(25 ޖުލައި 2021 އާ ގުޅޭ)
ރޭގަ އޭނާ އެކޮޓަރިއަށް އައިކަމުގެ އެއްވެސް ލިސާނެއް ނެތެވެ. ފާހާނާއަށް ވަދެފައި ނުކުތް ގޮތަށް ކޮޓަރިން ނީރާ ނުކުތެވެ. ބަދިގޭ އައިލެންޑް ދޮށުގައި ސުޖާއު ސައިބޯން އިނެވެ. އެތަނުގައި ލަމްހާ ހަރަކާތްތެރިވާތީ ފެނުނެވެ. އެދިމާއަށް ދިއުމުގެ ކުރީން ނީރާ އައިސް ހުޅުވާލީ އީހާންގެ ކޮޓަރީ ދޮރެވެ. އެނދުގައި ގަދަ ނިދީގައި އީހާނު އޮތްތަން ފެނުނެވެ.
"ވަރުބަލިވެފަ ހުރިވަރުން ކަންނޭނގެ." ސިކުނޑީގައި އުފެދުނު ސުވާލަށް ނީރާ ޖަވާބުދިނެވެ. ލަމްހާ ގޮވާލީ އެވަގުތެވެ.
އީހާން ހޭލީ ޝީން ގުޅީމައެވެ. އޭރު މެންދުރުވާން ކައިރިވަނީއެވެ. މޫނުދޮވެލައިގެން އޭނާ ގެއިން ނުކުތީ ޝީން ގޮވައިގެން ދާންވެގެންނެވެ. ދެ ހަފްތާއަށް ދިވެހި ވެބްސީރީޒެއްގެ މަސައްކަތުގައި އަތޮޅުތެރެއަށް ފުރަން ޖެހޭކަން ޝީން އޮތީ ބުނެފައެވެ. ހެނދުނު ތެދުވަން ހިތުލައިގެން ހުއްޓެއްކަމަކު ކަންނެތްކަން ބޮޑުވީއެވެ. އިތުރަށް ނިދާލަން އީހާންއަށް އޮވެވުނީ ޝީން ފުރަންޖެހޭކަން ހަނދާން ނެތިފައެވެ. ޝީންއަށް ގުޅައިގެން ރޭގައި އެތައް ދަމެއް ވަންދެން ފޯނުގައި އޮވެފައި އީހާން ނިދީ އެހާލަހުންނެވެ. ކުއްޖަކާ ރައްޓެހިވެއްޖެނަމަ އީހާންގެ ދިރިއުޅުން ހުންނަނީ އެފަދައިންނެވެ. އެމީހަކަށް ހުރިހާ ސަމާލުކަމެއް އޭނާ ހުސްކޮށްލާނެއެވެ. ދަތުރުން އައިއިރު އީހާން ހުރީ ހިސާބަކަށް ނީރާއާ މެދު ހިތްހަމަނުޖެހިފައެވެ. އެހެންވެ ނީރާއާ ވާހަކަދައްކަން ވެސް އީހާން ހުރީ ބޭނުންވެފައެވެ. ވަގުތު ނެތުމުގެ ސަބަބުން އީހާން ކާރުގެ ތަޅުދަނޑި ހިފައިގެން ހަލުވިކޮށް ނުކުމެގެން ދިޔައެވެ. އެގަޑީ ނީރާ ގޭގައި ވެސް ނޫޅޭނެކަން އެނގި ހުރެއެވެ.
"ފްރީވީމަ ގުޅައްޗޭ. ވ މިސްވާނެ..." ކާރުގައި ޝީންއާއެކު އިން އީހާން ބުނެލިއެވެ.
"މީ ޓޫ." އީހާންގެ ގައިގާ ބައްދާލަމުން ޝީން ބުނެލިއެވެ.
