ވިޔާނުދާ ފިލްމު އުފައްދާކަމަށް ތުހުމަތުކޮށް ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ހައްޔަރުކުރުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރީ ޝިލްޕާ އާއި އާއިލާ އަށެވެ. އަދި ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ފިރިމީހާގެ މި ވިޔަފާރީގެ ކަންކަން ޝިލްޕާ އަށް އެނގިހުރެ އޭނާ އެކަމާ އަޅާނުލާ ހުރީ އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ބޮލީވުޑްގެ ގިނަ ފަންނާނުން މިހާރު ޝިލްޕާ އާ ވާހަކަ ދައްކާ ގުޅުން ބާއްވާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ. ޝިލްޕާގެ މި މައްސަލަގަނޑުގެ ތެރެއަށް ކޮންމެވެސް ގޮތަކުން އެމީހުންނަށް ވެސް ވަދެވިދާނެ ކަމުގެ ބިރަށެވެ.
ޝިލްޕާ އާއި ރާޖް އަކީ ކުރިން އެމީހުންގެ ގޭގައި ވަރަށް ކުލަގަދަ ޕާޓީތައް ބާއްވާ އުޅުނު ބައެއް ނަމަވެސް މިހާރު ޝިލްޕާގެ ގެއަށް އަންނާނެ މީހަކު ނުވެ އެވެ. އަދި އޭނާގެ އެކުވެރިން ވެސް އުޅެނީ ވީވަރަކުން އޭނާއާ ގުޅުން ނުބާއްވާ ވޭތޯ މަސައްކަތް ކުރަމުންނެވެ.
ބޮލީވުޑް ފަންނާނުންގެ ގޭގޭގައި އޮންނަ ޕާޓީތަކާއި އެކި ކަހަލަ ރަސްމިއްޔާތުތަކަށް ވެސް މިހާރު ޝިލްޕާ ގޮހެއް ނޫޅެ އެވެ. އެއީ އޭނާއަށް ދައުވަތު ނުދޭތީ ކަމެއް ނުވަތަ އެހެން މީހުންނާ ބައްދަލުކުރަން ޝިލްޕާ ޖެހިލުންވާތީ ކަމެއް ސާފު ނުވާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
ވިޔާނުދާ ފިލްމު އުފައްދާ ކަމުގެ ތުހުމަތުގައި ރާޖް ދެ މަހެއްހާ ދުވަހު ޖަލުގައި ހުއްޓެވެ. ކަފާލާތުގެ ދަށުން އޭނާ މިނިވަންވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. ފިރިމީހާ މިނިވަން ވުމަށްފަހު ޝިލްޕާ އުޅެނީ ކުރިޔަށް ވުރެ ވެސް އެހެން މީހުންނަށް ފިލައިގެންނެވެ.