މެސީ

ބާސާއިން މެސީއަށް ފުރިހަމަ އިތުބާރެއް

ބާސެލޯނާ އާއި އެޓީމުގެ ތަރި ލިއޮނެލް މެސީއާއި ދެމެދު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެ މިހާރު ފްރި އެޖެންޓެއްގެ ގޮތުގައި މެސީ ހުރި ނަމަވެސް އޭނާ އެނބުރި ކްލަބަށް އަންނާނެ ކަމަށް ބާސާއަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ބާސާގެ ރައީސް ލަޕޯޓާ ބުނެފި އެވެ.

ލަޕޯޓާ ބުނީ މެސީ އަބަދުވެސް ބާސާއަށް ކުޅެން ބޭނުންވާ ކަމަށެވެ. އެހެން ކަމުން އޭނާ އާއި އެކު އެކުލާވާލުމަށް ހަމަޖެހިފައިވާ އެއްބަސްވުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މިއަންނަ އޯގަސްޓް މަހުގެ ދެވަނަ ދުވަހު ޕްރީ ސީޒަން މެޗުތައް ފަށަން ހަމަ ޖެހިފައި އޮތް އިރު ހަފްތާއެއްގެ ތެރޭގައި މެސީ އެނބުރި ބާސާއަށް އަންނާނެ ކަމަށް ބެލެވެ އެވެ. މިހާރު މެސީ ހުރީ ކޮޕަ އެމެރިކާ ނިންމާލުމަށް ފަހު ޗުއްޓީގަ އެވެ.

ބާސާ އާއި މެސީ އާ އެގްރީމެންޓެއް އެކުލާވާލިތާ ދެ ހަފްތާ ވެފައި ވާއިރު އަދިވެސް ރަސްމީ ސިފައެއްގައި މެސީގެ ކޮންޓްރެކްޓް އާކޮށްފައެއް ނުވެ އެވެ. ނަމަވެސް އިތުރު ފަސް އަހަރަށް މެސީ ބާސާގައި މަޑު ކުރާނެ ކަމަށް ކްލަބުން ގަބޫލުކުރެ އެވެ.

މެސީ ބާސާގައި ބަހައްޓަން ބޭނުންވާ ނަމަ ބާސާއިން އެމީހުންގެ ހަރަދުތައް ވަރަށް ބޮޑު ތަނުން ކުދަ ކުރަން ޖެހޭނެ އެވެ. އެގޮތުން ކުރިން އިޓަލީގެ ޔުވެންޓަސް އަށް ކުޅުނު ޕިއެނިކް އެނބުރި އިތަލީއަށް ދާނެ ކަމަށް ބެލެވޭ އިރު ބާސާއިން އަންނަނީ ގްރީޒްމަން ވެސް ވިއްކާލަން ތައްޔާރު ވަމުންނެވެ.

ވަރުގަދަ ޓީމަކާއި އެކު ޗެމްޕިއަންސް ލީގު ބާސާއަށް ގެންނަން މެސީ ކިތަންމެ ބޭނުންވި ނަމަވެސް އެކަމަށްޓަކައި ކުރަން ޖެހޭ ހަރަދުތައް ބެލެހެއްޓުމަށް ބާސާ މިވަގުތު ވަނީ ނުކުޅެދިފަ އެވެ. ނަމަވެސް މެސީގެ އުންމީދުތައް ފުރިހަމަ ކުރުމަށް ދަރަނިވެރި ވެގެން ބާސާއިން ވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ގިނަ ކުޅުންތެރިން ތަކެއް ގަނެފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އެރިކް ގާސިއާ، ސާޖިއޯ އަގުއެރޯ، މެންފިސް ޑިޕާއީ އަދި އެމާސަން އެވެ.