ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އޯގަސްޓްގެ ނިޔަލަށް އެންމެންނަށް ވެކްސިން ޖެހޭނެ

ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް އަންނަ މަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރޭގަ އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ފަށަން ތައްޔާރުވަމުން އަންނަ ކޮވިޑް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމު އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމުގެ އަމާޒަކީ ފުރަތަމަ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެއަށްފަހު އެ ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ފާހަަގަކުރެއްވި އެވެ.

"މީގެ އިތުރުން ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަ ކުރެވޭ ވަރަށް ރާއްޖެއަށް މިހާރު ވަނީ ވެކްސިން ގެނެސްފައި. މިފުރުސަތުގެ ބޭނުން ހިފައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެއްވުމަށް ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑާ އެކު މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި ވިސްނުން ދެން އަމާޒުކުރަންވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އާންމު ދިރިއުޅުމާއިގެން ކުރިއަށް ގޮސް ގައުމުގެ އިގްތިސޯދަށް އިތުރު ދިރުމެއް ގެނައުމަށްކަމަށެވެ. އަދި މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް ނަސީބެއް ކަމަށްވެސް އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި މިހާތަނަށް ދެވަނަ ޑޯޒް ޖަހާފައި ވަނީ 260،991 މީހުންނެވެ. ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 321،350 މީހުންނެވެ. ގިނަބަޔަކު ޖަހާފައި ވަނީ ޑީންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ.