ދުނިޔެ

ލުބްނާނަށް ވަގުތީ ބޮޑުވަޒީރެއް

ލުބްނާންގައި ސަރުކާރެއް އެކުލަވާލުމުގެ ޒިންމާ ރައީސް މިޝޭލް އައުން ނަޖީބް މިގާތީއާ ހަވާލު ކުރައްވައިފި އެވެ. ސަރުކާރެއް އެކުލަވައިލުމުގެ ޒިންމާ ހަވާލު ކުރައްވަނީ 128 މެމްބަރުން ހިމެނޭ މަޖިލީހުން 65 ވޯޓް ލިބިވަޑައިގެންފި ނަމަ އެވެ. ލުބްނާންގެ ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނާ ގޮތުން ނަޖީބް މިގާތީއަށް 73 ވޯޓް ލިބިވަޑައި ގެންނެވި އެވެ.

ނަޖީބް މީގާތީ ލުބްނާންގައި ކުރިން ވެސް ބޮޑުވަޒީރުކަން ކުރެއްވި އެވެ. އެއީ 2005 ވަނަ އަހަރާއި އަދި 2011 އިން 2013 އަށެވެ.

ސަރުކާރެއް އެކުލަވައިލުމަށް ދައުވަތު ލިބިވަޑައިގަތުމުން މީގާތީ ވިދާޅުވީ އުފާފުޅު ވެއްޖެ ކަމަށާއި މަސައްކަތުގައި ކާމިޔާބު ހޯއްދަވާނެ ކަމަށެވެ. އެ މަނިކުފާނު އަދި ވިދާޅުވީ މަޖިލީހުން ހިތްވަރު ލިބިވަޑައިގެންފި ކަމަށާއި ގައުމު އޮތް ދެރަ ހާލަތުން ސަލާމަތް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ލުބުނާންގައި ސަރުކާރެއް އެކުލަވައިލުވުމުގެ ޒިންމާ ރައީސް މިޝޭލް އައޫން ނަޖީބު މީގާތީއާ ހަވާލުކު ރައްވާފައި މިވަނީ ސަރުކާރެއް އެކުލަވާލެއްވުމަށް ސައުދު ހަރީރީ ކުރެއްވި މަސައްކަތްތައް ކޮޅެއްގައި ނުޖެހި ފެއިލްވެފައި ވަނިކޮށެވެ.

ސައުދު ހަރީރީ ސަރުކާރެއް އުފައްދަން ނުވަ މަހަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި އެވެ. ރައީސް މިޝޭލް އައުން ހަރީރީއާ ސަރުކާރެއް އުފައްދަން ހަވާލުކުރެއްވީ އޮކްޓޯބަރު 2020 ގައެވެ. ލުބްނާންގައި އެއިރު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ހަސަން ދިއާބް އޮގަސްޓް 10، 2020 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެއަށް ފަހު ސަރުކާރެއް އެކުލަވާނުލެވިި ގައުމު އޮތީ ހުހަށެވެ. ބޭރޫތު ބަނދަރުގައި ކެމިކަލް ގުދަނެއް ގޮވި މައްސަލާގައި އުދާސް ބޮޑުވެ ހަސަން ދިއާބްއަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އެވެ.

ލުބްނާންގަައި ސަރުކާރު ހިންގާ ނިޒާމުގައި ބޮޑުވަޒީރަކަށް ވާން ޖެހެނީ ސުންނީ މުސްލިމެކެވެ. ނަޖީބު މީގާތީ ވަގުތީ ބޮޑުވަޒީރަކަށް ހަމަޖައްސަވާފައި މިވަނީ ސައުދު ހަރީރީ އިސްތިއުފާ ދެއްވުމާ ގުޅިގެން ދެން އެ މަސައްކަތްތައް ހަވާލުކުރައްވާނެ ބޭފުޅަކާ މެދު ސުވާލު އުފެދި އޮޅުންއަރާފައި އޮތް ދަނޑިވަޅެއްގަ އެވެ.