ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ކުއްލި ޖަލްސާއަކަށް ނަޝީދު ގޮވާލައްވައިފި

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ހުށައެޅުއްވުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ވަނީ ފޮނުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންނާއި ޕީޖީން ރޭ އާންމު ކުރި މައުލޫމާތުގެ އަލީގައި ސަރުކާރުން އަމަލު ކުރަން ޖެހޭ ކަމަށް ފެންނަ ގޮތްތަކާއިމެދު ގޮތް ނިންމެވުމަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވެވުމަށް ހުށައަޅުއްވާ ކަމަށެވެ.

މި ހުށައެޅުއްވުމުގެ ކުރިއަށް ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

އަދި ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖުތަކެއްގައި ވަނީ ހަރުކަށި ފިކުރަށް ބޯލަނބާ މީހުންނާއި އެ ފިކުރަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ރާއްޖޭގައި ގިނަވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމުގެ ހައްލަކަށް ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ ހޯމް މިނިސްޓްރީ ރައީސް ސޯލިހްގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާށެވެ. އޭގެ ސަބަބުން ޓޫރިޒަމަށް އަސަރު ކުރި ނަމަވެސް ފަހުން ރަނގަޅު ވާނެ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހް ވެސް އިންނަވާ މި ގުރޫޕްގައި ނަޝީދު ކުރައްވާ މެސެޖުތަކަށް ރައީސް ސޯލިހް ޖަވާބު ނުދެއްވާތީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އަރިހުގައި ރައީސް ނަޝީދު ވަނީ އެ މެސެޖުތައް ރައީސް ސޯލިހަށް ދެއްކެވުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ސޯލިހާއި މެންބަރު މުހައްމަދު ރަޝީދަކީ ޅިޔަނުންނެވެ.