ފުރަތަމަ ފަހަރަށް ޝީންއަށް ދެ ހަފްތާ ދެ އަހަރަށްވުރެ ވެސް ދިގުވާނޭ ހީވެއްޖެއެވެ. މީގެ ކުރީން ހަޔާތަށް ގިނަ ބައިވެރީންތަކެއް ގެނެސްފައެއް ޝީން ނުވެއެވެ. އީހާނަކީ އޭނާ ރައްޓެހިވި ދެވަނަ ޒުވާނާއެވެ. ކުރީގެ ގުޅުން ނިމިގެންދިޔައީ ޝީންގެ މަސައްކަތްކުރާ ދާއިރާ ރައްޓެހިވި ކުއްޖާއަށް ކަމުނުގޮސްގެންނެވެ. ޝީންގެ މަސައްކަތްތައް ހުއްޓާލަން މަޖުބޫރުކުރާ ވަރުންނެވެ. އެކުގައި މަސައްކަތްކުރާ ފިރިހެނުންނާ ގުޅުވައި ހަގީގަތެއްނެތް ވާހަކަތައް ދައްކާތީއެވެ. ޝައްކުގެ ވިހަ ގުޅުމުގެ މުލަށް ވެސް ފޭބީއެވެ. އެކުގައި ނޫޅެވޭނެކަން ޔަގީންވީއެވެ. އީހާންގެ ވިސްނުން އެހާ ހަންޏެއްނޫނެވެ. ކޮށްޓެއްގައި ބަންދުކޮށްގެން ގެންގުޅޭހެން ޝީންއާ މެދު ކަންތައް ކުރުމުގެ ގަސްދެއް އީހާންގެ ނެތެވެ.
"އެކޮޅަށް ގޮސް ހަމަޖެހިފަ ގުޅާނަން. އެންމެން ވެސް ތުބޭނީ ޝޫޓް ކުރާ ގޭގަ... މިހެންބުންޏަސް ދާގޮތަށް ނުގުޅިދާނެ އިނގޭ." ޝީން ބުންޏެވެ.
"އެހެންވެއޭ މިބުނީ ފްރީވެގެން ގުޅާށޭ. އައި ވިލް ބީ ވެއިޓިން." އީހާން ބުންޏެވެ. ކާރުން ޝީން ފޭބުމުގެ ކުރީން ތުންފަތާއި ނިތްކުރީގައި އީހާން ބޮސްދީފިއެވެ.
* * * * *
ފޯނަށް ބަލާލާނޭ ވަގުތު ނީރާއަށް ވީ ކުލާސްތައް ނިންމާފައި ނުކުތް ފަހުންނެވެ. މަޑު ހިނގުމުގައި ދާލިޔާއާއެކު އޮފީހަށް އޭނާ އައެވެ. ދެއަތުން ހިފަހައްޓާލެވިފައި އޮތް ފޯނަށް ގެއްލިފައި ހުރެއެވެ. އީހާން ގުޅީ އެވަގުތެވެ.
"ނިމުނީތަ؟ ގެއިން ނުކުންނަމުން މިގުޅީ." ނީރާ ފޯނުކޯލު ނެގުމާއެކު އީހާން ބުނެލިއެވެ.
"ނޯ ވެއިޓް. މިއަދު ކަމެއް އެބައޮތް... ނިމޭނެއިރެއް ނޭނގެ." ނީރާ ނިކަން އަވަހަށް ބުންޏެވެ. އީހާންގެ ފޯނުކޯލު އައުމުގެ ކުރީން އޭނާ ހުރީ ލައިޒަލް ފޮނުވާފައި ހުރި މެސެޖުތައް ކިޔާށެވެ. ބަލާ އަންނާނަންކަން ލައިޒަލް ބުނެފައި އޮތްއިރު ދެމީހުން އެކުގައި ކޮފީއަކަށް ދާން އެދިފައި އޮތެވެ.
"ނިމުނީމަ ގުޅާ." އީހާން ބުންޏެވެ.
"އީހާން... ނިމުނީމަ އަހަރެން ދާނަން. މިވަގުތު ބިޒީ އިނގޭ." އީހާން އެއްބަސްނުވުމުގެ އިތުރުން ފައްޗަކަށް ސުވާލުތައް އަމުނާލާނޭކަން އެނގޭތީ ނީރާ ބެލީ ފޯނުކޯލު ކުރުކޮށްލެވޭތޯއެވެ.
