ވާހަކަ

ސިއްތާ

(22 ޖުލައި 2021 އާ ގުޅޭ)

މަސްތީ އޮއެވަރެއްގައި އޭނާ ޖެހެމުންދިޔަކަމުގެ އިންޒާރު ޟަމީރު ދޭންފެށިއެވެ. އެއަޑަށް ދެކަންފަތް ބީރުކުރީ ލައިޒަލްގެ ކަނދުރާގައި ބީހިލި ނީރާގެ އަތްތިލައެވެ. ސިއްރުކުރަން ބޭނުންވިޔަސް ސިއްރެއްނުވިއެވެ. ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހުނުއިރު ކަރަންޓު ޝޮކެއްގެ އަސަރު މައިބަދައިގެ ނަގުލާ ހަމައަށް ފޯރައިފިއެވެ. ހަގީގަތަކީ އަންހެން ކުއްޖަކާ ލައިޒަލް މިހާ ގާތްވެލި މީ ފުރަތަމަ ފަހަރެވެ. ނަމަވެސް އޭނާގެ ޢަމަލުން އެއީ އޭނާގެ ފުރަތަމަ ފަހަރުހެން މީހަކަށް ހީނުވާނެއެވެ. ޖެހިލުންވެ މޭ ތެޅިތެޅި އޮތްކަމެއް ނީރާއަށް އެނގޭކަށް ލައިޒަލް ނޭދެއެވެ. ނީރާ ވެސް ހަމަ އެފަދައެވެ. ހަޔާތުން ހާއްސަކަމެއް ދެވި ފުރަތަމަ ފަހަރަށް މިހާ ފުން ލޯތްބެއް މީހެއްދެކެ ވެވުނީ އަދިކިރިޔާއެވެ. ފިރިހެނަކަށް އޭނާއާ ކައިރިވުމަކީ އުނދަގޫ ކަމެކެވެ. އީހާންގެ ސަބަބުންނެވެ.

މަޑުމަޑުން އެސްފިޔަތައް ހަރަކާތްކޮށްލުމާއެކު ނީރާ ލޯ ހުޅުވާލިއެވެ. ތުންފަތް ލޮވެލެވުނީ ބޭއިޚްތިޔާރުގައެވެ. ތިރީ ތުންފަތުގަ ވިންދު ޖަހަމުންދިޔައެވެ. އިސް އުފުލާލީ ލައިޒަލްގެ މޫނަށް ބަލާލުމަށެވެ. އޭނާގެ މޫނުވަނީ މޫދާ ދިމާއަށް އަނބުރާލެވިފައެވެ. ފުންނޭވާއެއް ލައިޒަލް ލިއެވެ. އެ ނޭވާއާއެކު އޭނާގެ މޭ އުފުލި ތިރިވެލިއިރު ނީރާގެ އަތްތިލައާއި ހަށިގަނޑަށް އިހްސާސް ކުރެވުނެވެ.

"ކިހިނެއްވީ؟." ލައިޒަލްގެ ހިމޭންކަމާއި ދުރަށް ހުއްޓިފައިވި ނަޒަރުގެ ފުރަގަހުގައި ހިނގަމުން އައި ޝުއޫރުތައް އެނގެން ނީރާ ބޭނުންވިއެވެ.

"މީ... ނީގެ ފަސްޓް ކިސްތަ؟" ލައިޒަލްގެ ނަޒަރު ނީރާއަށް އަމާޒުވެލިއެވެ. އެކުރި ސުވާލުން ނީރާއަށް ލިބުނު ސިހުމުގައި ދެ ލޯ ބޮޑުކޮށްލެވުނެވެ. ތުންފަތުގައި ކަނާއަތްތިލަ ޖައްސާލިއެވެ. ހައިރާންކަމުގައި އޭނާ ވިއެވެ.

"ކިހިނެއް އެނގުނީ؟ އަހަންނަށް ގޯހެއް ހެދުނީތަ؟" އަމިއްލަ ހިތާ ނީރާއަށް ސުވާލުކޮށްލެވުނެވެ. އޭނާ ލަދުގަނެއްޖެއެވެ. މޫނުގެ ދޮންކަމުގެ މައްޗަށް ޖަންބުކުލަ ވެރިވަމުންދިޔައެވެ. ލައިޒަލްގެ ތުންފަތް ދެމިލިއެވެ. އޭނާ އެ ސުވާލުކުރީ ކުޑަކޮށް ވެސް ނީރާ ލަދުގަންނަވާލާކަށް ނޫނެވެ. އެނގެން ބޭނުންވީ ނީރާގެ ހަޔާތުން އެ ހާއްސަކަން ލިބުނު ފުރަތަމަ މީހަކީ އޭނާތޯއެވެ. އެހެންވިޔަސް ނީރާއަށް ވެރިވި އަސަރުތައް ހިތްގައިމު މަންޒަރަކަށް ލައިޒަލްއަށް ވެއްޖެއެވެ.

