އަބްދުﷲ ޝާހިދު

ޔާމީންގެ ހާރިޖީ ސިޔާސަތަކީ ދެބައޮޑުވުމާއި ފިތުނަކުރުން: ޝާހިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހާރިޖީ ސިޔާސަތެއް ނެތް ކަމަށާއި ކުރެއްވިހާ ވެސް ކަމަކީ ދޭދޭ ގައުމުތައް ޖައްސުވާ ފިތުނަ ކުރުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އދ. އާންމު މަޖިލީހުގެ އިންތިހާބީ ރައީސް ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހާރިޖީ ސިޔާސަތެއް ގެންގުޅުއްވި ނަމަ ގެންގުޅުއްވާފައި ވަނީ ދެބައޮޑުވުމުގެ ސިޔާސަތެއް ކަމަށެވެ. އެއީ ރާއްޖެ ފަދަ ގައުމަކުން ތަންފީޒު ކުރަންޖެހޭ ސިޔާސަތެއް ނޫން ކަމަށެވެ.

"ކުރީގެ ސަރުކާރުގައި ހާރިޖީ ސިޔާސަތެއް ނެތް. ކުރީގެ ސަރުކާރުގައި އޮތީ ދެބައޮޑުވުމާއި ވަކިވެގަތުމުގެ ސިޔާސަތު. ދެބައޮޑުވުމޭ މި ދަންނަވަނީ އެއް ގައުމު އަނެއް ގައުމާ ތެޅުވުން. ފިތުނަ ކުރުން. އެ ބޭފުޅުންނަށް އެނގިވަޑައެއް ނުގަންނަވާ އެންމެންނާ އެކީގައި އުޅޭކަށް،" ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވަމުން ޝާހިދު ވިދާޅުވި އެވެ.

ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރައްވަން ރައީސް ޔާމީނަށް އެނގިވަޑައި ނުގަންނަވާ ކަމުގެ ބައެއް މިސާލުތައް ވެސް ޝާހިދު ވަނީ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އިރާނާއި ގަތަރާ ގުޅުން ކަނޑާލުމަށް ފަހު އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް ހީނަރުވާ ކަހަލަ ކަންތައްތަކެއް ކުރެއްވިކަން ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ޖަމިއްޔާ ކޮމަންވެލްތާ ގުޅުން ކަނޑާލީ ވެސް ގުޅިގެން އުޅެން ނޭނގޭތީ ކަމުގައި ވިދާޅުވި އެވެ.

އެކަމަކު މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އޮތީ ހުރިހާ ގައުމަކާއި އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ވެސް ގުޅިގެން ކުރިއަށް ދިއުން ކަމުގައި ޝާހިދު ވިދާޅުވި އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ގުޅުން ކަނޑާލާފައި ވަނިކޮށް ގަތަރު އަދި ކޮމަންވެލްތާ އަލުން ގުޅުނީ ވެސް އެންމެންނާ ގުޅިގެން ކުރިއަށް ދާން ބޭނުންވާތީ ކަމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ހާރިޖީ ސިޔާސަތެއް ނެތް. ކުރީގެ ސަރުކާރުގައި އޮތީ ދެބައޮޑުވުމާއި ވަކިވެގަތުމުގެ ސިޔާސަތު. ދެބައޮޑުވުމޭ މިދަންނަވަނީ އެއް ގައުމު އަނެއް ގައުމާ ތެޅުވުން. ފިތުނަކުރުން. އެ ބޭފުޅުންނަށް އެނގިވަޑައެއް ނުގަންނަވާ އެންމެންނާ އެކީގައި އުޅޭކަށް
އަބްދުﷲ ޝާހިދު | ފޮރިން މިނިސްޓަރު

މިސަރުކާރުން ވެރިކަމަށް އައުމަށްފަހު އިންޑިއާ އާއި އެކު މާގާތް ގުުޅުންތަކެއް އުފެއްދުމުން ދިވެހިރާއްޖޭގެ ދާހިލީ މައްސަލަތަކަށް އިންޑިއާ އިން ވަރަށް ބޮޑަށް ވަންނަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދަނީ ތުހުމަތުކުރަމުންނެވެ. އެކަމަށް ރައްދު ދެއްވާ ޝާހިދު ވިދާޅުވީ "އިންޑިއާ ފަސްޓް ޕޮލިސީ"ގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ ރައީސް ޔާމީން އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު އަރިހުގައި ހުންނަވައިގެން ކަމަށެވެ. އެކަމަކު ރައީސް ޔާމީނަށް ހާރިޖީ ސިޔާސަތު ކުރިއަށް ގެންދަން އެނގިވަޑައިނުގަތުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ އެންމެންނާ ގުޅިގެން ކުރިއަށް ދިއުމުގެ ހާރިޖީ ސިޔާސަތަށް ފާޑުކިޔަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އދ އާންމު މަޖިލީހުގެ ރައީސް ކަން ރާއްޖެއަށް ލިބުނީ ވެސް އެންމެންނާ ގުޅިގެން މަސައްކަތް ކުރެވޭތީ ކަމަށް ވިދާޅުވި އެވެ.

