ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖުތަކެއްގައި ވަނީ ހަރުކަށި ފިކުރަށް ބޯލަނބާ މީހުންނާއި އެ ފިކުރަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ރާއްޖޭގައި ގިނަވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ އެކަމުގެ ހައްލަކަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ ހޯމް މިނިސްޓްރީން ރައީސް ސޯލިހްގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށެވެ. އެކަމުގެ ސަބަބުން ޓޫރިޒަމަށް އަސަރު ކުރި ނަމަވެސް ފަހުން ރަނގަޅު ވާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހް ވެސް އިންނަވާ މި ގުރޫޕްގައި ނަޝީދު ކުރައްވާ މެސެޖުތަކަށް ރައީސް ސޯލިހް ޖަވާބު ނުދެއްވާތީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އަރިހުގައި ރައީސް ނަޝީދު ވަނީ އެ މެސެޖުތައް ރައީސް ސޯލިހަށް ދެއްކެވުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ސޯލިހާއި މެންބަރު މުހައްމަދު ރަޝީދަކީ ޅިޔަނުންނެވެ.
ރައީސް ސޯލިހްގެ ސީދާ ބެއްލެވުމުގެ ދަށަށް ހޯމް މިނިސްޓްރީ ގެންދިއުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު ހޯމް މިނިސްޓަރަކަށް ހުންނެވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. ރައީސް ނަޝީދު މީގެކުރިން ވަނީ އަދާލަތު ޕާޓީން މިސަރުކާރުގެ ކަންކަމަށް މާބޮޑަށް ބަސް ކިޔާ، ސަރުކާރު ކޮންޓްރޯލް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް މިހާރު ގެންދަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. އެގޮތުން އިމްރާން މަގާމު ދުރުކޮށް، އެ މަގާމަށް އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ވަޒީރު މުހައްމަދު ޝިހާބް އައްޔަންކުރެއްވުމަށް ވެސް ބައެއް މެންބަރުން ދަނީ ގޮވާލައްވަމުންނެވެ.