"ރަނގަޅަށްތަ ބުނެވުނީ." ނީރާ ލަދުން އުޅޭވަރުން އިތުރަށް ލަދުގަންނަވާލަން ލައިޒަލް ގަސްދުކުރިއެވެ.

"ނޯ..." ދެ ލޯ އަޅާލަމުން ލައިޒަލްއާ ދުރަށް ޖެހެން ނީރާ މަސައްކަތް ކުރިއެވެ. ނީރާ ދޮގެކޭ ބުންޏަސް ލައިޒަލްއަށް ހަގީގަތް ހާމަވެއްޖެއެވެ. އޭނާގެ އަތުގެ ތެރެއިން ނުކުމެ އެއްފަރާތުގައި ނީރާ މަޑުކޮށްލިއެވެ.

"ލަކީ މީ. އައި ވޯންޓެޑް ދެޓް.. ނީގެ ފުރަތަމައަށް ވުން..." ލައިޒަލްގެ އަޑު މަޑެވެ. މިފަހަރު އެ އަޑުގައި ދިމާކުރުމެއް ނެތެވެ.

ނީރާ ވާހަކަ ބަދަލުކޮށްލިއެވެ. ލައިޒަލްއާ ބެހޭ ގޮތުން އޭނާ ސުވާލުކުރިއެވެ. ދެމީހުން ލޯބިވެރީންނަށްވީ ގޮތެއް ނީރާއަކަށް ނޭނގެއެވެ. އެކަމަކު މިހާރު އެ ދެމެދުގައި އެ އޮތީ ލޯބިވެރީންގެ މެދުގައި އޮންނަ ފަދަ ގާތް ގުޅުމެއްކަމުގައި ނީރާ ގަބޫލުކުރެއެވެ. ލައިޒަލް އޭނާގެ ކައިރީ ރައްޓެހިވާކަށް ނާހައެވެ. އަދި ލޯބިވެޔެކޭ ވެސް ނުބުނެއެވެ. ފޯނުން ވާހަކަދައްކަންފެށިތާ ދުވަސްކޮޅެއް ފަހުން ކޮފީއަކަށް ދިއުމުގެ ހިޔާލު ފުރަތަމަ ހުށަހެޅީ ވެސް ނީރާއެވެ. ލައިޒަލް ދެކޮޅެއް ނުހަދައެވެ. އެއަށްފަހު ދެމީހުން ކޮންމެ ހަފްތާއަކު އެއް ދުވަހު ބައްދަލުކުރެއެވެ. އޮންނަ ގާތްކަމެއްވިއްޔާ ފާޅުކޮށްފައިވަނީ ކޮފީ މޭޒުދޮށުގައެވެ. އެހެންވެ ދަތުރުގައި ލައިޒަލް އިސްނެގި އިސްނެގުން އެއީ ނީރާއަށް އާކަމަކަށް ވިއެވެ. މިނޫނީ ލައިޒަލްގެ ބީހުންތައް ތަފާތުވި ފަހަރެއް ވެސް ނާދެއެވެ. އަދި ދެމެދުގައި އޮތް ގުޅުން ގާތްވެއްޖެކަމުގެ އިހްސާސް ނީރާއަށް ކުރުވައިދިން ޢަމަލަކަށްވިއެވެ. ލައިޒަލްގެ ފަރާތުން ނީރާއަށް އެނގެނީ އޭނާއަކީ މިއުޒިކު ބޭންޑެއްގައި އުޅޭ ޒުވާނެއްކަމެވެ. އާއިލާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގެއެވެ. އެހެންވިޔަސް ދެމެދުގައި ދައްކާނޭ ވާހަކަ ހުސްނުވެއެވެ. އަބަދު ބައްދަލުނުކުރިޔަސް ލައިޒަލްގެ ދިގު ކޯލުތަކުން ނީރާ ހުރީ ހިތްހަމަޖެހިގެންނެވެ. ކޮންމެ ދެ ލޯބިވެރިޔަކީ އީހާނާއި ޝީން ފަދައިން ވާކަށް ނުޖެހޭކަން ހިތަށް ވިސްނައިދީގެންނެވެ.

