އިސްލާމިކް މިނިސްޓްރީ

ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވަން އަންގައިފި

އުމުރުން 18 އަހަރުން ދަށުގެ ކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

ރާއްޖޭގައި މަދުން ނަމަވެސް ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ކުރާ މަންޒަރު ފެނެ އެވެ. ބައެއް ކުދިންނަކީ އިމާމު ކަމުގެ ކޯސް ފުރިހަމަ ކޮށްފައިވާ ނުވާ ކުދިނެވެ. މި ފަދަ މައްސަލައެއް މި ބަންދުތެރޭގައި ހުޅުމާލޭ ސަހަރާ މިސްކިތުން ފެންމަތިވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހިނގާދިޔަ ގޮތް ބައްލަވާފައިވާ ކަމަށާއި އެ ކުދިންނަކީ ކޯސް ހަދާ ކުދިން ކަމަށެވެ. އަދި ޕްރެކްޓިސް ކުރުމަށް އެކުދިން ލައްވައި އިމާމުވެ ނަމާދު ކުރުވި ކަން އެނގުނު ކަމަށެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ގަވައިދުގައިވާ ގޮތުން ކުޑަކުދިން ލައްވާ، ޕްރެކްޓިސް ކުރުމަށް ވެސް އިމާމުވެ ނަމަދު ކުރުމަކީ މަނާކަމެއް ކަމަށާއި ކޯސް ފުރިހަމަ ކޮށްފައި ހުރި ކުއްޖަކަށް ވެސް އެންމެ ކުޑަމިނުން ކުރެވޭނެ ކަމަކީ އިމާމުގެ ހާޒިރުގައި ބަންގި ގޮވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޖޭގެ ކޮންމެ މިސްކިތަކަށް ވެސް ހުންނާނެ އިމާމެއް ކަނޑައަޅާފައި. ކޮންމެ މީހަކަށް ވެސް މިސްކިތް ހަވާލު ކުރުމުގެ ކުރިން އަންގާފައި އޮންނާނެ ބަންގި ގޮވާ، ނަމާދު ކުރަން ޖެހޭނީ އޭނާ ކަމަށް. އެހެން މީހަކު އެކަން ކޮންގެން ނުވާނެ ކަމަށް،" މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ކުޑަކުދިން ލައްވައި އިމާމުވެ ނަމާދު ކުރުމާ ގުޅޭގޮތުން ސާކިއުލާއެއް ވެސް ހުރިހާ ރަށްތަކަށް އީދު ބަންދަށް ފަހު ފޮނުވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ގަވައިދުގައިވާ ގޮތުން މިސްކިތުގައި ނަމާދުކުރެވޭނީ ހާއްސަ ސެޓްފިކެޓެއް ހާސިލްކޮށް އެ މިނިސްޓްރީގެ ހާއްސަ ހުއްދައާއެކު އެވެ. ހުއްދަ ނެތި އިމާމުވެ މިސްކިތްތަކުގައި ނަމާދު ކުރުމަކީ މަނާ ކަމެކެވެ.