ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވެން ޖެހޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
ބޮންޑެ މިހެން ވިދާޅުވީ ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފެށި ޕެޓިޝަންގައި ސޮއިކުރުން ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ އެންމެ ސީނިއާ ބޭފުޅަކީ ބޮންޑެ އެވެ. އޭނާ ވިދާޅުވީ ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ހަގީގީ ބައިވެރިވުން އޮތް ނިޒާމެއް ނޫން ކަމަށެވެ. ރިޔާސީ ނިޒާމެއްގައި ވެރިމީހާއަށް ރައްޔިތުން ފެންނަނީ ހަމައެކަނި ފަސް އަހަރުން އެއް ފަހަރު ކަމަށެވެ.
އަދި ވެރިކަމަށް އިންތިހާބުވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާއާމެދު ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނު ނަމަވެސް ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނޯންނަ ކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމު އެ އުސޫލާއި މުޅީން ތަފާތު ކަމަށް ވިދާޅުވިއެވެ. ބޮންޑެ ވިދާޅުވީ ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވެން ޖެހޭނެ ކަމަށާ އެކަން ބަރުލަމާނީ ނިޒާމުން ކުރެވޭނެ ކަމަށެވެ.
"ރައްޔިތަކާއި ރައްޔިތެއް އޮންނަނީ ދޫކޮށްލާފައި. އަނެއްކާވެސް ރައްޔިތުން މި ފެންނަނީ ވޯޓްލާން ޖެހުނީމަ. މިއީއެއް ވާންޖެހޭނެ ގޮތަކީ. ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވެން ޖެހޭނެ. ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލަނީ ބަރުލަމާނީ ނިޒާމަކުން. އެއީ ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވެ،" ބޮންޑެ ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށް ދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން މީގެ ކުރީންވެސް ވަނީ އަންގަވާފައެވެ.
ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.