ކިޔާންގެ އޮފީހުން ނުކުތް ލައިޒަލް ފެނި ނީރާ ހުއްޓުން އެރިއެވެ. ލައިޒަލް އެތަނުގައި އުޅޭކަމެއް ކުޑަކޮށް ވެސް ނީރާއަކަށް ނޭނގެއެވެ. އެތައް މެސެޖެއް ނީރާގެ ފޯނަށް ކުރިއިރު ބުނެވެސް ނުލާ ވިއްޔާއެވެ. އެންމެންގެ ތެރޭ ނީރާ އިސްޖަހާލީ ލައިޒަލް އެނގޭކަމަށް ނުހަދާށެވެ. އޭނާ ފޯނު އަތަށް ލައިގެން ހުރެ އޮފީސް ތެރެއިން ނުކުތެވެ. ދާލިޔާ ދަތްދިލުވައިގެން ލައިޒަލް ނުކުމެގެން ދިޔަ ދިމާއަށް ބަލަން ހުރެފައި ނީރާގެ އަތުގައި ހިފައި ތަޅުވައިގަތެވެ. ހީވީ ނީރާގެ އަތް ލުހެލަން އުޅުނު ހެނެވެ. އޭނާ ދެއަތުން ވާހަކަދައްކަން ފެށިއެވެ.
"ހަސްނާ ބުނީ ކިޔާންގެ ވަރަށް ކްލޯޒް ފްރެންޑެކޯ. އަޅެ އޭނާ ސެޓުކުރަން އުޅެބަލަ... މަށަށްވާނަމަ އެކަން މިހާރު ކޮށްލައިފީމުސް. ނަސީބު ދެރައީ. އެހެރަ އަޖައިބެއްފަދަ ދެ ލޮލުން އޭނާ ބަލާލަނީ ހަމައެކަނި ނީރާއަށް. އަހަރެން ފަކީރު މީ ނުފެންނަ ތާކިހާ އަޅައިގެން ހުރި މީހަކުފަދަ." ދާލިޔާގެ ވާހަކަތަކަށް ނީރާ ހީނގަތެވެ. މޮޔަވާހަކަ ނުދައްކާށޭ ނީރާ ބުނެލިއެވެ.
އާދައިގެ މަތީން ދެ އަންހެން ކުދީން ގެއަށްދާން ނުކުތީ އެކީގައެވެ. ގޭޓު ކައިރީ ނީރާއާއެކު މަޑުކޮށްލާފައި ބަލާ އައީތޯ ދާލިޔާ އަހާލިއެވެ. ނީރާ ބޯޖަހާލުމުން ދާލިޔާ ހިނގައިގަނެއްޖެއެވެ. އެކުވެރިޔާއަށް މާދުރަށް ނުދެވެނީސް ގޭޓު ކައިރީ ނީރާގެ ކުރިމައްޗަށް މަޑުކޮށްލީ ކާރެކެވެ. ހިނިތުންވުން ފޮރުވަން ތުންބައްދަމުން ނީރާ އައިސް ކާރުގެ ކުރީ ދޮރުފަތް ހުޅުވާލިއެވެ.
* * * * *
ބެލްކަނީގެ ފާރުބުރީގަ ދަމާލެވިފައިވި ދެއަތް އަޅުވާލައިގެން އީހާން ހުއްޓެވެ. ފޫހިކަން ނޫނީ އެ މޫނުގައި ނުވެއެވެ. ދޭތެރެއަކުން އަނގައިން ޗުސް ކަނޑާލައެވެ. ރޭގަނޑު ހަތްގަޑި ބައިވެ ހިނގައްޖެއެވެ. ނީރާ ގެއަކަށް ނާދެއެވެ. ނީރާއާއެކު މަސައްކަތްކުރާ ދާލިޔާ ނޫނީ އީހާން ދަންނަ ކުއްޖަކު ނެތެވެ. ދާލިޔާއާ ވާހަކަދެއްކުމަކީ އީހާނަށް ވާނޭ ކަމެއްނޫނެވެ. މަންމަނަކާ ވާހަކަދައްކަން ނޭނގޭތީއެވެ. ހަރަކާތުގެ ބަހުރުވައަކީ އީހާން ކުޑަކޮށް ޝައުގުވެރިވާ ބަހެއްނޫނެވެ.
