ހާމިދު އިސްމާއިލް

އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކޮށްފައި ވަނީ ހާމިދުގެ އެކައުންޓްތަކަށް: ޕޮލިސް

Nov 20, 2015
1

ހާމިދު އިސްމާއީލް (ހާމިދު ސޭޓް) ހައްޔަރު ކުރީ ޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓް ތަރައްޤީކުރުމަށް ވިއްކި ރަށްތަކުން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އަދި އެމައްސަލައާއި ގުޅުންހުރި މަނީ ލޯންޑްރިން ގެ މައްސަލައެއްގެ ތުުހުމަތަށް ކަމަށް ފުލުހުން ބުނެފި އެވެ.

ހާމިދު އިސްމާއިލް މިއަދު ހައްޔަރުކޮށްފައި މިވަނީ އޭނާކުރިން ބަންދުކޮށްފައި ހުރި މައްސަލައިގެ ތަހްގީޤް ނިމި އެމައްސަލާގައި އިތުރަށްބަންދުގައި ބަހައްޓަން ޖެހޭ ތަނެއް ނެތްކަމަށް ނިންމައި އެމައްސަލައިގެ ބަންދުން ދޫކުރުމަށްފަހުއެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީއަށް ލީސްކުރި ރަށްތަކުގެ ތެރެއިން ރަށެއް އެމްއެމްޕީއާރްސީން ވިއްކުމަށްފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް، ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއެއްގެ އެކައުންޓަށް ޖަމާކުރުމެއް ނެތި ހާމިދު އިސްމާއިލްގެ މަސްލަަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާ މިމައްސަލައާއި ގުޅުންހުރި މީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކުގެ އެކައުންޓުތަކަށާއި އެހެނިހެން އެކައުންޓްތަކަށް ޓްރާންސްފަކޮށްފައިވާކަމަށް ތަޙްޤީޤަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭކަމަށެވެ.

ހާމިދު އިސްމާއިލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރްސީއަށް ރަށްތައް ވިއްކައިގެން ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރި ވުމުގައި ބައިވެރިވެ އެހީތެރިވުމުގެ ތުހުމަތުގެ އިތުރުން އެފައިސާ ހީލަތްތެރި ގޮތެއްގައި އެކިއެކި އެކައުންޓްތަކަށް ޖަމާކޮށް އޮޅުވާލައިގެން މިމައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތްތަކަށް އެފައިސާ ލިބޭނެ މަގުފަހިކޮށްފައިވުންވެސް ހިމޭނޭކަމަށާއި އަދި އެމްއެމްޕީއާރްސީއިން އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ތެރޭގައި ހާމިދު އިސްމާއިލްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެެހެން ފަރާތްތަކަށް ދޫކުރެވުނު ރަށްތަކާއި ފަޅުތަކުން ނެގުނު ފަދަ އިކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި ދައުލަތަށް އެކަށީގެންވާ މަންފާއެއް ނުލިބޭ ގޮތަށް ފަޅެއް ދޫކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށާއި މިމައްސަލަތައްވެސް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހްގީގުކުރަމުންދާ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.