"ގައިމު އެންމެންނާ އެކީ އުޅެވޭތީ ނޫންތޯ 143 ވޯޓުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އދ މަޖިލީހުގެ ރައީސަކަށް ހޮވޭނީ. އެއީކީ އެންމެ ގައުމެއް ނޫން. އިންޑިއާ އެކަނި ދޭނަމަ އިންޑިއާ އެކަނިތާ އޮންނާނީ. ދެން ބުނަންވީ އިންޑިއާ އިން ބުނެގެންނޭ 143 ގައުމުން ދިނީ. ދެން މިއަށް ވުރެ ބޮޑަށް އަޅުގަނޑުމެން އަމިއްލަ އަށް ފަހުރުވެރިވާން ވެސް ދަސްކުރަންޖެހޭނެ ނޫންތޯ" މިސަރުކާރުގެ ހާރިޖީ ސިޔާސަތު ކާމިޔާބުކަން މިސާލަކުން ހިއްސާކުރެއްވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ހުރިހާ ގައުމަކާ ގުޅިގެން ކުރިއަށް ދިއުމަކީ މިސަރުކާރުގައި އޮތް ސިޔާސަތެއް ނަމަވެސް ހާރިޖީ ސިޔާސަތުގައި "އިންޑިއާ ފަސްޓް ޕޮލިސީ" މިސަރުކާރުން ވެސް އިސްކުރާނެ އެވެ. އެކަން ކުރަންޖެހެނީ ޖިއޮގްރަފީ ގޮތުން ރާއްޖެ އާއި އިންޑިއާ އޮތް ސަރަހައްދުގެ ގޮތުން ކަމަށާއި އެ ހަގީގަތް ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ. ރާއްޖެއަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި އެހީގެ އަތެއް އެންމެ ފުރަތަމަ ދިއްކޮށްލި ގައުމަކީ އިންޑިއާ ކަމަށްވާތީ އެ ގައުމަށް މަލާމާތްކޮށް ބަދު ބަސް ބުނެ ހެދުމަކީ ކޮށްގެން ވާނެ ކަމެއް ކަމަކަށް ޝާހިދު ގަބޫލެއް ނުކުރައްވަ އެވެ.

"ހާރިޖީ ސިޔާސަތަކީ ވަރަށް ސެލްފިޝް އެއްޗެއް. އަމިއްލަ ގައުމަށް އެންމެ ފައިދާވާ ގޮތަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ހާރިޖީ ސިޔާސަތުގައި އެއްވެސް ގައުމަކުން ނުނިންމާނެ. އެއީ ދިވެހިރާއްޖޭގައި ވެސް އެކަން އޮތް ގޮތަކީ. އަޅުގަނޑު ހަމަގައިމުވެސް އެއްވެސް ކަމެއް ނުނިންމާނަން މިރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަށް ނޫން ގޮތަކަށް،" ޝާހިދު ވިދާޅުވި އެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ކުރިމަތިވި ދުވަހާއި، ސުނާމީ ކާރިސާއާ ދިމާވި ދުވަހާއި، މުޅި މާލެއިން ފެނުގެ ހިދުމަތް ކެނޑުނު ދުވަހުގެ އިތުރުން މިހާރު ކުރިމަތިވެފައި މިވާ ކޮވިޑް އުދަގޫ ވަގުތުގައި ވެސް ދިވެހިރާއްޖެ އަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ގައުމަކީ އިންޑިއާ އެވެ. އެކަން ފާހަގަކުރައްވާ ޝާހިދު ވަނީ އިންޑިއާ އަށް ޝުކުރު އަދާކުރައްވާފަ އެވެ. އިންޑިއާ އިން ރާއްޖެއާ މެދު ބަހައްޓާ ގާތް ގުޅުން ހުރިހާ ދިވެހިން ވެސް ބަލައިގަތުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާއްޖެއިން ކޮލިފައިން މެޗެއްގައި ލަނޑެއް ޖެހުމުން ރުޅިއަންނާތީ ބުނަންވީތޯ ނޫނެކޭ އެއީ ރެފްރީ ހަމަ ބުނިއްޔޭ ލަނޑެކޭ. އެހެން ހަދާކަށް ނުވާނެ ނޫންތޯ. ފެއްސާއި ރަތާ ހުދަށް ލިބޭ ފަހުރު އަޅުގަނޑުމެން ބަލައިގަންނަންޖެހޭ އަމިއްލަ ނަފްސަށް ލިބޭ [ކަމެއްގެ ގޮތުގައި]. އެއީ އިދިކޮޅު ކަމަށްވިޔަސް އެއްކޮޅު ކަމަށްވިޔަސް. ހިތުގައި އޮތް ހަސަދައިގެ ކިލަނބުގަނޑު އެއްކައިރިކޮށްލާފައި ގައުމަށްޓަކައި ފަހުރުވެރިވާން ދަސްކުރާށެ އަޅުގަނޑު މިދަންނަވަނީ" ޝާހިދު ވިދާޅުވެފައިވެ އެވެ.