ދުނިޔެ

13 މަހަށް ފަހު ލުބްނާންގައި އާ ސަރުކާރެއް

ލުބްނާންގައި އާ ސަރުކާރެއް އެކުލަވާލައިފި އެވެ. ސަރުކާރެއް އެކުލަވާލުމަށް ލުބްނާގެ ސިޔާސީ ލީޑަރުން މަސައްކަތް ކުރައްވަމުން ގެންދަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ނަޖީބު މިގާތީ، 66، ބޮޑުވަޒީރު ކަމުގައި އެކުލަވާލެއްވި ސަރުކާރުގައި 24 މިނިސްޓަރުން ހިމެނެ އެވެ.

އިގްތިސޯދީ ގޮތުން ގައުމަށް ކުރިމަތިވެފައި އޮތް ދަތިތަކުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހި ވަޑައިގެންފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމު އާރާސްތު ކުރުމަށް އިޒްރޭލު ފިޔަވައި ކޮންމެ ގައުމަކާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ބޮޑުވަޒީރު މިގާތީ ވިދާޅުވި ގޮތުން ގައުމު ދަނީ "ކްރޭޝް ލޭންޑިން" އަކާ ދިމާއަށެވެ. މި ދަނޑިވަޅުގައި ހުރިހާ ބޭފުޅުން ތިބެން ޖެހޭނީ ބޮޑުވަޒީރު ވިދާޅުވި ގޮތުން "ޝީޓް ބެލްޓް" އަޅައިގެންނެވެ.

ކުރިއަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ގޮތުގައި ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ. ގައުމުގައި އިސް ދައުރެއް އޮތް ކޮންމެ ބޭފުޅަކު ސަރުކާރަށް އެއްބާލުން ދެއްވުމަށްް ވެސް ބޮޑުވަޒީރު އެދިވަޑައިގެންނެވި އެވެ.

ނަޖީބް މީގާތީ ވިދާޅުވީ ހާލަތު ބަދަލު ކުރަން ވަގުތު ބޭނުންވާނެ ކަމަށާއި މިނޫން ދުވަހެއް ލުބްނާނަށް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުން ހާލަތު އޮތީ އާންމުނާ ގުޅިފަ އެވެ. ހާލަތު ބަދަލު ކުރަން އެންމެން އެކުގައި ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލުބުނާންގައި ސަރުކާރެއް އެކުލަވައިލުވުމުގެ ޒިންމާ ރައީސް މިޝޭލް އައޫން ނަޖީބު މީގާތީއާ ހަވާލު ކުރެއްވީ ސަރުކާރެއް އެކުލަވާލުމަށް ސައުދު ހަރީރީ ކުރެއްވި މަސައްކަތްތައް ކޮޅެއްގައި ނުޖެހި ފެއިލްވެފައި ވަނިކޮށެވެ.

ސައުދު ހަރީރީ ސަރުކާރެއް އުފައްދަން ނުވަ މަހަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެވެ. ރައީސް މިޝޭލް އައުން ހަރީރީއާ ސަރުކާރެއް އުފައްދަން ހަވާލު ކުރެއްވީ އޮކްޓޯބަރު 2020 ގައެވެ. ލުބްނާންގައި އެއިރު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ހަސަން ދިއާބް އޮގަސްޓް 10، 2020 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެއަށް ފަހު ސަރުކާރެއް އެކުލަވައި ނުލެވިި ގައުމު އޮތީ ހުހަށެވެ. ބޭރޫތު ބަނދަރުގައި ކެމިކަލް ގުދަނެއް ގޮވި މައްސަލާގައި އުދާސް ބޮޑުވެ ހަސަން ދިއާބް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އެވެ.

ލުބްނާންގަައި ސަރުކާރު ހިންގާ ނިޒާމުގައި ބޮޑުވަޒީރަކަށް ވާން ޖެހެނީ ސުންނީ މުސްލިމެކެވެ. ނަޖީބު މީގާތީ ވަގުތީ ބޮޑުވަޒީރަކަށް ހަމަޖައްސަވާފައި މިވަނީ ސައުދު ހަރީރީ އިސްތިއުފާ ދެއްވުމާ ގުޅިގެން ދެން އެ މަސައްކަތްތައް ހަވާލު ކުރައްވާނެ ބޭފުޅަކާ މެދު ސުވާލު އުފެދި އޮޅުން އަރާފައި އޮތް ދަނޑިވަޅެއްގަ އެވެ.