ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

މާބިންހުރާގެ ފައިސާ ޖަމާކުރީ ހާމިދާއި އަދީބުގެ ދެކުންފުންޏަކަށް

ކުރެއްދޫ ހޯލްޑިންގްސްއަށް ދިން ޅ. މާބިންހުރާއިން ލިބުނު ފައިސާ ޖަމާކޮށްފައި ވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މަސްލަހަތު އޮތް ކުންފުންޏެއްގެ އެކައުންޓަކަށް ކަމަށް ދައުލަތުން ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އަދީބާއި އޭނާގެ އާއިލީ ބޭބެ އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް (ހާމިދު ސޭޓް) މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ ޝަރީއަތުގައި ދައުލަތުން މިއަދު ފާހަގަ ކުރި ނުކުތާތަކުގެ ތެރޭގައި ބުނީ މާބިންހުރާއިން ފަސް މިލިޔަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށާއި އޭގެ ބައެއް ފައިސާ ޖަމާކޮށްފައި ވަނީ އަދީބުގެ ބޭބެ، ހާމިދު ސޭޓްގެ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ކަމަށާއި އެގޮތަށް އަމަލުކޮށްފައި ވަނީ އަދީބު އަންގަވައިގެން ކަމަށާއި
އޭގެތެރެއިން 1.5 މިލިޔަން ޑޮލަރާއި އަށް ލައްކަ ޑޮލަރު އަދީބުގެ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަންގެ އެކައުންޓަކަށް ޖަމާ ކުރި ކަމަށެވެ.

އަދީބުގެ ވަކީލު މިއަދު ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން އަދީބު ފައިސާގެ ޗެކުތަކާއި ހަވާލުވެވަޑައި ނުގަންނަވާ ކަމަށާއި މައްސަލައިގެ ލިޔުންތައް ލިބިފައި ނުވާތީ އަދި ޖާބުދާރީވެވެން ނެތް ކަމަށެވެ.