ބޮންޑެ އިބްރާހިމް ރަޝީދު

ކޮންގްރެސްގެ ބާރު އޮތީ ނަޝީދުގެ އަތްޕުޅުގައި: ބޮންޑެ

އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަނަކީ ކޮންގްރެސް ކަމަށާ ކޮންގްރެސްގެ ސާފު ބާރު ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި އެބައޮތް ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިހެން ވިދާޅުވީ އެމްޑީޕީގައި މިހާރު އޮތީ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮންޓްރޯލް ކަމަށް އެ ޕާޓީގެ ބައެއް މެންބަރުންނާއި ހަވާލާދީ މީޑިއާގައި ރިޕޯޓް ކުރަމުންދާތީ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. މި ވާހަކަތައް އައީ މިދިއަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިިވި މެންބަރުންގެ އަދަދު މަދުވުމާއި އަދި ރައީސް ނަޝީދު ހުށައެޅުއްވި ގަރާރު ފާސް ކުރަން ވޯޓް ދެއްވި މެންބަރުންގެ އަދަދު މަދުވުމާއި ގުޅިގެނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި 139 މެންބަރުން ތިއްބަވަ އެވެ. ނަޝީދުގެ ގަރާރަށް ވޯޓް ދެއްވީ 39 މެންބަރުންނެވެ. އަދި ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވީ ސެކްރެޓޭރިއޭޓްގެ ދެ މުވައްޒިފުން ހިމެނޭހެން 42 މެންބަރުންނެވެ. ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ފެކްޝަނުން ބައްދަލުވުން ބޮއިކޮޓް ކުރައްވާ ނަޝީދަށް މެސެޖެއް ދެއްވީ އެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ބޮންޑެ ވިދާޅުވި ގޮތުގައު އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ އެންމެ ބާރުގަދަ ގުނަވަނެއް ނޫނެވެ. ގައުމީ މަޖިލީހުގެ މެންބަރުންނަކީ ކޮންމެ ދައުރަކު ބަދަލުވާ ބައެކެވެ. އެއާހިލާފަށް އެ ޕާޓީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ކޮންގްރެސް ބަދަލެއް ނައިސް އެ ގޮތުގައި ދެމި އެބައޮތެވެ. ބޮންޑެ ވިދާޅުވީ ކޮންގްރެސްގެ ސާފު ބާރު ނަޝީދަށް ލިބި ވަޑައިގަންނަވަ އެވެ. އެހެންވެ ޕާޓީގެ ކޮންޓްރޯލް އޮތް ބޭފުޅަކީ ވެސް އެމަނިކުފާނެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ކޮންގްރެސްގެ ބާރު ވަަރަށް ސާފުކޮށް އޮތީ ރައީސް ނަޝީދުގެ އަތްޕުޅުގައި. ގްރާސް ރޫޓް އެ އޮތީ އެމަނިކުފާނާއެކު. ކޮންގްރެސް އެއީ މުޅި ޕާޓީ ތަމްސީލުވާ އެންމެ ބާރުގަދަ ގުނަން. މުހިންމު ހުރިހާ ނިންމުންތަކެއް އަންނާނީ ކޮންގްރެސްއިން،" އެމްޑީޕީގައި އުފެއްދި އެންމެ ފުރަތަމަ ގޮފިތަކުގެ ތެރެއިން ގޮތްޕެއްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޮންޑެ ވިދާޅުވި އެވެ. "މިހާރު ވެސް ސާވޭއެއް ކޮށްލައްވާ. ވަރަށް ސާފުކޮށް މި މަންޒަރު ފެންނާނެ،"

ބޮންޑެ ވިދާޅުވީ ގައުމީ މަޖިލީހުގެ ނިންމުންތަކަކީ ޕާޓީގެ ކޮންޓްރޯލް އޮތް ބޭފުޅަކު ނިންމޭނެ ގޮތެއް ނޫން ކަމަށާއި ގައުމީ މަޖިލީހުން ވަކި ނަންބަރެއް ދައްކަވައިގެން ތާއީދު އޮތްކަން ހާމަކުރައްވަން ރަައީސް ނަޝީދު މަަސައްކަތްޕުޅެއް ނުކުރައްވާނެ ކަމަށެވެ.

"ރައީސް [ނަޝީދު] ބޭނުންފުޅުވީ އެ ގަރާރު ފާސް ކުރެއްވުމަށް. އެމަނިކުފާނު ބޭނުންފުޅުވީ ސާފު އަޣުލަބިއްޔަތު ދައްކަވާކަން ނޫން. އެމަނިކުފާނު ފޯކަސް އެ ކުރައްވަނީ މައްސަލައަށް. ބޭނުންފުޅު ވަނީ މައްސަލަ ހައްލު ކުރެއްވުމަށް،" ނަޝީދު ހުށައެޅުއްވި ގަރާރަށް އިޝާރާތް ކުރައްވާ ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭގެ ބައްދަލްވުމަކީ ވަރަށް ކުއްލި ބައްދަލު ވުމެކެވެ. މެންބަރުންނަށް ނޯޓިސް ލިބުނީ ބައްދަލު ވުމަށް ވަރަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. އަދި އެ ނޯޓިސް ފެނިވަޑައި ނުގަންނަވާ މެންބަރުން ވެސް ތިއްބެވިއެވެ. އެހެން ކަމުން އެހާ ކުއްލި ގޮތަކަށް ކޯރަމް ހަމަކުރެވި ބައްދަލުވުމެއް ބާއްވަވާ ގަރާރު ފާސް ކުރެއްވުމަކީ ރައީސް ނަޝީދަށް އޮތް ތާއީދު ހާމަވާ ކަމެއް ކަމަށެވެ.

"އެއް ކަމަކީ ވަރަށް ކުރު ނޯޓިސްއެއްގައި ބޭއްވި ބައްދަލްވުމެއް އެއީ. އަޅުގަނޑަށް ވެސް އެނގިގެން ބައްދަލު ވުމަށް ޖޮއިން ކުރެވުނީ ދިހަ މިނެޓް ފަހުން. އެހެން ނޫންނަމަ އަޅުގަނޑަށް އެހެން ނުވާނެ ދެއްތޯ. އަނެއްކޮޅުން އެތައް މެންބަރުނެއް ތިއްބެވީ އެކި ބޭނުންތަކުގައި ބޭރުގައި. ބައެއް މެންބަރުން ތިއްބެވީ ދާއިރާގައި އެކި މަސައްކަތްތަކުގައި. އެންމެ ގަޑިއިރަކުން ކޯރަމް ހަމަކޮށްލެވުމުން އެ ފެންނަނީ ރައީސް ނަޝީދުގެ ސައިޒް. އެއީ ވަރަށް ބޮޑުވަރެއް އިނގޭތޯ،" ބޮންޑެ ވިދާޅުވި އެވެ.