ބޮލީވުޑް

30 ކިލޯ ލުއިކުރިމަ ވެސް މީހުން ފާޑު ކިޔާ: ސޮނާކްޝީ

ސޮނާކްޝީ ސިންހާ އަކީ ވަރަށް ފަލަކޮށް ހުރެފައި ހިކެން މަސައްކަތް ކޮށް ކާމިޔާބު ހޯދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ބަތަލާ އެކެވެ. އޭނާގެ ކެރިއަރުގެ އެންމެ ކުރިއްސުރެ ގިނަ ބަޔެއްގެ ފާޑުކިއުމާއި މަލާމާތް ރައްދުވަމުން ދިޔަ އެވެ. ނަމަވެސް އެކަންކަން އޭނާ ނެގީ ވަރަށް ޕޮޒިޓިވް ކޮށެވެ. ފާޑުކިޔުންތަކުން ހިތްވަރު ހޯދައިގެން އޭނާ ކަސްރަތު ކުރުމާއި ޑައެޓް ކުރުމުން ބަރުދަން ލުއި ކުރުމުގެ މަސައްކަތް ފެށި އެވެ.

ވަރަށް ފަހުން ސޮނާކްޝީ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ކުޑައިރުއްސުރެ އޭނާ ހުންނަނީ ފަލަކޮށެވެ. އަދި ސްކޫލްގައި ވެސް ބުލީ ކުރުމުގެ ގިނަ މައްސަލަތަކެއް ފަލަ ކަމުން އޭނާއަށް ކުރިމަތިވި އެވެ.

"ސްކޫލުގައި އުޅުނުއިރު އަހަރެންގެ ގައިގައި 95 ކިލޯ ހުރޭ. ކުދިން ވަރަށް ބުލީ ކުރި. ފިރިހެން ކުދިން އަހަންނަށް ފާޑު ފާޑު ނަންނަމުން ގޮވާ ހެދި. ނަމަވެސް އެފަދަ އެއްވެސް ކަމެއް އަހަރެން ހިތަކު ނުލަން. އަދި އެއީ އަހަރެން ދެރަވެ ހިތްދަތިވާ ކަމަކަށް ވެސް ނުވި. ސަބަބަކީ އަހަންނަށް އަބަދުވެސް ގަބޫލު ކުރެވޭ ބަރުދަނާއި ސައިޒަކީ ހުރިހާ އެއްޗެއް ނޫންކަން،" ސޮނާކްޝީ ބުންޏެވެ.

ފުރަތަމަ ފިލްމު "ދަބަންގް" ކުޅެން ވެސް ސޮނާކްޝީ 30 ކިލޯ ބަރުދަން ލުއި ކުރި އެވެ. ނަމަވެސް "ދަބަންގް" ބެލި ގިނަ ބަޔަކު ވެސް އޭނާ ފަލަކަމުން އެ ވާހަކަ ދެއްކިކަން ސޮނާކްޝީ އަށް އެނގެ އެވެ.

"އެވަރުގެ ބަރުދަނެއް ލުއި ކޮށްލެވުމަކީ އަހަރެންގެ ހިތުން އަހަންނަށް ހާސިލު ކުރެވުނު ބޮޑު ކާމިޔާބެއް. އެކަމާ އަހަރެންގެ އަމިއްލަ ނަފްސަށް ފަޚުރުވެރިވަން. ނަމަވެސް ގިނަ ބަޔަކު އަހަރެންގެ ސިފަޔާއި ބަރުދަނަށް ފާޑުކިޔާ މަލާމާތް ކުރި،" ސޮނާކްޝީ ބުންޏެވެ.

އޭގެ ފަހުން ވެސް ސޮނާކްޝީ ވަނީ ވަރަށް މަސައްކަތުން އިތުރަށް ބަރުދަން ލުއިކޮށް ވަރަށް ލޫޅާފަތި ވެފަ އެވެ. ނަމަވެސް މިހާރު ވެސް ބޮލީވުޑްގައި މަސައްކަތްކުރާ އެކްޓަރުންގެ ތެރެއިން ސޮނާކްޝީ އަކީ އެންމެ ގިނަ ބަޔެއްގެ މަލާމާތް ރައްދުވާ އެކްޓަރެވެ.