"އީހާން... އަދިވެސް މިތާ." ރޭގަނޑު ކެއުން ސުފުރާ މައްޗަށް ނަގަން ނުކުތް ވަގުތު ބެލްކަނީގެ ދޮރު ހުޅުވާފައި ހުރެގެން ލަމްހާ އައީއެވެ.
"މަންމަ ނީރާއަށް ގުޅާބަލަ." މަންމައާ ކުރިމަތިލަމުން އީހާން ބުނެލިއެވެ.
"ނީރާ ލަސްވާނޭ ބުންޏޭ މަންމަ ކައިރީ." ލަމްހާ ކައިރީ ނީރާ އޮތީ ބުނެފައިކަން ހާމަކޮށްލިއެވެ.
"ނުބުނޭތަ އަންނާނޭ އިރެއް؟. ހާދަ ލަސްވެއްޖޭ."
"ނީރާ ނެތީމަ ފޫހިވެގެން ދޯ ތިއުޅެނީ. އިރުކޮޅަކުން އަތުވެދާނެ. ދެން އާދޭ އެތެރެއަށް... ބޭބެއާއެކު ކާން އަރަންވީނު." އަތުން އަންނާށޭ އިޝާރާތް ކުރަމުން ލަމްހާ ބުންޏެވެ.
މަންމަގެ ފަހަތުން އީހާން އެތެރެއަށް ވަނެވެ. ޝީން ގުޅީ އެވަގުތެވެ. ފޯނުކޯލު ނެގުމާއެކު އީހާނަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ. ބޭއިޚްތިޔާރުގައެވެ. ރުޅިގަދަވެފައި ހުރި މީހަކު ކަހަލައެވެ. ޝީންއާ ގުޅުމެއްނެތް ނަމަވެސް ލިބިފައިވާ ނުތަނަވަސްކަން އީހާނަށް ބޭރުކޮށްލެވުނީއެވެ. ދެމީހުން ރައްޓެހިވި ފަހުން އީހާނާއި ދުރުގައި ޝީން ހުންނަން ޖެހުނު މީ ފުރަތަމަ ފަހަރެވެ. އޭނާ ވަގުތުވެގެން ގުޅުންއިރު އީހާންގެ ފުށުން ފާޅުވީ ޝީން އުންމީދުނުކުރާ ސިފައެކެވެ.
"ކޮންކަމަކާ ރުޅިއައިސްފަ... އަހަންނަށް ކަމެއް ކުރެވުނީތަ؟" ޝީން ސުވާލުކުރިއެވެ.
ވަގުތުކޮޅަކަށް އީހާން ހިމޭންވިއެވެ. ކުރެވުނު ކަންތައް އޭނާއަށް ވިސްނުނީ ދެނެވެ. ހިމޭންވީ ނަފްސު ހަމައަކަށް އަޅުވާށެވެ. ދެންފަހެ ޝީން ކިބައިން އޭނާ މަޢާފަށް އެދިފިއެވެ. އަޑުގައިވީ ހަރުކަށިކަން ފިލުވާލިއެވެ. ނީރާއާ ހެދި ވީގޮތެއްކަން އީހާން ބުންޏެވެ.
"ދެން އެއީ ރުޅި އަންނަން ޖެހޭވަރު ކަމެއްތަ؟ އޭނާގެ ވެސް ރައްޓެހިން ތިބޭނެއެއްނު..." ކަންތައްވީގޮތް އޮޅުންފިލުމުން ޝީން ބުންޏެވެ. އޭނާއަށް ވިސްނުނީ އީހާން މާ ކަންތައް ބޮޑުކުރަނީ ކަމެވެ.