އަތިރިމަތިން އަރައިގެން އެއްގަމަށް ނީރާ އައެވެ. ދެމީހުން އެކުގައި ނާންނަން ވެގެން ލައިޒަލް ރާޅުފަށުގައި މަޑުކޮށްލައިގެން ހުރީއެވެ. ޓެންޓު ކައިރީ ހަރަކާތްތެރިވާ އެކުވެރީންގެ ތެރެއިން އީހާން ބަލަން ހުރި ގޮތް ނީރާއަށް ފެނުނެވެ.

"ކޮންތާކުން ތިއައީ؟" އީހާންގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.

"ރަށުތެރެ ބަލާލާފަ..." ދެންތިބި އެންމެންގެ މޫނަށް ބަލަމުން ނީރާ ޖަވާބުދިނެވެ.

"ކާކާއެކީ؟" އީހާން ދެވަނަ ސުވާލުކޮށްލިއެވެ. އެކަމާ ނީރާ ގަޔައެއްނުވިއެވެ. އޭނާ ވެސް އީހާން ކައިރީ ޝީންއާއެކު ދިޔައީ ކޮންތާކަށްތޯ ނާހައެވެ. މިހާރު ނީރާއަކީ ކަންކަން ނޭނގޭވަރު ކުޑަކުއްޖެއްނޫނެވެ.

"ނުބުނާނަން." ދެބުމަކައިރިކޮށްލުމާއެކު އީހާންގެ ރާގު ހުރިހެން ނީރާ ބުނެލިއެވެ. ދުރަށް ހިނގައިގަންނަން އުޅުމުން އޭނާގެ އަތުގައި އީހާން ހިފެހެއްޓިއެވެ.

"ބުނޭ." އީހާން އަމުރުކޮށްލިއެވެ. ޔަމާނާއި ރިދާއަށް ތިބެވުނީ ހައިރާންކަމެއްގެ ތެރޭގައެވެ. އީހާންގެ ނުފޫޒު ނީރާގެ މައްޗަށް އޮތްވަރު އެމީހުންނަށް ފެނުނީ އަދިކިރިޔާއެވެ. ޝީން އައިސް އީހާންގެ އަތަށް ދަމާލިއެވެ. އޭނާއަށް ވެސް އީހާންގެ އެ ޢަމަލު ބަލައިގަންނަން އުނދަގޫވީއެވެ.

"އެއޮއް އަންނަނީ... އެ ދެމީހުން ދިޔަތަނަށް ދިޔައީ." ރިދާމެން ކައިރީ ހުރެފައި އުޝާ ބުނެލިއެވެ.

އީހާންގެ ނަޒަރު އަތިރިމަތިން އަރައިގެން އަންނަ ލައިޒަލްއަށް ހުއްޓުނެވެ. ލޯ ހިމަކޮށްލެވުމާއެކު އީހާން ދަތްކުނޑިވިކާލިއެވެ. ނީރާގެ އަތުން އޭނާ ދޫކޮށްލިއެވެ. އޭނާއާއެކު އަންނާށޭ ބުނެ އީހާން ހިނގައިގަތެވެ. ނީރާ މަޑުމަޑުން އީހާންއާއެކު އައެވެ. އެކުވެރީންނަށް ދައްކާ ވާހަކަ ނީވޭނެކަން ޔަގީންވާ ހިސާބުގައި އީހާން މަޑުކޮށްލިއެވެ.

"މަންމައަށް ގުޅީންތަ؟" އީހާން އާދައިގެ ރާގުގައި އަހާލިއެވެ. ނީރާ ލައްވާލީ ހޫންއެކެވެ.

"ސޮރީ... ތަދުވިތަ؟" ނީރާ ދުރުބަލަމުން އަތުގައި ފިރުމާތަން ފެނި އީހާން ބުންޏެވެ.

"މިގެއެއްނޫނޭ ހުރިހާކަމަކާ އީހާން ބެހޭކަށް. އެންމެން ހީކުރާނީ ކީކޭ؟" ނީރާ ބަލާލިއިރު އެ ދެ ލޮލުގައިވީ ފޫހިކަމެވެ. އީހާން އިސްޖަހާލިއެވެ. ފިނިނޭވާއެއް ހަށިފުރާ ލިއެވެ. އަނެއްކާ ވެސް މައާފަށް އެދުނެވެ.

