ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިވަންކަން ދެމެހެއްޓުމަށް ގައުމުތަކާ އެކު ގުޅުން ހަރުދަނާކުރަންޖެހޭ: ރައީސް

Jul 26, 2021

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުން ވަރަށް މުހިއްމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ދިވެހި ގައުމާ މުހާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވަނީ ގައުމުތަކާ އެކު ރާއްޖެއިން ހަރުދަނާ ގުޅުންތަކެއް ބާއްވަމުން ގެންދަވާތީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އދގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުން ފާހަގަކުރައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ގައުމަކަށް ރާއްޖެ ވެގެން ދިޔައީ ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ހިމާޔަތްކުރެވޭ ގޮތަށް އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ މިނިވަންކަމަށް ވެސް ހުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން ބައިނަލްއަގްވާމީ ގުޅުންތައް ދަމަހައްޓަމުން ގެންދާތީ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަ ގޮތުގައި ހާސިލް ކުރެވޭނީ ދާހިލީ ގޮތުންނާއި އަދި ހާރިޖީ ގޮތުން ވެސް ގައުމަށް ފުރިހަމަ މިނިވަންކަން ލިބިގެންނެވެ. އެހެންކަމުން ލިބިފައިވާ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިއަންނަނީ އަޅުގަނޑުމެންގެ އިންސާނީ އަސާސީ ހައްގުތައް ފުރިހަމަ ގޮތުގައި ލިބެން ފެށި އުފާވެރި މުނާސަބާ. އަޅުގަނޑުމެން މިއަދު އާކުރަމުން މިއަންނަނީ އެ ހައްގުތައް ހިމާޔަތް ކުރެވި ރައްކާތެރިކުރެވިފައިވާ ކަމުގެ އުފާވެރި ހަނދާންތައް،" ރައީސް ވިދާޅުވެފައިވެ އެވެ.

މިނިވަންކަން ދެމެހެއްޓުމަށްޓަކައި ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުން މުހިއްމު ކަމުގައި ރައީސް ސޯލިހް ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން އިންޑިއާ އާއި އެކު އޮންނަ ގުޅުންތަކަށް މާބޮޑަށް ބަރޯސާވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. އަދި ރާއްޖޭގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް އިންޑިއާ އިން ވަދެ ބަސްބުނުމުގެ ޖާގަ ވަރަށް ބޮޑަށް ދީފައިވާ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތުހުމަތުކުރަމުންނެވެ. އެކަމަކު އެފަދަ ތުހުމަތުތައް ސަރުކާރުން ދޮގުކުރެ އެވެ.