ހަބަރު

2021: ބޮޑު އީދާއި މިނިވަން ދުވަހާއެކު 12 ދުވަސް ބަންދު

Dec 27, 2020
1

އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ 2021 ގެ ކަލަންޑަރުގައި ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ދުވަސްތަކުގެ އިތުރުން، އިތުރު ދެ ދުވަހެއް ބަންދު ކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅި އިތުރު ދުވަސްތައް

  • 18 ޖުލައި 2021 (އާދީއްތަ)
  • 25 ޖުލައި 2021 (އާދީއްތަ)

ސަރުކާރުން ބަންދު ކުރަން ރައީސް ނިންމަވާފައިވާ މި ދެ ދުވަހަކީ އަންނަ އަހަރުގެ އަލްހާ އީދު ދުވަހުގެ އިތުރުން މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގެ މެދަށް ވަންނަ ދެ ދުވަހެވެ.

މިގޮތުން، 16 ޖުލައި 2021 އަކީ ހުކުރު ދުވަހެއް ކަމަށްވާއިރު، އަންނަ އަހަރުގެ ހައްޖު ދުވަހަކީ 19 ޖުލައި ވާ ހޯމަ ދުވަހެވެ. އަދި ހައްޖު ދުވަހާއި ވިދިގެން އަންނަ އަލްހާ އީދު ދުވަހުގެ ބަންދު ދުވަސްތައް 24 ޖުލައި ވާ ހޮނިހިރު ދުވަހާ ހަމައަށް ދިގުދެމިގެންދާއިރު، ރައީސް ބަންދުކޮށްދެއްވައިފަނީ އެ ހަފްތާގެ އާދިއްތަ ދުވަހެވެ.

އޭގެ ފަހުން، އަންނަ އަހަރުގެ ޖުލައި 26 އާއި މުނާސަބަތުގައި ފާހަގަކުރާ 27 ވަނަ ދުވަހުގެ ކުރިން، ވަންނަ 25 ވަނަ ދުވަސް ވެސް ރައީސް ވަނީ ބަންދުކޮށް ދެއްވައިފަ އެވެ.

އެއާއެކު، 16 ޖުލައި އިން ފެށިގެން 27 ޖުލައި އާ ހަމައަށް ޖުމްލަ 12 ދުވަސް އަންނަ އަހަރުގެ ޖުލައި މަހު ސަރުކާރު ބަންދުވާނެ އެވެ.

އާންމުންނަށް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި، ރައީސް އޮފީހުން މި އަހަރުވެސް ވަނީ އިތުރަށް ބަންދުކުރާ ދުވަސްތައް ދުރާލައި އިއުލާނުކޮށްފައި އެވެ.