"ބޮޑު ފިރިހެން ގުރޫޕެއް ވެސް އައިސް އެބައުޅޭ. ނީރާ އެކަނި ދިޔަތަން ފެނުނޭ ރިދާ ބުނީމަ، އައި ގޮޓް ވޮރީޑް... ފިރިހެނުންނަކީ ކޮންކަހަލަ ބައެއްކަން އަހަރެން ނުބުނަންތަ؟. ނީރާއަށް ކަމެއްވެއްޖެއްޔާ މަންމައާއި ބޭބެއަށް އަހަރެން ދައްކާނީ ކޮންމޫނެއް. އަހަރެންގެ ފަރުވާކުޑަކަމުން ވީކަމެއްކަމަށް ވާނީ... އަހަރެން ޝީންއާއެކު ވަގުތު ހޭދަކުރަން ހަދައިގެން ނީރާއަށް ސަމާލުކަން ނުދެވުނު ކަމަށްވާނީ. ނޫންތަ؟. އަތިރިމަތި ބަލާފައި އަހަރެން އައީ... ނުފެނުނީމަ ކިރިޔާ މޮޔަނުވީ، އެހެންވެ ރުޅި އާދެވުނީ." ނީރާގެ ހިތް ރުއްސަން އީހާން ކުޅަދާނައެވެ.

"އިޓްސް އޯކޭ... ލައިޒަލް ދަނިކޮށް ފެނިގެން އަހަރެން އޭނާ ފަހަތުން ރަށުތެރެ ބަލާލަން ދިޔައީ." މައުސޫމް ގޮތަކަށް ނީރާ ބުނެލިއެވެ.

"ޕީސް..." އީހާން ދެ އިނގިލިދިއްކޮށްލިއެވެ. ދެމެދުގައި ދެބަސްވުމެއް ހިނގައިފިނަމަ ސުލްހަވުމުގެ ސަލާމަކީ އެއީއެވެ. އީހާންގެ ދެ އިނގިލީގައި ނީރާގެ ދެ އިނގިލި ވެސް ޖައްސާލައި އޮބާލުމާއެކު ދެމީހުންވެގެން ކޮއްޕާލިއެވެ. އެނބުރި އެންމެންގެ ތެރެއަށް ނީރާ ގޮވައިގެން އީހާން އައީ ހަމަޖެހިފައި ހުރެއެވެ. އެ މަންޒަރު ބަލަން ހުރި ލައިޒަލްގެ ދެބުމަ ކައިރިވެލީ ނީރާގެ ކޮނޑުމަތިން އަޅުވާލާފައި އޮތް އީހާންގެ އަތެވެ. ދެމެދުން ފެންނަމުންދިޔަ ގާތްކަމެވެ.

އެ ރަށަށް އަރައިގެން އުޅޭ ފިރިހެން ގުރޫޕުން މެންދުރަށް ކެއްކި ކާއެއްޗެހިން ގެނެސްދިނުމުން ޔަމާނު ވެސް މެންދުރަށް ހުރި އެއްޗެހިން ބައެއް ދިނެވެ. ކުޅިވަރުތައް ކުޅޭން އެމީހުންނާ އެއްބައިވުމަށް ދަޢުވަތު އައެވެ. ޒުވާނުންވީމަ ސަކަރާތް ބޮޑެވެ. އީހާން އިރުއިރުކޮޅާ ނީރާ އުޅޭނޫޅޭ ގޮތް ބަލައެވެ. ފިރިހެނަކާ ވާހަކަދައްކާނަމަ އެ ދެމެދަށް އޭނާ ވަދެއެވެ. އެކަނި އިން ޝީންގެ ކައިރީ ނީރާ އައިސް އިށީނީ އީހާންގެ ކަންތައް ބޮޑުވެގެންނެވެ.

"އީހާން އަބަދުވެސް އެހާ ޕްރޮޓެކްޓިވްތަ؟" ޝީން އަހާލީ ކައިރީގަ އިން ނީރާގެ ގާތުގައެވެ. އޭނާ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. ހަގީގަތް ހާމަކުރަން ނީރާ ފަސްޖެހެނީ ޝީން ކައިރީ އީހާން ދައްކާފައި ހުރި ވާހަކައެއް ނޭނގޭތީއެވެ. އޭނާއަށް ބުނެވޭ އެއްޗަކުން އީހާން ރުޅިއައުމަކީ ވެދާނެކަމެވެ.

"ތި ދެމީހުން ހާދަ ހެނދުނަކާ ގެއްލުނީ." ނީރާ ސަމާސާކޮށްލިއެވެ. އީހާންގެ ވާހަކަދައްކަން ބޭނުންނުވެގެންނެވެ.

"އީހާން ކިޔާވަރުން ދިޔައީ، ހާދަ ކެތްނުލަވާ ފިރިހެނެކޭ އެއީ." ޝީން ހިނިއައިސްފަ ބުނެލިއެވެ. މިފަހަރު އޭނާއަކަށް ވެސް އީހާންއާ ދެމެދު ހިނގައިދިޔަ ކަންތައްތަކުގެ ވާހަކަ ކިޔައިދޭކަށް ނުކެރުނެވެ. ނީރާއާ ހިއްސާކުރާ ވަރަށްވުރެ ލަދުވެތި ވާހަކަތަކެއްވީމައެވެ. އީހާންއަކީ އިންތިހާއަށް ކެތްތެރިކަން ކުޑަ ފިރިހެނެއްކަން ޝީންއަށް އެނގިއްޖެއެވެ. އެހެންވިޔަސް އީހާންގެ މައްޗަށް އޭނާގެ ހިތްވަނީ ލެނބިފައެވެ. އޭނާގެ ހުންނަ ސަމާސާ މިޒާޖާއި ލޯބިވެތި އަދާތައް ޝީންގެ ހިތް ފަތަހަކޮށްފިކަން ގައިމެވެ.

އިރުއޮއްސުނު ވަގުތެވެ. ރަތްވިލާ ލާފައި އޮތްއިރު އެފަދަ ރީތި މަންޒަރެއް މީގެ ކުރީން އެކަކުވެސް ނުދެކޭ ފަދައެވެ. ބަރިއަކަށް އެންމެން ވެލިގަނޑުމަތީ އިށީނދެލައިގެން ތިބީ ތުނޑިއާ ދިމާގައެވެ. އަނދިރިކަން ވެރިވާން ގިނައިރެއް ދެން ނުވާނޭކަން އެނގޭތީ އެންމެންގެ އަތުގައި ޓޯޗުތައް ވިއެވެ. މިހާރުއްސުރެ ލައިޒަލްގެ މުލައްދަނޑީގައި އުޝާ ހިފައިލައިފިއެވެ. އޭނާ އުޅެނީ މާބިރަކުންނެވެ. ލައިޒަލްގެ ނަޒަރު ސިއްރުން ނީރާއަށް ހުއްޓެވެ. އެމީހުންނާ އެކުވެރިކަން ބަދަހިވުމުން ދެން އުޅޭ ފިރިހެން ގުރޫޕު ވެސް ތުނޑިގަ އެމީހުނާއެކު އުޅެއެވެ. ކޮންއިރަކު ލައިޒަލް ގެނައި ކެމެރާއެއްކަމެއް އެކަކު ވެސް ނުދެނަހުއްޓެވެ. ތުނޑިއަށް އަންނަމުން އޭނާގެ ދަބަހުން ނެގުމުން އެންމެން ވެސް ހައިރާންވިއެވެ. އޭގެ ކުރީން އެންމެން ވެސް އުޅުނީ ފޯނުތަކުގެ ކެމެރާ ޖައްސައިގެންނެވެ. ދަތުރުގެ ހަނދާންތައް ފޮރުވުމަށް އެންމެން ވެސް އިސްކަން ދިނެވެ. އެކަކަށް ވެސް ނޭނގެނީ އެ ކެމެރާގައި އެހެން އެއްވެސް މީހަކަށްވުރެ ގިނައިން ނީރާގެ ތަސްވީރުތައް ހުރިކަމެވެ.

ހަނދުވަރުގެ އަލިކަމެއް ނެތް ރެއެވެ. އަނދިރިކަމުން ޖެހިގެން ހުންނަ މީހާ އެނގެނީ ކިރިޔާއެވެ. އީހާންގެ އެއްއަތުގައި ޝީންގެ އަތްތިލަވިއެވެ. އަނެއްއަތްތިލަ އޮތީ ނީރާގެ އަތާ ގުޅުވާލެވިފައެވެ. ޓެންޓުތައް ޖަހާފައި ހުރި ހިސާބަށް ދިއުމަށް އެންމެން ހިނގައިގަތެވެ. ކުއްލިއަކަށް ރިދާ ހަޅޭލަވައިގަތް އަޑަށް އުޝާ ވެސް ހަޅޭލަވައިގަނެއްޖެއެވެ. ޝީންއަށްވުރެ ކުރީން އީހާނަށް ދަމާލެވުނީ ނީރާގެ އަތަށެވެ. ފިރިހެން ގުރޫޕުގެ ހުނުމުގެ އަޑާއެކުވެގެން ޔަމާނުގެ އަޑު އައެވެ. ޓޯޗުތައް ދިއްލަމުން އެކަކުއަނެކަކަށް އަލިކުރަން ފެށިއެވެ. އެރޭގެ ސަކަރާތް ވަކިން ބޮޑުވިއެވެ. ކައިރީގަ ލައިޒަލް ހުރިކަމެއް ނީރާ ނުދެނަ ހުއްޓެވެ. ނަމަވެސް އަތުގައި ހިފާލުމާއެކު ބޮޑުވައި އިނގިލިން ފިރުމާލި ގޮތުން ނީރާއަށް ވަގުތުން އެއީ ލައިޒަލްކަން ބުނަން އެނގުނެވެ. އަނދިރީގައި އެ ދެމީހުންގެ އަތް ގުޅިފައިވީ ކަމެއް އެކަކު ވެސް ނުދެނަހުއްޓެވެ. ދެ ޒުވާނުންގެ ތުންފަތުގައިވީ ހިނިތުންވުމެއް ވެސް ނުފެނެއެވެ. ނީރާގެ އަތްތިލައިގަ ލައިޒަލް ހިފާލާ ކޮންމެ ފަހަރަކު އޭނާ އެގޮތަށް ބޮޑުވައި އިނގިލިން ފިރުމާލާ ފިރުމާލުން ނީރާގެ ހިތުގައި ބިންވަޅުނެގިފައި ވެއެވެ. ލޮލަށް ނުފެނުނު ނަމަވެސް އެއީ ލައިޒަލްއޭ ޔަގީންވީ އެހެންވެއެވެ.

