ދުނިޔެ

މެކްރޮން އިޒްރޭލުގެ ބޮޑުވަޒީރަށް ގުޅުއްވައި ޝަކުވާ ކުރައްވައިފި

ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓްއަށް ފޯނު ކުރައްވައި ނުތަނަވަސްވެ ވަޑައިގެން ހުންނެވި ކަމަށް ދަންނަވައިފި އެވެ.

މެކްރޮން ވިދާޅުވި ކަމަށް އިޒްރޭލުގެ ޗެނަލް 12 އިން ބުނީ އިޒްރޭލުގެ ކުންފުންޏަކުން އުފައްދާ ޖާސޫސީ ސޮފްޓްވެއާއެއް މެދުވެރިކޮށް އެމަނިކުފާނަށް ޖާސޫސް ކުރަން ޖެހޭ ސަބަބު އެނގިވަޑައިގަންވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ރަސްމީ ލިޔުމެއްގެ ސިފައިގައި ބޭނުންފުޅުވާ ކަމަށެވެ.

މީޑިއާ ތަހުގީގަކުން އެނގިފައިވާ ގޮތުން މެކްރޮން އާއި ފަރަންސޭސި އިސް އޮފިޝަލުންނަށް ޖާސޫސް ކުރަނީ އިޒްރޭލުގެ ކުންފުންޏަކުން އުފައްދައި ގައުމުތަކުގެ ސަރުކާރުތަކަށް ފޯރުކޮށްދޭ ޖާސޫސީ ސޮފްޓްވެއާ، ޕެގަސަސް ބޭނުން ކޮށްގެންނެވެ.

މެކްރޮންއަށް ޖާސޫސް ކުރުމަށް އެމަނިކުފާނު ބޭނުން ކުރައްވާ ފޯނަކަށް ޕެގަސަސް ސޮފްޓްވެއާ އަޅާފައިވާ ކަމަށް ބުނާ މީޑިއާ ރިޕޯޓްތަކެއް ވަނީ އާންމުވެފަ އެވެ. އެމަނިކުފާން ހިމެނި ވަޑައިގަންނަވަނީ ސަރުކާރުތަކުން ޖާސޫސް ކުރުމަށް ޕެގަސަސް ސޮފްޓްވެއާ އިންސްޓޯލްކުރި ކަމަށް ބުނާ 50،000 މީހުންގެ ތެރޭގަ އެވެ.

ޕެގަސަސް ޕްރޮގްރާމަކީ ފޯނު ބޭނުންކުރާ މީހުނަށް ހިލަމެއް ވެސް ނުވެ ސިއްރިއްޔާތުގައި ސްމާޓްފޯނަށް އިންސްޓޯލް ކުރެވޭ ޖާސޫސީ ސޮފްޓްވެއާ އެކެވެ. މިއީ އިޒްރޭލުގެ ޖާސޫސީ ސޮފްޓްވެއާ އުފައްދަން ކުޅަދާން އެންސްއެސްއޯ ގްރޫޕުން ޑިޒައިން ކޮށްފައިވާ އަސްކަރީ ފެންވަރުގެ "ސްޕައިވެއާ" އެކެވެ.

ސްމާޓްފޯނަކަށް ޕެގަސަސް ޖާސޫސީ ސޮފްޓްއެއާ އިންސްޓޯލް ކުރުމުން އެ ފޯނަކުން ކުރާ ހުރިހާ މުއާމަލާތެއް ދަމައިގަނެ އެވެ. ދައްކާ ވާހަކަތަކާއި ކުރާ މެސެޖްތައް އަދި އެ ފޯނެއް އެވަގުތަކުން އޮންނަ ތަނަކާއި އެތަނެއްގައި ދައްކާ ވާކަތަކާއި ފޮޓޯ / މަންޒަރުތައް އަތުލައިގަނެ އެވެ.

ޗެނަލް 12 އިން ބުނީ ޕެގަސަސް ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގު ކޮށްދެއްވުމަށް މެކްރޮން އެދިވަޑައިގެންނެވި ކަމަށެވެ. ޚަބަރު ޗެނަލުން ބުނި ގޮތުން އެކަން ކޮށްދެއްވާނެ ކަމަށް ނަފްތަލީ ބެނެޓް ވައުދުވެ ވަޑައިގެންނެވި ނަމަވެސް އެ ހާދިސާ ހިނގާފައި ވަނީ ބެނެޓް ވޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން ކަމަށް ވެސް ފަރަންސޭސި ރައީސަށް ބެނެޓް ދެންނެވި އެވެ.