ވާހަކަ

ވީމޭ ކަލާޔާނުލާ

(24 ޖުލައި 2021އާ ގުޅޭ)

"ޝަހުރު..." ޝީލާގެ ކަޅި އަމާޒު ވެފައި ވަނީ ސީދާ ޝަހުރުގެ ދެލޮލަށެވެ. އެ ދެލޮލުން ޝީލާގެ ހިތުގައި އުފެދިފައިވާ ވަހުމް ތަކަށް ފުރިހަމަ ޖަވާބެއް ލިބޭތޯއެވެ. ނަމަވެސް ޝަހުރުގެ ސަމާލުކަން ހުއްޓިފައި ވަނީ އޭނާގެ މަންމައަށެވެ. ޝަހުރަށް ގޮވުމުން ވެސް އޭނާ އެކަމަށް އިޖާބަ ނުދިނީއެވެ.

"ޝަހުރު.. އަހަރެން މި ގޮވަނީ ޝަހުރަށޭ! އަޑު ނީވެނީތަ؟ ނޫނީ އިވޭ ކަމު ނުހަދަނީތަ؟" ޝީލާ ވާހަކަ ދައްކަން ފެށީ ރުންކުރު ރާގެއްގައެވެ. ހިތްހަމަ ނުޖެހިގެން ހުރެގެންނެވެ. އެހިސާބުން ޝަހުރު ބަލައިލީ ޝީލާއަށެވެ.

"ކީކޭ ދޮންތާ؟ ކިހިނެއްތަ ވީ؟" ޝަހުރު އަހައިލީ މަޑުމަޑުންނެވެ. ޝީލާގެ ވާހަކަދެއްކުން ހުރި ގޮތުން މަންސޫރު ވެސް ހުރީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. މުނާސަބަތު ނޫން ގަޑިއެއްގައި އެފަދަ ގޮތަކަށް ނުރުހިފައި ވާހަކަދެއްކުމުންނެވެ.

"އާދޭ!" ޝީލާ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ޝަހުރަށް ބަލައިލަމުންނެވެ. މި އަންނަނީ ކަމަށް ބުނެ، ޝަހުރު ވެސް ޝީލާގެ ފަހަތުން ހިނގައިގަތެވެ. މި ވާން އުޅޭ ގޮތް ނޭނގިފައި ހުސްނާ އާއި މަންސޫރު އިނީއެވެ. ޔޫހާގެ ޢާއިލާ ވެސް އިނީ ވާނުވާ ނޭނގިފައެވެ. ޝީލާގެ މިޒާޖަކީ އެމީހުންނަށް އައު ކަމެއް ނޫނެވެ.

"އަހަރެން ބޭނުންވީ ވަގުތުން ވަގުތަށް މިކަން ޔަޤީން ކުރަން. ކަށަވަރު ކުރަން. ހިތުގެ ޝައްކުތައް ފިލުވަން. އަހަރެން ނޭދެން މަންމައަށް އަނެއްކާ ވެސް ދެރައެއް ލިބޭކަށް. މަންމަ އޮޅުންގަނޑެއްގެ ތެރޭގަ ބަހައްޓާކަށް. އެހެންވީމަ އިތުރު ޑްރާމާ ތަކެއް ނުޖައްސާ ރީއްޗަށް ބުނޭ!" ކޮޓަރިއަށް ޝަހުރު ވަނުމާ އެކު، ދޮރު ތަޅުލުމަށްފަހު ޝިލާ ބުނެލިއެވެ.

"ކޯއްޗެއްތަ އަހަރެން ބުނަންވީ؟ ކޮބާތަ ދޮންތަގެ މައްސަލަ އަކީ؟ ބަލަ ދޮންތަ އެބަ ވިސްނަންތަ މަންމަގެ ޙާލަތާ މެދު؟ ވިސްނާ ނަމަ މަންމަ ކުރިމަތީ ވާހަކަދައްކާނީ ތިހެނެއް ނޫން ދޯ؟" ޝަހުރު ނުރުހިފައި ހުރެ ބުނެލިއެވެ.

"މޮޅެއްނު ދެއްކި ވާހަކަ! ބަލަ އަހަރެން ދޯ މަންމައަށް އެ ޙާލު ޖެއްސީ؟ ހޫނ! އަހަރެން ބޭނުމެއް ނޫން މާކަ ގިނަ ބޭކާރު ވާހަކައެއް ދައްކާކަށް. ބުނޭ! މިހާރު ކޮން އޮޅުވާލުމެއްގަ ތި އުޅެނީ.." ޝަހުރުގެ ކުރިމަތީގައި ޝީލާ ހުއްޓުނެވެ. ޝީލާ ވާހަކަ ދައްކަމުން ދިޔައީ މަޑުމަޑުންނެވެ. ބޭރުގައި ތިބި މީހުންނަށް އަޑު އިވިދާނެ ތީއެވެ.

"'ކޯއްޗެއްތަ ބުނަންވީ؟" ޝަހުރު އެހެން އަހައިލީ، އޭނާގެ ދޮންތަގެ މަގުސަދު ނޭނގުމުންނެވެ.

"ލިވިޔާ... އޭނަ ދޫކޮށްލީތަ އަސްލަށް؟ ވަރިކޮށްލީ؟" ޝީލާ ކޮށްލި ސުވާލުން ޝަހުރަށް އުދަނގޫ ވިއެވެ. ޝީލާއަށް އެހަން އަހައިލަން ފަސޭހަ ވުމުންނެވެ. ޙަޤީޤީ ލޯބީގެ ހައްގުގައި ޝަހުރު އެކަނި ވަމުންދާ ޤުރުބާނީ މަތިން ހަނދާން ވުމުންނެވެ.

"ނޫން! އަހަރެން ލިވީ ވަރިއެއް ނުކުރާނަން.."އެންމެ ސިކުންތު ކޮޅަކު ވެސް ޝީލާގެ ކުރިމަތީގައި ހުންނަން ޝަހުރު ބޭނުމެއް ނުވިއެވެ. އެހެން ކަމުން ވަރަށް އަވަސްކޮށް ޝަހުރު ކޮޓަރިން ނުކުމެ، އޭނާގެ މަންމަގެ ގާތަށް ދިޔައެވެ. އެއްވެސް ކަމެއް ވިހެން ޝަހުރުގެ މޫނުމަތިން ނުފެނެއެވެ. އެކަން ދައްކަން ވެސް ޝަހުރު ބޭނުމެއް ނޫނެވެ. ޝަހުރު ވަރަށް ލޯބިން އޭނާގެ މަންމައާ ވާހަކަ ދައްކަމުން ދިޔައީ ހިތަށް އެތައް ކަމެއް އަރާ ފައިބަމުންދާ ޙާލުގައެވެ.

***

ދުވަސްތައް މާޒީގެ ސަފުހާގައި ވޭތުވަމުން ދަނީއެވެ. ޝަހުރު އާއި ލިވިޔާ ވަކިން ދިރިއުޅެން ޝަހުރު ވަނީ ތަނެއް ނަގައިފައެވެ. އެ ގޭގައި ގިނަ ވަގުތު ލިވިޔާ ހޭދަ ކުރަނީ އެކަންޏެވެ. ވަޒީފާގައި އުޅެމުން، ޝަހުރުގެ ޢާއިލާއަށް ވަގުތު ހުސްކޮށްފައި ޝަހުރަށް ލިވިޔާއަށް ދެވެނީ ކުޑަ ވަގުތުކޮޅެކެވެ. ގިނަ ރޭރޭ ޝަހުރު ނިދަނީ ވެސް އޭނާގެ ޢާއިލާގެ ގާތުގައެވެ. ވަޒީފާއޭ ކިޔައިގެން ދޮގެއް ހަދައިގެން މަދު ރެއެއްގައި ނުކުމެވޭ ފަހަރަކު ޝަހުރަށް އެ ލިބުނީ ލިވިޔާއާ އެކުގައި ނިދާލަން ވަގުތުކޮޅެކެވެ. އެފަދަ ގޮތަކަށް ޝަހުރު އުޅެމުން ދިޔައެއް ކަމަކު، ލިވިޔާ ޝަކުވާ އެއް ނުކުރެއެވެ. ޝަހުރުގެ ޙާލަތު ވަރަށް ރަނގަޅަށް ލިވިޔާ އަށް އެނގެއެެވެ.

ލިވިޔާ އެހެން ގެއަކަށް ބަދަލު ވިއެއް ކަމަކު، އޭނާގެ ގާތަށް އޭނާގެ މައިންބަފައިން ޒިޔާރަތްކޮށް ހަދައެވެ. އެމީހުން އަންނަ ވަގުތުތަކުގައި ޝަހުރު ގޭގައި ނޫޅޭތީ އެކަމާ ގުޅޭ ގޮތުން ވެސް ސުވާލު ކުރެއެވެ. ނަމަވެސް ވަޒީފާ މަތިކޮށްފައި ހުރިހާ ކަމެއް ބައްދައިލަން ލިވިޔާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ކޮންމެވެސް ދުވަހަކުން މި ޙާލަތުން މިންޖު ވާނެ ކަމަށް ލިވިޔާއަށް އުއްމީދު ކުރެވޭތީއެވެ. އެފަދަ ޙާލެއްގައި ލިވިޔާ 2 ހަފުތާ ވޭތުކޮށްފިއެވެ.

***

"ދަރިފުޅާ! ޝަހުރު.." ހުސްނާ އޭނާގެ އަތް މަޑުމަޑުން ބާއްވައިލީ ޝަހުރުގެ ފަލަ މަސްގަނޑުމަތީގައެވެ. ހުސްނާގެ ގާތުގައި ޝަހުރު ގިނަ ވަގުތު ތަކެއް ހޭދަ ކުރާތީ، އެކަމާ ހުސްނާ ވަރަށް އުފާ ކުރެއެވެ. ހުސްނާ އެންމެ އުފާވަނީ ޝަހުރު އޭނާގެ ބަސް ޤަބޫލު ކުރީތީއެވެ. ހުސްނާއަށް އެނގިފައިވާ ގޮތުގައި ލިވިޔާ އާއި ޝަހުރު އުޅެނީ މައްސަލަ ޖެހިގެންނެވެ. އެހެންކަމުން، ޝަހުރު އެކަމާ ހިތްހަމަ ނުޖެހިގެން ހުސްނާގެ ބަސް ޤަބޫލު ކޮށްގެން ހުސްނާގެ ގާތުގައި އުޅެނީ ކަމަށެވެ. މީ މަންސޫރު ވެސް ޤަބޫލު ކުރާ ގޮތެވެ. ކަމުގެ ޙަޤީޤަތް އެނގެނީ ހަމަ އެކަނި ޒަކްވާނަށެވެ. ޝީލާގެ ހިތުގައި އެއްވެސް އިތުބާރެއް ނެތަސް އޭނާ އަށް ވެސް ޤަބޫލު ކުރަން ޖެހިފައި ވަނީ ޝަހުރު ބުނާ ވާހަކައެކެވެ. ކަމުގެ ދޮގު ތެދު ޝީލާ އަކަށް ވެސް ނޭނގެއެވެ. ނަމަވެސް ވިސްނުންތެރި ކަމާ އެކުގައި ޝީލާ ވެސް ގެންދިޔައީ އޭނާގެ އަމިއްލަ ޕްލޭނެއް ރާވަމުންނެވެ.

"ދަރިފުޅާ! ކޮން އިރަކުން ދެން ޝީލާ ދޫކޮށްލާނީ؟ ތިގޮތަށް މައްސަލަ ޖެހޭ އިރު، ކައިވެނި ކޮށްގެން އުޅުމުގެ ބޭނުމެއް ނެތެއްނު؟ ދަރިފުޅު ދެން ވިސްނާލާފަ ގޮތެއް ނިންމަ ބަލަ! ޔޫހާ ވެސް އެ ހުރީ.. ހަމަ ދަރިފުޅުގެ ހައްޤުގަ.. ކިހާ ރަނގަޅު ކުއްޖެއް އެއީ.." ހުސްނާ ވާހަކަ ދައްކަމުން ދިޔައީ ޝަހުރުގެ ފަލަމަސް ގަނޑުގައި އަތް ބާއްވައިލައިގެން އޮވެއެވެ. އެއްވެސް އެެއްޗެއް ނުބުނެ ޝަހުރު ބަލަން އިނީ ހުސްނާގެ މޫނަށެވެ. ޝަހުރުގެ ހިތް ރޯ އަޑު އޭނާގެ މަންމައަށް އިވޭނެ ނަމައޭ ޝަހުރުގެ ހިތަށް އަރައެވެ.

"އާނ މަންމާ! އެކަމާ މާ ބޮޑަށް ނުވިސްނާ.. އަހަރެން ހަދާނީ މަންމަ ބުނާ ގޮތް.." ޝަހުރު އެހެން ބުނެލީ ގަދަ ކަމުން ހީނލައިގެން ހުރެއެވެ. އެ ހިނިތުން ވުމުގައި އެއްވެސް އިޙްސާސެއް ނެތެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. ޝަހުރު ތައްޔާރު ވަމުން ދިޔައީ ލިވިޔާއާ ބައްދަލުކޮށްލުމަށްފަހު، ޑިއުޓީއަށް ދިޔުމަށެވެ. އެއް ކޮޓަރީގައި ޝަހުރު ތައްޔާރު ވަމުން ދިޔައިރު، އަނެއް ކޮޓަރީގައި ޝީލާ ގެންދިޔައީ އޭނާގެ އަމިއްލަ މިޝަނެއްގައެވެ. ޝީލާ ހީވަނީ ވަގަކު ހިފައި ގަންނަން ތައްޔާރުވާ ހެންނެވެ. ޝަހުރު ގެއިން ނުކުތުމާ އެކު، ވަރަށް ސިއްރުން ޝީލާ ވެސް ގެއިން ނުކުތެވެ. ޝީލާ ގެއިން ނުކުތް އިރު، އޭނާގެ ރަހުމަތްތެރިއެއް ސައިކަލުގައި އިނެވެ.

"ނައްޓާލަންވީ.. އެ ސައިކަލް ފަހަތުން.." ސައިކަލަށް އަރަމުން، ޝީލާ ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ސައިކަލު ދުއްވަން އިން މީހާ މުގޯލި އަޅަން ފެށީ ޝަހުރެވެ. ޝަހުރުގެ ސައިކަލް ފަހަތުން، އޭނައަށް ފާރަލަމުން ޝީލ އިން ސައިކަލް ވެސް ދުއްވަމުން ދިޔައެވެ.

"އާނ! މިތާ މަޑުކޮށްލާ!" ޝީލާ ވަރަށް އަވަސްކޮށް ސައިކަލުން ފޭބިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ޝަހުރުގެ ފަހަތުން އޭނާ ވަތް ގެއަށް ޝީލާ ވެސް ވެދެގަތެވެ.

"އައި މިސް ޔޫ ސޯ މަޗް.." ލިވިޔާގެ ގައިގައި ވަރަށް ލޯބިން ބައްދައިލަމުން، ޝަހުރު އެހެން ބުނެލިއެވެ.

"މިސް ޔޫ މޯރ. އާދޭ ސައިބޯން!" ޝަހުރުގެ މޭގައި ބޯ އަޅައިލައިގެން އޮވެ، ލިވިޔާ ވާހަކަދެއްކިއެވެ. ލިވިޔާގެ ނިތަށް ބޮސް ދިނުމަށްފަހު، ޝަހުރާއި ލިވިޔާ ހިނގައިގަތީ ކާގެއާ ދިމާލަށެވެ. އެވަގުތުގައި އެގޭގެ މައި ދޮރުގައި ކަންފަތް ޖަހައިގެން ހުރި ޝީލާ ހިފައިލީ ދޮރުގެ ތަޅުގައެވެ. ދޮރު ތަޅު ނުލައި ހުރުމާ އެކު، ވަގުތުން ދޮރު ހުޅުވުނެވެ. ޝީލާގެ ދެލޯ ވަގުތުން ދިޔައީ ބޮޑުވެގެންެނެވެ. ޝީލާގެ ކުރިމަތީގައި ހުރީ ޝަހުރާއި ލިވިޔާއެވެ. ދޮރު ހުޅުވުނު އަޑަށް އެ ދެމީހުން ވެސް ތިބީ ހުއްޓިގެންނެވެ. ޝީލާ އަށް ވަގުތު ކޮޅަކު އެއްވެސް އެއްޗެއް ނުބުނެވި، ގަނބުވިއެވެ.

"ސާބަހޭ! ސާބަހޭ!" ދެއަތް ދެއަތަށް ޖަހައިލަމުން، ޝީލާ އެހެން ބުނެލީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން ހުރެގެންނެވެ. (ނުނިމޭ)