ފިނިޕޭޖް

ސޮނާކްޝީ – ބޮލީވުޑް ހަލަބޮލިކަމާ ދުރުވާން ބޭނުން

ސޮނާކްޝީ ސިންހާއަކީ އިތުރު ތައާރަފަކަށް ބޭނުންވާ ވަރަށް ވުރެ ކުޅަދާނަ މޮޅު ބަތަލާ އެކެވެ. އޭނާގެ ހިތްވަރާއި މަސައްކަތުން ބޮލީވުޑްގައި ރަނގަޅު ކެރިއަރެއް ބިނާ ކޮށްފައި ވެއެވެ. ކުރިން ސޮނާކްޝީ ކުޅުނީ ބޮލީވުޑްގައި އާއްމުކޮށް އުފައްދާ ޒާތުގެ ފިލްމުތައް ނަމަވެސް މިހާރު އެ ހަލަބޮލިކަމާ ދުރުގައި އަމިއްލަ ހުނަރާއި ގާބިލްކަން ދައްކާލެވޭ ކަހަލަ މަސައްކަތްތަކެއް ކުރަން ސޮނާކްޝީ ވަނީ ގަސްތުކޮށްފަ އެވެ. އެހެންވެ މިހާރު އޭނާ ބޮޑު ސްކްރީން ފިލްމުތަކަށް ވުރެ ބޮޑަށް އިސްކަން ދެނީ އޯޓީޓީ ޕްލެޓްފޯމަށް ހާއްސަކޮށް އުފައްދާ ޑިޖިޓަލް ފިލްމުތައް ކުޅުމަށެވެ.

މި މަގްސަދުގައި އޭނާ މިހާރު ސޮއި ކޮށްފައި ވަނީ ވެސް އެފަދަ ޕްރޮޖެކްޓްތައް ކުޅުމަށެވެ. އޭގެ ތެރޭގައި ރީމާ ގަކްޓީ ޑައިރެކްޓް ކުރާ ވެބް ސީރީޒް އެއް ހިމެނެއެވެ.

ސޮނާކްޝީ ބުނި ގޮތުގައި އޭނާ ބޭނުން ވަނީ ހަމައެކަނި ބޮޑު ސްކްރީން ފިލްމު ކުޅޭކަށް ނޫނެވެ. އެ އިރަކާ އެކަށީގެންވާ ރަނގަޅު ފިލްމުތަކެއް ކުޅެވެނިކޮށް އޭނާއަށް ނިމުނީ ކަމަށެވެ.

"އެންމެ ކުރިން އަހަރެން ބަތަލާއަކަށް ވާން ބޭނުމެއް ވެސް ނޫން. ފަހުން ބަތަލާ އަކަށް ވެވުނީމަ ދެން ބޭނުންވީ އަހަރެން ހިތްހަމަޖެހޭ ކަހަލަ ފިލްމުތަކެއް ކުޅެން. އެގޮތުން އިންޑަސްޓްރީގެ އެންމެ އުހުގައި ތިބި އެކްޓަރުންނާއެކު ގިނަ ފިލްމުތަކެއް ކުޅެ ވަރަށް ގިނަ ތަޖުރިބާ ތަކެއް ލިބިއްޖެ. މިހާރު ގަބޫލު ކުރެވޭ އަހަރެންގެ އަމިއްލައަށް ޒިންމާ ނަގައިގެން ވެސް މޮޅު ފިލްމުތައް އުފެދިދާނެކަން. 'އަކިރާ' އާއި 'ނޫރް' ފަދަ ފިލްމުތަކަކީ އެ އިތުބާރުގެ މައްޗަށް އަހަރެން ކުޅުނު ފިލްމުތައް،" ސޮނާކްޝީ ބުންޏެވެ.