މަސްތުވާތަކެތި

1700 އަށްވުރެ ގިނަ ބަންގުރާފުޅިއާއި 400 އެއްހާ ބިޔަރު ދަޅު ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް) އިން 1700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއި 400 އަށްވުރެ ގިނަ ބިޔަރުދަޅު ނައްތާލައިފި އެވެ.

ކަސްޓަމްސް އިން މިއަދު ތިލަފުށީ ކުނިކޮށި ސަރަހައްދުގައި ނައްތާލާއި ވަނީ ބަލާ ފާސްކުރުމުގެ ތެރެއިން އަތުލައިގެންފައިވާ ބިޔަރުދަޅުތަކާއި ބަނގުރާ ފުޅި ތަކެވެ. އެގޮތުން މިއަދު ވަނީ 1751 ބަނގުރާ ފުޅިއާއި 440 ބިޔަރު ދަޅު ނައްތާފަ އެވެ. އަދި މިތަކެތި ނައްތާލާފައި ވަނީ އެކްސްކަވޭޓަރު ބޭނުންކޮށްގެން ފުޅިތަކާއި ދަޅުތައް ޗިސްކޮށްލައިގެންނެވެ.

މިމަސައްކަތް ކޮށްފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ވޭސްޓް މެނޭޖްމަންޓުގެ އެހީތެރިކަމާއެކު އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެސަނަލް ސެކިއުރިޓީ އާއި އެމްއެމްޑީއެފްގެ ކަމާބެހޭ އޮފިޝަލުންގެ ހާޒިރުގަ އެވެ.

ބަނގުރަލާއި ބަނގުރާ ހިމެނޭ ބާވަތްތަކަކީ އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ރާއްޖެއަށް އެތެރެނުކުރެވޭ ތަކެއްޗެވެ.