ދެމީހުންގެ އަމިއްލަ ވާހަކައަށްވުރެ ފޯނުކޯލު ނިމެންދެން ވެސް ދެމެދުގައި ދެއްކުނީ ނީރާގެ ވާހަކައެވެ. ޝީންއަށް އެއްގޮތަކަށް ވެސް ނީރާއާމެދު އީހާނު އެ ގެންގުޅޭ އުސޫލުތައް ބަލައިގަންނަން ފަސޭހައެއް ނޫނެވެ. އެހެން އުޅުމުން އީހާނެކޭ ގަދަކަމުން ނީރާގެ ދިރިއުޅުން ކޮންޓްރޯލު ކުރަން އުޅޭ މީހެކޭ އެއްވެސް ތަފާތެއް ނެތީއެވެ. ފުރަތަމަ ފަހަރަށް ޝީންއާއި އީހާނު ދެބަސްވާން ޖެހުނީއެވެ. އެވެސް ދުރުގައި ތިބެންޖެހުނު ވަގުތެވެ. ދެމީހުންގެ ހިޔާލު އެއްގޮތްނުވީއެވެ.
"ކޮންތާކުން ތިއައީ؟" ގޭތެރެއަށް ރަނގަޅަށް ނުވަދެވެނީސް ނީރާގެ ކަންފަތުގައި ޖެހުނީ އީހާންގެ އަޑެވެ. އަޖައިބުވެ ހައިރާންވީ އެ އަޑުގައި އެކުލެވިފައިވީ ނުރުހުމުގެ އަސަރުންނެވެ. ކާމޭޒު ކައިރީ އިން ސުޖާއު އާއި އޭނާގެ ގާތުގައި ހުރި ލަމްހާ ވެސް ހައިރާންވިއެވެ.
"އީހާން..." ލަމްހާއަށް ގޮވާލެވުނެވެ. ނީރާއާ ވާހަކަދައްކައިގެން ނުވާނޭ ރާގެއްގައި އީހާންގެ އަޑު ހުރުމުންނެވެ.
"ކާން އާދޭ." މަންމަގެ ކުރިމަތީ ހިތްހަމަނުޖެހުމުގެ އަސަރު ފަރުދާކޮށް އީހާން ބުނެލިއެވެ.
ލައިޒަލްއާއެކު ކޮފީއަށް ގޮސް އޭގެ ދެ މީހުން ނުކުތީ ރޭގަނޑު ކައިގެންނެވެ. އެހެންވިޔަސް ނުކެވޭނެޔޭ ބުނުން ރަނގަޅު ކަމަކަށް ނުވާނޭ ނީރާއަށް ވިސްނުނެވެ. ސޯފާގެ ވަކިން ހުރި ގޮނޑިއަށް އަތްދަބަސް ދޫކޮށްލާފައި ނީރާ އަވަހަށް އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އީހާނު އިށީނީ ދެނެވެ. ކައި ނިމިގެން ނީރާ މޭޒުދޮށުން ތެދުވި ގޮތަށް ދިޔައީ ކޮޓަރިއަށެވެ. ގިނައިރެއްނުވެ އީހާނު ވެސް ކައި ނިމިއްޖެއެވެ.
"ނީރާ..." ތަޅުލާފައި ހުރި ދޮރުގައި ހިފަހައްޓާލައިގެން ހުރެ އީހާން ގޮވާލިއެވެ.
"އިހަށް މިތާ މަޑުކޮށްލަން އާދެބަލަ. ނީރާ ފާހާނާއަށް ވަނީ ކަންނޭނގެ." ދޮރުގައި އީހާން ޓަކިދޭން ފެށުމުން ލަމްހާ ބުންޏެވެ. އީހާނު އައިސް ސޯފާގައި އިށީނުމުން ސުޖާއު ވާހަކަފެށިއެވެ. ޝީންއާ ގުޅުވައި ވާހަކަދެއްކިއެވެ. އެ ވާހަކަދެއްކުމުގެ ޝައުގެއް އީހާންގެ ނެތެވެ. ރަޙުމަތްތެރިކަން އެކަނިކަން އޮންނަނީ ބުނެ އީހާނު އެ ވާހަކަ އޮއްބާލީއެވެ.
"އީހާނު ކަމަކާ ހިތްހަމަނުޖެހިފަތަ؟" ނީރާ ކޮޓަރި ހުޅުވި ވަގުތު އެ ކޮޓަރިއަށް އީހާން ވަންތަން ބަލަން އިނދެފައި ސުޖާއު އަހާލިއެވެ.
