ބޮލީވުޑް

ސޮނާކްޝީ އެންމެ އަވަހަށް ފަށާނީ ޑިޖިޓަލް ފިލްމެއް

ޑައިރެކްޓަރު ރީމާ ކަގްޓީގެ ވެބް ސީރީޒް "ފޯލަން" ކުޅެދޭން ސޮނާކްޝީ ސިންހާ ވަނީ ލޮކްޑައުންގެ ކުރިއްސުރެ އެއްބަސް ވެފަ އެވެ. ސޮނާކްޝީގެ އިތުރުން މި ފިލްމުގައި "ގަލީ ބޯއީ" އެކްޓަރު ވިޖޭ ވަރުމާ އާއި ގުލްޝަން ދޭވިއާ އަދި ސޯހަމް ޝާހް ވެސް ބައިވެރިވާނެ އެވެ.

މިއީ ވެބް ސީރީޒް އަކުން ސޮނާކްޝީ ފެންނާނެ ފުރަތަމަ ފަހަރެވެ. މި ސީރީޒްގެ މަސައްކަތް ލޮކްޑައުންގެ ސަބަބުން ނުފެށި ލަސްވެފައި އޮތުމަށްފަހު މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތުގައި އުޅޭ މީހަކު މައުލޫމާތު ދިން ގޮތުގައި ޑައިރެކްޓަރު ރީމާ އާއި ފިލްމުގެ ތަރިން އަދި 35 ކުރޫ މެމްބަރުން ވަރަށް އަވަހަށް ރާޖަސްތާނަށް ފުރަން ދަނީ ތައްޔާރު ވަމުންނެވެ.

މި ޝެޑިއުލް ހަފުތާއަކަށް ދެމިގެންދާނެ ކަމަށާއި ސީރީޒްގެ މަސައްކަތް ފަށާ ގޮތަށް ނިންމާލަން ލޮކްޑައުންގެ މާ ކުރިއްސުރެ ޑައިރެކްޓަރު އޮތީ ރާވާފައި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ސޮނާކްޝީ އެންމެ ފަހުން ފެނިފައިވަނީ ސަލްމާން ޚާންގެ "ދަބަންގް 3" އިންނެވެ. އަދި އޭނާ ކުޅެ ރިލީޒްނުވެ އޮތް އެއް ފިލްމަކީ އަޖޭ ދޭވްގަން އާއި ސަންޖޭ ދަތު ބަތަލުގެ ބައި ކުޅެފައިވާ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.

"ފޯލަން" ރިލިޒްކުރަން ހަމަޖެހިފައިވަނީ އެމެޒޯން ޕްރައިމް ވީޑިއޯ އިންނެވެ. މިހާރު ލަފާ ކުރެވޭ ގޮތުގައި މި މަހު ޝޫޓިން ފަށާ ގޮތަށް ޖެނުއަރީ މެދެއްހާ ހިސާބަށް މުޅި ސީރީޒްގެ ޝޫޓިން ފުރިހަމަކުރަން ވަނީ ރާވާފަ އެވެ.