މިދިޔަ އާދީއްތަ ދުވަހު އިންޑިޔާގެ ހިމާޗަލް ޕްރަދޭޝްގެ ކިންނޯރު ޑިސްޓްރިކްޓްގެ ފަރުބަދަމަތީ ހިސާބެއްގައި ބިންގަނޑު ކަނޑައިގެން ގޮސް ވެހިކަލެއްގެ މައްޗަށް ބޮޑު ހިލަތަކެއް ވެއްޓުމުގެ ސަބަބުން ވެހިކަލް ކަހާލައިގެން ގޮސް ވާދީއަކަށް ވެއްޓި އެ ވެހިކަލްގައި ތިބި ނުވަ ޓޫރިސްޓުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ޖައިޕޫރަށް ނިސްބަތްވާ 34 އަހަރުގެ ޒުވާން ޑޮކްޓަރު ދީޕާ ޝަރުމާ ވެސް ހިމެނެ އެވެ.
ދީޕާ ވަނީ މަރުވުމުގެ 25 ވަރަކަށް މިނިޓް ކުރިން އޭނާ ހުރި ހިސާބު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއެއް ޓުވީޓް ކޮށްފަ އެވެ.
އޭނާގެ ޓުވީޓްގައި ލިޔެފައިވާ ގޮތުގައި އެ ވަގުތު އޭނާ ހުރީ އިންޑިއާ ސަރަހައްދުން އިންސާނުންނަށް ދެވޭނެ އެންމެ ދުރުގަ އެވެ. އެ ހިސާބުން 80 ކިލޯމީޓަރު ދުރުގައި އޮތީ ޗައިނާ އާއި ޓިބެޓްގެ ބޯޑަރު ކަމަށް އޭނާ ބުނެފައި ވެއެވެ.
އެވަގުތު އޭނާގެ ޓުވީޓަށް މާ ބޮޑު ސަމާލުކަމެއް ގިނަ ބަޔަކު ނުދިން ނަމަވެސް އެ ޓުވީޓް ކުރިތާ މާ ގިނައިރެއް ނުވެ އޭނާ މަރުވެފައިވާތީ މި ޓުވީޓް ފަހުން ވަނީ ވައިރަލްވެފަ އެވެ. އަދި ޒުވާން ޑޮކްޓަރު މަރުވުމުން އެކަމާ ހިތާމަކޮށް ގިނަ ބަޔަކު ދަނީ ތައުޒިޔާ ކިޔަމުންނެވެ.
ދީޕާގެ ޓުވިޓާ ބައޯގައި ލިޔެފައިވާ ގޮތުގައި އޭނާއަކީ އަޔުރްވެދާ ޑޮކްޓަރެއްގެ އިތުރުން ކްލިނިކަލް ނިއުޓްރިޝަން އެންޑް ޑައިޓީޝަނެކެވެ.
ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބާރު ސްޕީޑުގައި ބޮޑެތި ހިލަތައް ފައިބައިގެން އައިއިރު ދީޕާ އާއި އޭނާއާއެކު ވެހިކަލްގައި ތިބި މީހުން ދަތުރު ކުރަމުން ދިޔައީ ސަންގްލާ-ޗިޓްކުލް ރޯޑުގަ އެވެ.
ބޯކޮށް ވިއްސާރަވެހި ފެން ހެދުމުގެ ސަބަބުން ވެލި ފަރުބަދަތަކުގެ މަތިން ބިންގަނޑު ކަނޑައިގެން ގޮސް ބޮޑެތި ހިލަ ތަކާއި ފަސްތައް ތިރިއަށް ފައިބައިގެން އައި މަންޒަރު ބައެއް މީހުން ވީޑިއޯ ކޮށްފައި ވެއެވެ. މި ވީޑިއޯ އިން ފެންނަނީ ހިލަތަކާއި ފަސްތައް ފައިބައިގެން ގޮސް ބްރިޖަކަށް ފަސްތަކާއި ހިލަތައް އެޅި ބްރިޖް ހަލާކުވެގެން ވެއްޓޭ ބިރުވެރި މަންޒަރު ވެސް ވީޑީއޯ އިން ފެނެ އެވެ. އަދި ދީޕާ މެން ތިބި ވެހިކަލްގެ އިތުރުން ވެސް އެ ހިސާބުން އެ ވަގުތު ދަތުރުކުރި އެތައް ވެހިކަލް އަކަށް ގެއްލުންވި އެވެ. ނަމަވެސް އެންމެ ބޮޑަށް ގެއްލުންވެ ގިނަ ބައެއްގެ ފުރާނަ ދިޔައީ ދީޕާ ދަތުރުކުރި ވެހިކަލުންނެވެ.
ދީޕާ މެން ދަތުރުކުރީ ޓެމްޕޯ ޓްރެވެލާ ކިޔާ ޒާތުގެ ބޮޑު ވެހިކަލެއްގަ އެވެ. އެ ސަރަހައްދުގެ ފުލުހުން ބުނި ގޮތުގައި މި ވެހިކަލުގައި ދަތުރުކުރި ނުވަ މީހަކު މަރުވެ އިތުރު ދެ މީހަކު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.