"ހީވަނީ މިއަދު ލަސްވާނެ ވާހަކަ ނީރާ ނުބުނެ އޮތީމަހެން. އެނގެއެއްނު އެ ދެމީހުންގެ ކޯޅުން ހުންނަ ގޮތް." ބޮޑުކަމަކަށް ހަދަން ލަމްހާ ބޭނުންނުވީއެވެ.
އިހާނުގެ ސުވާލުތައް ފެށުނީ ކިތަންމެ ދުރުން ނަމަވެސް އެންމެފަހުން އޭނާ ލައިޒަލްގެ ނަން ކިޔައިފިއެވެ. ލައިޒަލްއަކީ ޔަމާނު ފަދަ ރަޙުމަތްތެރިއެކޭ ނީރާ ބުނެލީ ނިކަން އަވަހަށެވެ. ނީރާގެ އެނދުގައި ޖައްސާލައިގެން އީހާން އޮތެވެ. އެތައް ވާހަކައެއް ދެއްކިއިރު ވެސް އޭނާ ރުޅިވެރިކަން ނުދެއްކީ ނީރާ އެއްވެސް ކަމެއް ހިއްސާނުކޮށްފާނެތީއެވެ. އޭނާ ރުޅިއަތުވެއްޖެނަމަ އޭނާއަށްވުރެ ނީރާ އަޑުގަދަކޮށްލާނެއެވެ. އެކަމަކު އީހާނަށްވުރެ ކުރީން އޭނާ މައާފަށް އެދެމުން އަންނާނެއެވެ. ފުސްމޫނު ހަދައިގެން އެކަން ހިތު އަޅައިގެން ގިނައިރަކު ނުހުންނާނެއެވެ. ނީރާގެ ވާހަކަތަކުންނަމަ ލައިޒަލްއާ އޮންނަނީ އެކުވެރިކަން އެކަންޏެވެ. ނަމަވެސް އީހާނަށް ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ. އެކަން އޮތީ އޭނާގެ ހިތުގައެވެ. ލައިޒަލްއަށް ސަމާލުވާން ވެއްޖެކަމުގައި އީހާނު ނިންމިއެވެ. ކޮންމެ ތަނަކަށް ދިޔަޔަސް ނީރާ ކުރަން ދިޔަކަމެއް ނިމުނީމަ އީހާނަށް ގުޅަންވާނޭ ކަމުގައި އޭނާ އެދުނެވެ. އަދި ނީރާ ބަލާދިއުމަކީ އޭނާގެ ޒިންމާއެއް ކަމުގައި ބުންޏެވެ. ބައެއްފަހަރު އީހާނުގެ އެ ހުންނަ ގޮތެއް ނީރާއަށް ވިސްނާލަން ވެސް އުނދަގޫވެއެވެ. ދެކޮޅު ނުހަދާ އީހާނު ބޭނުންވާ ގޮތަކަށް އޭނާއަށް ނީރާ ދޫކޮށްލަނީ އެހެންވެއެވެ.
* * * * *
ދެ ހަފްތާ ހަމަނުވަނީސް ޝީން ހިމެނޭ މަންޒަރުތައް ޝޫޓުކޮށް ނިމިއްޖެއެވެ. ފެމެލީ އެމަންޖެންސީއެއް މަތިކޮށް އޭނާ އަމިއްލަ ހަރަދުގައި އަވަހަށް މާލެއައެވެ. އީހާން ދުށުމަށް ބޭނުންވެފައި ހުރިވަރުންނެވެ. އީހާންއާއި އޭނާއާ ދެބަސްވެވޭތީ އެކަމުގެ އަސަރު ގުޅުމަށް ކޮށްފާނޭކަމުގައި ޝީންއަށް ހީވީއެވެ. ކޫސަނި މައްސަލައަކާ ހެދި އީހާނާ ވަކިވާން ޝީން ނޭދެއެވެ. އަދި އީހާނު އޭނާއާ ވަކިވެދާނޭ ކަމުގެ ބިރު ހިތުގައި އުފެދިފައި ވެއެވެ. ހާއްސަކޮށް ދަތުރުގައި އެ ދެމީހުން ފަހަނައަޅައި ގޮސްގެން ނުވާނޭ އިން ހުރަސްކުރުމުގެ ސަބަބުންނެވެ. ޝީންއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވެއެވެ. އީހާން ވަކިވެދާނޭތީ ވިސްނެން ފެށުނީ ވެސް އެހެންވެއެވެ. އަނެއްކޮޅުން އީހާން ފަދަ ޒުވާނަކަށް ނޫނެކޭ ބުނުމަކީ އަންހެންކުއްޖަކަށް ކުރެވިދާނޭ ކަމެއްކަމުގައި ޝީނަށް ގަބޫލެއް ނުކުރެވެއެވެ.
