އަބްދުﷲ ޝާހިދު

އިންޑިއާ ދަތުރުފުޅަށްފަހު ޝާހިދު ރާއްޖެ ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

މިނިސްޓަރު ޝާހިދު މިމަހުގެ 22 އިން 24 އަށް އިންޑިއާއަށް ކުރެއްވ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މިނިސްޓަރު ޝާހިދު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ އދގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިއްސިޔަތުން ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލުކުރައްވާފަ އެވެ.

ޝާހިދުގެ މިދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަން ނިންމާފައިވާ ކޮމިއުނިޓީ ޑިވޮލޮޕްމަންޓާ ގުޅޭ މަޝްރޫއުތަކުގައި ސޮއި ކުރެއްވި އެވެ.

ދިވެހިރާއްޖެއިން އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވުމަށް ކުރި ކެމްޕޭންގައި އިންޑިއާއިން ތާއީދުކޮށްދިނީތީ ޝާހިދު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާ ބެހޭ މައުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް-ޑި-ކެބިނެޓް-ޑެޒިގްނޭޓް އެމްބެސެޑާ ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގަތެވެ.