މިނިވަން ދުވަސް

ލޭ ހުއްދަ ކުރާ މީހުންނާ ދެކޮޅަށް ތެދުވަން އެދިވަޑައިގެންފި

އިސްލާމް ދީނަކީ ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަ ކުރާ ދީނެއް ކަމުގައި ދެކެ، އެ ވިސްނުން ފަތުރާ އާންމު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން ދިއުމަކީ ނުރައްކާތެރި ކަމަކަށްވާތީ ދިވެހި ރައްޔިތުން ފާޅުގައި އެކަމާ ދެކޮޅަށް ތެދުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ލިބުނު ކޮންމެ ނަސްރަކީ ރާއްޖޭގެ ރައްޔިތުން އިސްލާމްދީނުގެ ސައްހަ އަގީދާގައި ސާބިތުވެ އެއްބައިވަންތަކާމާއެކު ތިބުމުގެ ހެޔޮ ނަތީޖާ ކަމަށެވެ.

އިސްލާމް ދީނަކީ ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި އާންމުކުރުމަށް، ހަމައަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި އެބަ މަސައްކަތް ކުރޭ. މިއީ މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ފަދަ ނުރައްކާތެރި ކަމެއް
އިބްރާހީމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ދުނިޔޭގެ ބައެއް ގައުމުތައް ވަކިން ހާއްސަކޮށް އިސްލާމީ ގައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަސްލަކީ ހަރުކަށި ފިކުރީ އޮއިވަރަށް ޖާގަ ދިނުމުގެ އަސްލު ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެގައުމުތަކުގައި އެންމެ ފުރަތަމަ އުފެދުނީ އެއްބަޔަކު އަނެއް ބައެއްގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައް ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން މިއަދު އެއިން ކޮންމެ ގައުމަކީ މިނިވަންކަމާއި ސުލްހައާއި ހަމަޖެހުން ގެއްލިފައިވާ ގައުމުތަކެއް ކަމަށާއި އެކަމުން އިބްރަތް ލިބިގަތުމަށް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ އިސްލާމް ދީނަށް އިހާނެތިކުރުމާއި، ދީނަށް ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް މުޖުތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއް ކަމަށެވެ. އެހެންކަމުން ދީނަށް ފުރައްސާރަ ކުރުމާއި ހަރުކަށި ފިކުރު ފަތުރަން ކުރާ މަަސައްކަތަކީ އެއްވެސް ހާލެއްގައި ދިވެހި މުޖުތަމައުގައި ޖާގަދެވިގެން ނުވާނެ އިޖުތިމާއީ ދެ މައްސަލަ ކަމަށްވާތީ އެކަމަށް ފުރުސަތު ނުދެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.

"އެއީ އެއްވެސް ހަމައަކުން ބަލާއިރު އިސްލާމް ދީނުގެ އަހްލާގީ ހަމަތަކާއި ދީނީ އުސޫލުތަކާއި ގުޅުމެއް ހުރި ފިކުރުތަކެއް ނޫން. އިންސާނީ ހަމަ ބުއްދިން ވިސްނާއިރު ވެސް އިންސާނީ މުޖުތަމައެއްގައި ފަތުރަން ހެޔޮވާވަރުގެ ފިކުރުތަކެއް ނޫން"

ރައީސް ވިދާޅުވި ގޮތުގައ ދީނަށް ފުރައްސާކުރުމާއި ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލަ އަށް އޮތް ހައްލަކީ ގާނޫނީ ފިޔަވަޅުތަކެއް އެޅުމެއް ނޫނެވެ. އެކަމުގެ ހައްލަކީ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުމެވެ. އެގޮތުން ޅަފަތުން ފެށިގެން އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަށް ތައުލީމީ ނިޒާމުގެ ތެރެއިން ކުރެވެން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަނެ އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.

މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު މިނިވަންކަން ހޯދައިދެއްވުމަށް ޖިހާދު ކުރެއްވި ގައުމީ ބަތަލުންގެ ހަނދާން އަބަދުވެސް އާކުރުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ގައުމީ ވާޖިބެއް ކަމުގައި ދެކި އެގޮތަށް އަމަލުކުރުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.