ރިދާއާއި ނީރާއާއެކު ޝީން އިނީ ކޭވްގައެވެ. އީހާނު އައީ ޝީންއާއެކު ނީރާ ވެސް ގޮވައިގެންނެވެ. ދުރުގައި ކެފޭގެ ކަންކަން ބަލަހައްޓަން ޔަމާނާއި އީހާނު އުޅުނުއިރު ތިން އަންހެން ކުދީން މޭޒުދޮށުގައި ތިބީ އޮލަވާހަކައެއްގައެވެ.
"ނީރާއަށް ލިބިފަ ތިހުރީ ވަރުގަދަ ބޭބެއެއް އިނގޭ." ޝީން ބުނެލިއެވެ.
"ބޭބެއާ ޝީންއާ ދިމާވީ ކޮންތާކުން؟" ނީރާގެ ސިކުނޑީގައިވީ ސުޖާއުގެ ސޫރައެވެ. އޭނާ ބޭބެ ކިޔާ ހަމައެކަނި މީހަކީ އެއީއެވެ. އެކަމަކު އެއީ ބޭބެއަކަށްވުރެ ބައްޕަގެ މަގާމު ދެވިފައިވާ މީހެކެވެ.
"މިވެސް އަނެއްކާ އަނެކަކު. ސްޓޮޕް ޖޯކިން... ކޮންތާކުންހޯ ދިމާވީ. އީހާންގެ ވާހަކަ މިދައްކަނީ. އަހަރެންގެ ނަމަށްވުރެ އީހާންގެ ދުލުން ނީރާގެ ނަން ކިޔާލެއް ގިނަ." ޝީން ބުންޏެވެ.
"ނީރާއަށް ފިޔަވަޅު އަޅަންވީ ގޮތް ވެސް ކިޔާދޭނީ އީހާން. ދޯ ނީ." ރިދާ ހެވިފައި އިނދެ ބުނެލިއެވެ.
"ހީ އިޒް ނޮޓް މައި ބްރަދާ." ކޮފީ ކައުންޓަރުގައި ހުރި އީހާނަށް ބަލާލަމުން ނީރާ ބުނެލިއެވެ.
"ކޮންޓްރޯލު ފްރީކަކަށް ބްރަދާ ކިޔުން ހައްގެއްނޫން." ޝީން ބުނެލީ ނީރާ ކުރީ ސަމާސާއެއް ކަމަށް ހީކޮށް އެ ސަމާސާގައި ބައިވެރިވާށެވެ. ރިދާ ހީނގަތް ނަމަވެސް ނީރާ ބަލާލީ ހައިރާން ކަމާއެކުއެވެ.
"ސީރިއަސްކޮށޭ!... ވީ އާ ނޮޓް ސިބްލިންގްސް. އިޓްސް އަ ލޯންގް ސްޓޯރީ." ނީރާ ބުންޏެވެ. ކުރިން ވީ ހިނިތުންވުން ޝީންގެ މޫނުން ފަނޑުވެ ސީރިއަސްކަމުގެ އަސަރު ވެރިވެއްޖެއެވެ.
"ނީރާ، ސީރިއަސް، ސީރިއަސްކޮށްތަ؟" ޔަގީނުގެ މައްޗަށް ޔަގީން ކުރަން ޝީން އަހާލިއެވެ. (ނުނިމޭ)