މޫސުން

މެދު އަތޮޅުތަކަށް މޫސުން ގޯސް ދުވަހެއް

ރާއްޖޭގެ ހަތަރު އަތޮޅަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވައިޓް އެލާޓްގެ އިންޒާރެއް ނެރެފި އެވެ.

ވައިޓް އެލާޓް ނެރުނީ މެދު އަތޮޅުތަކުގައި ހިމެނޭ މާލެ އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅުގެ އިތުރުން ވ. އަތޮޅަށެވެ. މޫސުމަށް ސަމާލު ވާން އެ އެ ހަތަރު އަތޮޅަށް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނުން މެންދުރަށެވެ. އެ ވަގުތުތަކުގައި އެ ހަތަރު އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. އަދި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އިއްޔެ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސޫން ގޯސްވެ ވިއްސާރަ ކުރި އެވެ. އިއްޔެ ދެކުނަށް ކުރި ވިއްސާރާގައި ސ. ހިތަދޫ ދެ ގެއަކަށް ގެއްލުންތައް ލިބިފައި ވެއެވެ. ވަޔާ އެ ދެ ގޭގެ ފުރާޅު އެއްލައިލި އިރު ދިރިއުޅުމުގައި ގޭތެރޭ ހިފާ ގެންގުޅޭ ތަކެއްޗަށް ވަރަށް ބޮޑެތި ގެއްލުން ވެފައި ވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މިހާރު ހިނގަމުން ދަނީ ހުޅަނގުގެ އަށް ވަނަ ނަކަތް ކަމަށްވާ ފުސް ނަކަތެކެވެ. މި ނަކަތަކީ އަބަދުވެސް ވިއްސާރަ އޮންނަ މޫސުން ބަނަ އެކަމަކު މަސްވެރިކަން ރަަނގަޅު ގިނަ މަސްވެރިން މަހަށް ނުކުންނަ ނަކަތެކެވެ. ފުސް ނަކަތުގައި ވާރޭ ވެހޭނެ އެވެ. އަދި ވަޔާއި ކަނޑުތައް ގަދަވާނެ އެވެ.

މޫސުން ގޯސްވުމުން ކޯސްޓްގާޑާއި ފުލުސް، އަދި މެޓާއި ޑިޒާސްޓާއިން އާންމުކޮށް ނެރޭ މޫސުމަށް ބަލައިގެން ދަތުރުފަތުރާއި ކަންކަން ރޭވުމުގެ ސަމާލު މިއަދު ވެސް ރާއްޖޭގެ މެދު އަތޮޅުތަކަށް އިޝޫ ކޮށްފައި ވެއެވެ.