ހަބަރު

މާލެ އާއި ހުޅުމާލޭގައި 25 ބުރިއަށް އިމާރާތްހަދަން ސަރުކާރުން ނިންމައިފި

މާލެ އާއި ހުޅުމާލޭގައި ހަދާ އިމާރާތްތައް 25 ބުރިއަށް ހެދުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާ ކަން ރައީސް އަބްދުﷲ ޔާމީން މިރޭ އިއުލާން ކުރައްވައިފި އެވެ. މިހާރު މާލޭގައި އެންމެ އުސްކޮށް އިމާރާތް ހެދެނީ 12 ބުރިއަށެވެ. އަދި ހުޅުމާލޭގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ހަތަރު ބުރިއަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ފެށުމަށް ރާޅުގަނޑުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ މާލެ އާއި ހުޅުމާލެ އަށް އިންވެސްޓް ކުރަން އަންނަ ބޭރުގެ ފަރާތްތަކަށް ކުރިމަތިވާ އެންމެ ބޮޑު މާޔޫސް ކަމަކީ އިންވެސްޓް ކުރުމަށް އެކަށީގެންވާ ބިން ނުލިބުން ކަމަށެވެ. އެކަމުގެ ސަބަބުން މާލެ ސަރަހައްދުގެ ބިމުގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބިމުގެ ދަތިކަމަށް ހައްލެއް ގެނެވޭނީ އިމާރާތްތައް މިހާރަށް ވުރެ އުސްކޮށް ހެދިގެންނެވެ. އަދި މާލެ އާއި ހުޅުމާލޭގެ ބިމުގައި އެވަރުގެ އުސް އިމާރާތްތައް ހެދުމުގެ ހަކަތަ ހުރި ކަމަށް ދިރާސާތަކުން ހާމަވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފަދަ އުސް އިމާރާތްތަކެއް ހުޅުމާލޭގައި ނުހެދި މި ބޮޑުވާ އާބާދީއަށް އަޅުގަނޑުމެންނަށް ކޭޓާއެއް ނުކުރެވޭނެ. މި އާބާދީއަށް ކޭޓާ ކުރެވޭނީ އުސް އިމާރާތްތަކެއް ހެދިގެން. މިކަމަކީ ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރައްވަން ތިއްބެވި ފަރާތްތަކަށް ވެސް ލިބޭނެ އުފާވެރިކަމެއް،" ރައީސް ވިދާޅުވި އެވެ.