އެންމެން އެބައެއްގެ ޓެންޓުތައް ކައިރިއަށް ގޮސް ހަމަޖެހުނެވެ. އަތިރިމަތީ ލައިޒަލްއާ ވާހަކަދައްކަން ނީރާ ހުރިތަން ފެނި އީހާން ހިނގައިގަތީ އެ ދިމާއަށެވެ. ދަތުރު އައިފަހުން އެ ދެމީހުންގެ ވާހަކަ ގިނަވެއްޖެކަން އީހާނަށް ފާހަގަވީއެވެ.

"އީހާން، އެމީހުން ވާހަކަދައްކަން ތިބެދާނެއެއްނު... ފެންނަ ހިސާބުގައެއްނު ނީރާ އެހުރީ." އީހާންގެ އަތުގައި ހިފަހައްޓަމުން ޝީން ވާހަކަދެއްކީ ސިއްރުންނެވެ.

"އައި ޑޯންޓް ލައިކް ހިމް." އީހާން ވަގުތުން ބުނެލިއެވެ.

"އަހަރެމެން ދެމީހުން ފަހަތުން ނީރާ އެބަދުވޭތަ؟ ކޮއްކޮއަކަށް ވިޔަސް ނީރާ މިހާރު ކުޑަކުއްޖެކޭ ނުބުނާނެ، އޭނާއަށް ވެސް މިނިވަންކަން ބޭނުންވާނެ. އީހާން އުޅޭ ގޮތުން ހީވަނީ...." ޝީން ބުންނަން އުޅެފައި ހުއްޓާލިއެވެ. ބުނުމަށްވުރެ ނުބުންކަން ރަނގަޅުވާނީ ވިސްނުނީއެވެ. އެފަދަ ޝައްކުގެ ބަހެއް އީހާނަށް ރައްދުކުރަން ބޭނުންނުވީއެވެ. އީހާނަށް ވެސް ޝީނަށް ބަލާލެވުނީ ތަފާތުކޮށެވެ. ހީވަނީ އޭނާ ނުބުނަން އުޅުނު ބަސް ދޭހަވީ ހެންނެވެ.

"ކޮންއިރަކު ލައިޒަލްއާ އެހާ ކްލޯޒްވީ. ދެމީހުން ހީވަނީ އެކަކުއަނެކަކަށް ވަރަށް ރަނގަޅަށް އެނގޭހެން." ނީރާއާއި ލައިޒަލްއަށް އީހާންގެ ނަޒަރު މަޑުމަޑުން ދަތުރުކޮށްލިއިރު އަމިއްލަ ޟަމީރާ އޭނާ ސުވާލުކުރިއެވެ.

"އީހާން..." ޝީން ގޮވާލިއެވެ. ގާތުގައި ހުރި ލޯބިވެރިޔާއަށް އީހާން ބަލާލީ އޭނާއަށް ޓަކައި ނިންމުން ބަދަލުކޮށްލި މީހަކު ފަދައިންނެވެ. އަދި ޝީންއާއެކު ހިނގައިގަތެވެ. އެހެންވިޔަސް އޭނާއަށް އިރުއިރުކޮޅުން ނީރާއާއި ލައިޒަލް ތިބި ދިމާއަށް ބަލާލެވެއެވެ. އެ ދެމީހުން ހަރަކާތެއްކޮށްލައިފިނަމަ އީހާންގެ ހިތް އަވަސްވެއެވެ. އީހާނަށް ހަމަޖެހިލެވުމާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ސަބަބަކަށްވީ ނީރާއާއި ލައިޒަލްގެ ކައިރިއަށް އުޝާ ދިއުމެވެ.

