ސޮނާކްޝީ ސިންހާ

ލޮކްޑައުންގައި ހިތްހަމަޖައްސަނީ ކާއެއްޗެހިން: ސޮނާކްޝީ

އިންޑިޔާ ލޮކްޑައުން ކޮށްފައިވާއިރު އެ ގައުމުގެ ފިލްމު އިންޑަސްޓްރީތަކާއި އެނޫންވެސް ހުރިހާ މަސައްކަތްތަކެއް ހެން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ބިޒީކޮށް އުޅުނު ފިލްމީ ތަރިންތައް ވެސް މިހާރު އެމީހެއްގެ ގޭގައި ކުރާނެ ކަމެއް ނެތި ވަގުތުތައް ހޭދަކުރަން ވަނީ ޖެހިފަ އެވެ.

އާއިލާގެ މީހުންނާއެކު އަމިއްލަ ގޭގައި ވަގުތުތައް ހޭދަކުރަމުންދާ ފިލްމީ ބަތަލާ ސޮނާކްޝީ ސިންހާ ބުނި ގޮތުގައި ގޭގައި އަބަދު އިންނަން ޖެހުމުން ލިބޭ ފޫހިކަން ކަނޑުވާލަން އޭނާ ކުރާ ކަމަކީ ކެއުމެވެ. އޭނާ ބުނި ގޮތުގައި ގޭގައި ތިބެން ޖެހުނަސް އެމީހުންނަށް ޝަކުވާ ކުރާނެ ޖާގައެއް ނެތެވެ. އާދައިގެ ގިނަ މީހުންނަށް ވުރެ މާ ރަނގަޅަށް އެމީހުންނަށް ދިރިއުޅޭނެ ފުރުސަތު ތަނަވަސް ވެފައި ވާތީ އެވެ.

"އެހެން ނޫނަސް އަހަންނަކީ ފިލްމީ މަސައްކަތެއް ނެތިއްޔާ އަބަދު ގޭގައި އުޅޭ މީހެއް. ލަހުން ހޭލައިގެން ފިލްމު ބަލާ ކުރެހުން ފަދަ ކަންތައްތަކުގައި ވަގުތު ހޭދަކުރާ މީހެއް،" ސޮނާކްޝީ ބުންޏެވެ.

ގިނަ ފިލްމީ ތަރިން ގޭގައި ވެސް އެކި ކަހަލަ ކަސްރަތުތައް ކުރާ ތަން ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ދެއެވެ. ނަމަވެސް ސޮނާކްޝީ ބުނީ ގޭގައި ހުންނަން ޖެހުމުން އޭނާ ހިތްހަމަޖައްސަން ކުރާ ކަމަކީ ކެއުމެވެ. ވަކި ގަވާއިދުން ކަސްރަތުކޮށް ހަދާކަށް ވެސް އޭނާ ބޭނުމެއް ނުވެ އެވެ.

"އަހަރެން ބޭނުންވާ ކޮންމެ އެއްޗެއް ވެސް ކަން. ހަމަ އެއާއެކު އަހަރެން ވަރަށް ބޮޑަށް ހަށީގަނޑު ހެލިފެލިކޮށް ގެންގުޅެން ވެސް ސަމާލުކަން ދެން،" ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީ ކުޅެމުންދާ އަދި އެންމެ އަވަހަށް ރިލީޒްވާނެ ކަމަށް ބެލެވެނީ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިޔާ" އެވެ. މި ފިލްމު ރާވާފައި އޮތީ އިންޑިޔާގެ މިނިވަން ދުވަސް ކަމަށްވާ އޮގަސްޓް 15 ގައި ރިލީޒްކުރާށެވެ. ނަމަވެސް ޝޫޓިންގްތައް ހުއްޓުމަކަށް އައިސްފައިވާތީ ފިލްމު ނެރޭ ތާރީޚު ބަދަލު ކުރާނެ ކަމަށް ބެލެވެ އެވެ.