ބޮލީވުޑް

ޝިލްޕާ އެނބުރިއައި ފިލްމު "ނިކައްމާ" ފްލޮޕް

ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ނުކުޅެ ހުރެފައި ޝިލްޕާ ޝެޓީ ކުޅުނު "ނިކައްމާ" ފްލޮޕްވެއްޖެ އެވެ.

ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހުވެސް މި ފިލްމަށް ލިބުނީ އެންމެ 51 ލައްކަ ރުޕީސްގެ ވިޔަފާރި އެވެ.

އަބިމަންޔޫ ދަސާނީ އާއި ޝާލީ ސެޓިއާ ވެސް މުހިއްމު ރޯލުތަކެއް ކުޅެފައިވާ މި ފިލްމުގެ ބައެއް ރިވިއުތައް ވެސް ވަރަށް ރަނގަޅެވެ. ނަމަވެސް ބެލުންތެރިން މި ފިލްމު ބަލަން ސިނަމާތަކަށް ދާހިތެއް ނުވިއެވެ.

ފިލްމު ކްރިޓިކްސް ޝުބްރާ ގުޕްތާގެ ރިވިއުގައި ބުނެފައިވާ ގޮތުގައި ޝިލްޕާގެ އެނބުރި އައުން ފާހަގަކުރި ފިލްމު ފްލޮޕްވުމުން ބޮލީވުޑްގެ މުސްތަގްބަލާ މެދު ކަންބޮޑުވާވަރު ވެއްޖެ ކަމަށެވެ.

"ނިކައްމާ"އަކީ މި ފަހަކުން ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ފްލޮޕްވީ ދިގު ލިސްޓަށް އިތުރުވީ ނަމެކެވެ.

މީގެ ކުރިން ޝާހިދު ކަޕޫރުގެ "ޖާޒީ'، ޖޯން އަބްރަހަމްގެ "އެޓޭކް"، އަޔޫޝްމާން ކުރާނާގެ "އަނޭކް"، އަކްޝޭ ކުމާރުގެ ބޮޑު ބަޖެޓް ފިލްމު "ސަމްރަތު ޕްރިތުވީރާޖް"، ކަންގަނާ ރަނާވަތުގެ "ދާކަޅް" ފްލޮޕްވެފައި ވެއެވެ.

ކިރިޔާ ވެސް އުއްމީދެއް ލިބޭ ފިލްމަކަށް މިފަހަކަށް އައިސް ރިލީޒްވެފައިވަނީ ކާރްތިކް އާރްޔަންގެ "ބޫލް ބުލައްޔާ 2" އެވެ. ފިލްމު ރިލިޒްކުރިތާ 2-3 ހަފުތާ ފާއިތުވީއިރުވެސް އަލަށް ރިލީޒްކުރާ ފިލްމުތަކަށް ވުރެ ރަނގަޅު ވިޔަފާރިއެއް މި ފިލްމަށް ލިބެމުންދެ އެވެ.