެއެވެ. އެކަން ޔަޤީން ކުރަން ބޭނުންވި ވަރުން ވަގުތުން ޝީލާ ގޮވައިލީ ޝަހުރަށެވެ. (ނުނިމޭ)