ހާމިދު އިސްމާއިލް

ހާމިދު ސޭޓަށް "ހިލޭ" ފަޅެއް ދިން މައްސަލަ ވެސް ބަލަނީ

Nov 21, 2015
1

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހާމިދު އިސްމާއިލް (ހާމިދު ސޭޓަށް) ފަޅެއް ދިން މައްސަލަ ވެސް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ބަލަމުން ދާ މައްސަލައިގެ ތެރޭގައި ބަލަމުން އަންނަނީ ދިއްފުއްޓާއި ކުޑަވިލިގިއްޔާ ދެމެދުގައި އޮންނަ ފަޅުން 15 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރަން އެމްއެމްޕީއާރްސީ އިން ހުއްދަ ދޫކޮށްފައިވާ މައްސަލަ އެކެވެ. އެހެން ނަމަވެސް ހާމިދުގެ ލޯޔަރުން އެކަން ދޮގު ކުރެ އެވެ. އެ ކުންފުނިން ބުނަނީ ދިއްފުށީ ކައިރީގައި އޮންނަ ފަޅު އެ ކުންފުންޏަށް ދިނީ ޓޫރިޒަމް މިނިސްޓްރީ އިން މީގެ އެ ކުންފުންޏަށް ދޫކޮށްފައިވާ އެހެން ފަޅެއްގައި މަސައްކަތް ކުރުން މަނާކޮށްފައި ވާތީ އެތަނުގެ ބަދަލުގައި ކަމަށެވެ.

ފަޅެއް ހާމިދު ސޭޓުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަކަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ސޮއި ކޮށް ދޫކޮށްފައި ވަނީ، ފަޅު ކުއްޔަށް ނެގުމަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނެގުމެއް ނެތި އަދި އެ ފަޅު ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގައި ދައުލަތަށް އެ ތަނުގެ ބިމު ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ކަމަށް އެނގިފައިވެ އެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި އޭސީސީ އިން އެއްޗެއް ނުބުންޏެވެ. އެ ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކީ މިފަހުގެ ތާރީހެއްގައި އެތަނުން ބަލާ ހިޔާނާތުގެ އެންމެ ބޮޑު މައްސަަލަ ކަމަށެވެ. އޭގެ ތެރޭގައި ގިނަ މައްސަލަތަކެއް ބަލާ ކަމަށް އޭސީސީ އިން ބުންޏެވެ. 

ހާމިދު ސޭޓު ގެންދަވަނީ ކ. ދިއްފުށީ ކައިރިން ފަޅު ހިއްކައިގެން ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެތަނުގައި ހަދަނީ 200 އެނދުގެ ރިސޯޓެއް ކަމަށް އެނގިފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދިން މައްސަލާގައި ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު ހަމަވެގެން ފުލުހުން ހާމިދު ސޭޓް އިއްޔެ ދޫކޮށްލި އެވެ. ނަމަވެސް އަލުން އިއްޔެ ހައްޔަރު ކުރުމަށްފަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނެފައިވަނީ އެމްއެމްޕީއާރްސީ އިން ކުއްޔަށް ދޫކުރި އެހެން ރަށްރަށާއި ފަޅުތައް ދޫކުރި އިރު، އެކުޒިޝަން ކޮސްޓްގެ ގޮތުގައި ފައިސާ ނަގާފައިވާ ކަމަށެވެ. ނަމަވެސް ހާމިދު ސޭޓަށް ފަޅެއް ދޫކުރީ އެއްވެސް ފައިސާ ނެގުމެއް ނެތި ހިލޭ ސާބަހަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މީގެ އިތުރުން އެމްއެމްޕީއާރްސީ އިން ރަށްތައް ވިއްކައިގެން ނެގި ބައެއް ފައިސާ އެމްއެމްޕީއާރްސީ އާއި ދައުލަތުގެ އެއްވެސް އެކައުންޓަކަށް ވެއްދުމެއް ނެތި ހާމިދުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަކަށް ޖަމާކޮށް އެ ފައިސާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ތުހުމަތު ކުރެވޭ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެމްއެމްޕީއާރުސީ އިން 100 އަށް ވުރެ ގިނަ ރަށް ކުއްޔަށް ދޫކޮށް ގެން، އޭގެން ތެރެއިން ލިބުނު 100 މިލިއަން ޑޮލަރު އަމިއްލަ ފަރާތްތަކަކަށް ދީފައިވާ މައްސަލައިގެ ހާއްސަ އޮޑިޓެއް އޮޑިޓް އޮފީހުން އަންނަނީ ކުރަމުންނެވެ. އެ މައްސަލައިގައި އެމްއެމްޕީއާރްސީގެ އެމްޑީ ޒިޔަތު ހުރީ އަދިވެސް ހައްޔަރުކޮށްފަ އެވެ.