ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުދިންނަށް ދީނީ ތައުލީމު ދޭން ގޮވާލައްވައިފި

އެންމެ ޅަފަތުން ފެށިގެން ކުޑަ ކުދިންނަށް ދީން އުނގަންނައި ދިނުމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ދިވެހިންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކީ އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާތިލު ކަންތައްތަކެއް ކަމަށެވެ. އެއީ އެއްވެސް ހަމައަކުން ބަލާއިރު އިސްލާމީ އަދި އަހުލާގީ ހަމަތައް އަދި ދީނީ އުސޫލުތަކާ ގުޅުން ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އެއީ އިންސާނީ ހަމަ ބުއްދިން ވިސްނާއިރު ވެސް އިންސާނީ މުޖުތަމައެއްގައި ފަތުރަން ހެޔޮވާވަރުގެ ފިކުރުތަކެއް ނޫން ކަމަށާއި އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމާއި ފުރައްސާރަ ކުރުމުގެ އަމަލުތަކަކީ މުޖުތަމައު ބައިބައިކޮށް، ފަސާދައަށް މަގުފަހިކުރާ ވަރަށް ނުރައްކާތެރި އަމަލުތަކެއް ކަމަށެވެ.

މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ހިންގާ އަމަލުތަކުގައި އިސްލާމް ދީނަށް އިހާނެތިކޮށް ހިތުން ހުއްޓުވުމަކީ ގައުމުގެ މިނިވަންކަމާ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެ ފަރުދަކު ވެސް އިސްކަން ދޭން ޖެހޭނެ ކަމެއް ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

އެފަދަ މައްސަލަތަކުގެ ހަމައެކަނި ހައްލަކީ ގާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫން ކަމަށާއި، ދާއިމީ ހައްލަކީ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ތުއްތުކުރިންގެ ޅަފަތުން ފެށިގެން އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި އެކުދިންގެ ދިރިއުޅުން ބިނާކޮށް ނުދެވިއްޖެނަމަ ކޮންމެވެސް ދުވަހަކު އަނެއްކާވެސް މި ދެ މައްސަލަ އަނެއްކާ ވެސް ކުރިމަތި ވާނެ. އެހެންކަމުން ތައުލީމީ ނިޒާމުގެ ތެރެއިން މިކަން ހައްލު ކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ އެކަމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުޖުތަމައު ބައިބައިކުރާ މިފަދަ މައްސަލަތައް މި ގައުމުގައި އޮތްހާ ހިނދަކު ގައުމުގެ ސުލްހަ މަސަލަސްކަމާ ހަމަޖެހުން އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އެފަދަ ހާލަތަކަށް ގައުމު ހިނގައްޖެނަމަ ގައުމަށް ކުރިމަތިވާ އެހެނިހެން ކަންތައްތަކުން އަރައިގަތުމުގައި ވެސް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.