ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރަަން ފަށައިފި އެވެ.
މިއަދު ސޮއިކުރަން ފެށި ޕެޓިޝަނަކީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނެކެވެ.
މި ޕެޓިޝަންގައި ސޮއިކުރުން ފެށުމަަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާއި އެމްޑީޕީގެ ބައެއް އާންމުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމްވެސް ބައިވެރިވެވަޑައިގެން ސޮއިކުރައްވާފައިވެއެވެ.
މި ހަރަކާތުގައި އެމްޑީޕީގެ މެންބަރުންގެ ފަރާތުން ގާނޫނީ މަސައްކަތުގައި އިސްކޮށް ހުންނެވީ ވަކީލް ނިޝާން އެވެ.
އޭނާ ވިދާޅުވީ މިއަދު ފެށި މަސައްކަތަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރު އެޅުމުގެ ގޮތުން ފެށި މަސައްކަތެއް ކަމަށެވެ.
އެ ވައުދު އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވަނީ ކޮންމެ ފަހަރަކު ކޯލިޝަނަކާއެކު ވެރިކަމަށް އައިސް ކުރަންޖެހޭ ތަޖުރިބާ ހިތިވުމުގެ ސަބަބުން ކަމަށާ އަދި ކޯލިޝަނަކީ ރިޔާސީ ނިޒާމެއްވެސް ގާނޫނީ ބާރުވެރިކަމެއް އޮތް ކަމަކަށް ނުވާތީ ކަަމަށެވެ.
ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރަން ފުރުސަތު ދިނުމަށް އިތުރު ހަރަކާތްތަކެއް ހިންގާ ކެންޕެއިން ވަރަށް ބޮޑަށް ފުޅާ ކުރުމަށް ވަނީ ނިންމާފައެވެ.
އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.
ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފައެވެ.
ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.
ރައީސް ނަޝީދުގެ މެސެޖަށް ސަރުކާރުން ވަނީ ޖަވާބުވެސް ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލެއް ގެނެވޭނީސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ،" މަބުރޫކް ވިދާޅުވިއެވެ.
އަދި ފޯކަސް ކުރައްވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށް ރައީސް ސޯލިހްވެސް ވަނީ ވިދާޅުވެފައެވެ.
ޕެޓިޝަން ހެދުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން މިއަދު ވިދާޅުވީ ބަރުލަމާނީ އަށް ބަދަލުކުރުމަކީވެސް ރައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ. އެހެން ކަމުން އެ ވައުދު ފުއްދެވުން އަވަސް ކުރުމަށް ގޮވާލާ ކަމަށެވެ.
"ރައީސް އެބަ ވިދާޅުވޭ އެމަނިކުފާނުގެ ފޯކަސް އޮތީ ވަައުދު ފުއްދެވުމަށް ކަމަށް. އެހެން ކަމަށްވަންޏާ މިއީވެސް ކުރަން ޖެހޭ ކަމެއް ނޫންތޯ. އެހެންވީމަ އަޅުގަނޑުމެން މި ހަނދާންކޮށްދެނީ އެއީވެސް ވައުދެއްކަން،"