"ދައްތަ ޝައްކުވެގެން އަހާވަރުން އަހަރެން އިހާންގެ ވާހަކަ ކިޔާދީފިން، ބުނި އީހާނަށް އާދެވޭނެ ދުވަހެއް ބުނާށޯ، އެނގޭތަ! އަސްލު އެއުޅެނީ އީހާންއާ ބައްދަލުކުރަން ބޭނުންވެގެން، މަންމައަށް ވެސް ގުޅާފަ އެ ވާހަކަދައްކައިފި. އީހާން ރެޑީނުވަނީސް މިހެން ދިމާވީމަ ބުނަން ނުކެރިފަ ހުރީ." ޝީން ވާހަކައެއްފެށީ އީހާންގެ ސަމާލުކަން ހޯދަން ބޭނުންވެގެންނެވެ.

"އަހަރެން ރެޑީ. ޝީން ދުވަހެއް ބުނޭ. އާއިލާއަށް ސިއްރުން އުޅޭކަށްނޫން ރައްޓެހިވީ." އީހާން ބުންޏެވެ.

ޝީން ބޭނުންވަނީ އެ ދެމެދުގައި އެޅުނު ބިންގާ ވަރުގަދަ ކުރާށެވެ. އާއިލާގެ ރުހުމާއެކު އެ ގުޅުމުގައި ކައިވެނީގެ ގޮށް ޖަހާލުމަށެވެ. ދާއިމީ ފުރިހަމަ ގުޅުމަކަށް ވާނީ އޭރުން ކަމުގައި ގަބޫލުކުރެވޭތީއެވެ. އީހާންގެ އާއިލާއާ ބައްދަލުނުވިޔަސް އޭނާގެ ވަނަވަރު އެނގިފައި އޮތުމުން އެއީ ރަނގަޅު އާއިލާއަކަށް ނިސްބަތްވާ ޒުވާނެއްކަން ޝީންއަށް އޮތީ އެނގިފައެވެ.

މާލެ އަންނަންވީއިރު ހަނދާނުން ފިލައިގެން ނުދާނޭ އެތައްކަމެއް ދަތުރުގައި ހިނގައިފިއެވެ. މާލޭ ފަޅަށް ލާންޗު ވަނީ ހޮނިހިރު ދުވަހު އިރުއޮއްސެނިކޮށެވެ. މާލެ އަންނަން ދަތުރު ފެށީއްސުރެ ސުޖާއު އިރުއިރުކޮޅަކާ އީހާނަށް ގުޅައެވެ. އެމީހުން އެންމެ އަޖައިބުވީ ސުޖާއާއެކު ލަމްހާ އައިސް އިންކަން އެނގިގެންނެވެ. ތަންތަނަށް އަނބުރާ ގެންދަން ހުރި އެއްޗެހި ގެންދިއުމުގައި އީހާން އެހީވާން މަޑުކުރިއެވެ. އޭރު ޔަމާނު ކައިރީ ލައިޒަލް ވެސް ހުއްޓެވެ. ނީރާ ގޮވައިގެން ސުޖާއާއި ލަމްހާ ގެއަށް ދިޔައީ ޔަމާނުއާއެކު އަންނާނަމޭ އީހާން ބުނީމައެވެ. ހަގީގަތަކީ ޝީން ދޫކޮށްލާފައި ދެވެން އީހާނަށް ނެތީއެވެ.

ފެންވަރައިގެން ނުކުތްއިރު ނީރާ ހުރީ އިތުރަށް ވަރުބަލިވެފައެވެ. ދޮރުގައި ޓަކިޖެހުމަށްފަހު ވަންތަން ފެނުނީ ލަމްހާއެވެ. ބޯ ހާވާލައިގެން އަތަށް ފުނާއަޅަން ގެންގުޅޭ ބުރުސްލައިގެން ނީރާ އިންގޮތް ފެނި ލަމްހާ ހިނިތުންވެލިއެވެ. ކައިރިއަށް އައިސް ބުރުގަސް ނަގައި ނީރާގެ އިސްތަށިގަނޑުގައި ފުނާ އަޅައިދޭން އޭނާ ފެށިއެވެ.

