ވިޔާނުދާ ބޭއަދަބީ ފިލްމުތައް އުފައްދާ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާގެ ބަންދަށް އިތުރު މުއްދަތު މިހާރު ވަނީ ޖަހާފަ އެވެ. އަދި ޝިލްޕާ އާއި ރާޖް ދިރިއުޅޭ ގެ ބަލައި ފާސް ކުރުމުގެ އިތުރުން ފުލުހުން ވަނީ ޝިލްޕާ އާ ވެސް ވަރަށް ގިނައިރުތަކެއް ވަންދެން ސުވާލުކޮށްފަ އެވެ.
ވިޔާނުދާ ފިލްމު އުފެއްދުމުގެ އެއްވެސް ކަމެއްގައި އޭނާގެ އެއްވެސް ވަރެއްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ފުލުހުންނަށް ދިން ބަޔާނުގައި ޝިލްޕާ ބުނެފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. އަދި އެފަދަ ފިލްމުތައް އުފައްދާ ކަމަށް ތުހުމަތު ކުރެވޭ ކުންފުނިތަކުގައި ވެސް އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ޝިލްޕާ ބުންޏެވެ. މި ކަންކަން ކުރާ ކަމަށް ޝިލްޕާ ބުނަނީ ރާޖްގެ ކޮއްކޮގެ ފިރިމީހާ ޕްރަދީޕް ބަކްޝީ އެވެ. ރާޖް އާއެކު އެމީހާ ވެސް މިހާރު ހުރީ ހައްޔަރު ކޮށްފަ އެވެ.
ޝިލްޕާ ބުނަނީ އެޑަލްޓް ކޮންޓެންޓްސް ހުންނަ އެޕްތައް އިންޓަނެޓުގައި ހިންގާ ބަލަހައްޓަނީ އަދި އެއަށް ލާ ފިލްމުތައް ކަނޑައަޅަނީ ވެސް ޕްރަދީޕް ކަމަށެވެ. އެކަމުގައި އޭނާގެ ފިރިމީހާގެ ވެސް އެއްވެސް ދައުރެއް ނެތް ކަމަށް ޝިލްޕާ ބުނެ އެވެ. ނަމަވެސް ރާޖް ހައްޔަރު ކުރުމާ ގުޅިގެން ބައެއް ބަތަލާއިން ދަނީ ރާޖް އާ ދެކޮޅަށް ތަފާތު ވާހަކަތައް ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދައްކަމުންނެވެ.
އެ މީހުންގެ ތަޖުރިބާގެ އަލީގައި އެ ބަތަލާއިން ބުނަނީ ރާޖް އަކީ އެފަދަ ފިލްމުތައް އުފެއްދުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށާއި އެމީހުންނަށް އޭގެ ތަޖުރިބާތައް އެކި ގޮތްގޮތުން ކުރެވިފައިވާ ކަމަށެވެ.
އަލަށް ފިލްމީ ދުނިޔެއަށް ވަންނަން މަސައްކަތްކުރާ ބަތަލާއިން ލައްވާ ރާޖް މިކަހަލަ ފިލްމުތައް ކުޅުވަނީ ބޮލިވުޑް ފިލްމުތައް ކުޅޭނެ ފުރުސަތު ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މަކަރު ހަދައިގެން ކަމަށް ވެސް ރާޖް އާ ދެކޮޅަށް ވާހަކަ ދައްކާ އެކްޓަރުން ބުނެފައި ވެއެވެ.
މި މައްސަލަތައް ފެންމަތިވުމާއެކު ޝިލްޕާ ވަނީ ރާޖް ކުންދްރާގެ ކުންފުނިތަކުގެ ޑައިރެކްޓަރު ކަމުން އިސްތިއުފާ ދީފަ އެވެ.