"ނިދަން ބޭނުންވެފަ ދޯ ތިއިނީ." ލަމްހާ އަހާލިއެވެ. ނީރާ ބޯޖަހާލީއެވެ.

"އީހާން އައީތަ؟" ނީރާ އަހާލިއެވެ.

"ދެންމެ އައީ، ކޮޓަރިއަށް ވަދެއްޖެ... މަންމަ ހިތަށް އެރި ތިކުދީންނާއެކު ދެވުނުނަމައޭ، ހާދަ ރީއްޗޭ ދޯ އެ ރަށް." ނީރާ ފޮނުވި ފޮޓޯތަކާއި ވީޑިއޯތައް ބެލިކަން ލަމްހާގެ ވާހަކައިން އެނގުނެވެ.

"މަންމަ އަރާހިތް ވެސް ނުވާނެ މޫދުން. ބޮޑޭ ބުންޏަސް ބޮޑު ތުނޑިއެއް އެއީ... ފޮޓޯއަށްވުރެ މާރީތި އެތަނުގައި ހުރެވޭއިރު." ހިނިއައިސްފަ އިނދެ ނީރާ ބުނެލިއެވެ.

"އެއީ ކޮންކުއްޖެއްތަ؟ ބޭބެ ބުނި ފުރަން ގޮސް ތިބިއިރު އީހާންއާ ވަރަށް ރައްޓެހިކޮށް އުޅުނު ކުއްޖެކޭ." ލަމްހާ ވާހަކަފެށީ ދުރުދުރުންނެވެ. ނީރާއަށް ވަގުތުން އެ ދައްކަނީ ޝީންގެ ވާހަކަކަން އެނގިއްޖެއެވެ.

"މަންމާ އަހާބަލަ އީހާން ކައިރީ. މަންމައަށް ކިޔާދޭނެ." ނީރާ އެނބުރި ފަހަތުގައި ހުރި ލަމްހާއަށް ބަލާލިއެވެ.

"ދެން ދަރިފުޅޯ!... ކުއްޖަކާ ގުޅުމުގެ ހިޔާލެއްނެތްތަ؟" ލަމްހާ ބުނެލިއެވެ.

"އެކަންވެސް އަދިވާނެ... އެހެންނޫނަސް އަހަންނަށްވުރެ އަބަދުވެސް ކުރީގަ އުޅޭ މީހަކީ އީހާން. ބޭބެ ވެސް ވަރަށް ސުވާލުކުރި. ހަމަޔަގީން، މަންމަ އަހައިފިއްޔާ ކިޔާނުދީ ނުކެރޭނެ." ނީރާ ބުންޏެވެ.

"ވިސްނިއްޖެ. އީހާން ކަމެއް އެބަކުރޭ. އެހެންވީމަ އެކުއްޖަކީ ހާއްސަ ރަހުމަތްތެރިއެއް." ލަމްހާ އެއްލޯ މަރާލި ގޮތުން ނީރާ ހޭންފެށިއެވެ.

ލައިޒަލްގެ ޚަބަރެއް ނުވެގެން ނީރާ މެސެޖު ކުރިއެވެ. ނަމަވެސް ޖަވާބެއް ނައެވެ. ނިދީގެ ބަރުހެލިކަން ބޮޑުވެ ދެ ލޯ މަރާލި ގޮތަށް ނީރާއަށް ހޭލެވުނީ ފޯނު ރަނގަބީލުވާ އަޑަށެވެ. އެނދުއަރިމަތީ ހުރި ކަބަޑުމަތިން ފޯނު ނަގައި އެލާމް ކަނޑާލިއެވެ. އެއާއެކު އޭނާއަށް ހައިރާންކަން ލިބުނެވެ. އެނދުގައި އީހާން ނެތުމުންނެވެ. ރޭގަ އޭނާ އެކޮޓަރިއަށް އައިކަމުގެ އެއްވެސް ލިސާނެއް ނެތެވެ. ފާހާނާއަށް ވަދެފައި ނުކުތް ގޮތަށް ކޮޓަރިން ނީރާ ނުކުތެވެ. ބަދިގޭ އައިލެންޑް ދޮށުގައި ސުޖާއު ސައިބޯން އިނެވެ. އެތަނުގައި ލަމްހާ ހަރަކާތްތެރިވާތީ ފެނުނެވެ. އެދިމާއަށް ދިއުމުގެ ކުރީން ނީރާ އައިސް ހުޅުވާލީ އީހާންގެ ކޮޓަރީ ދޮރެވެ. އެނދުގައި ގަދަ ނިދީގައި އީހާނު އޮތްތަން ފެނުނެވެ. (ނުނިމޭ)