ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލްކްލެސިކޯ މެޗަށް ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ ފިޓްވެއްޖެކަމަށާއި ނަމަވެސް މެޗަށް އޭނާ ނެރޭނެކަން ނިންމާނީ އެންމެ ފަހު ވަގުތު ކަމަށް ބާސެލޯނާގެ ކޯޗު ބުނެފި އެވެ.
ކޯޗު ލުއިސް އެންރީކޭ ބުނީ މެޗުގައި މެސީ ފެނުމަށްވުރެ އެންމެ މުހިންމީ މިދިޔަ ސެޕްޓެމްބަރު މަހު ލިބުނު އަނިޔާއިން އޭނާ ފިޓްވުން ކަމަށެވެ.
"އޭނާ 100 ޕަސެންޓް ފިޓެއްނޫން. އެކަމަކު އޭނާ ފިޓްވެއްޖެ. އޭނާ މެޗުގައި ކުޅޭނެކަން ނިންމާނީ މެޗަށް އެއްގަޑިއިރަށްވުމުން. އެންމެ މުހިންމު ކަމަކީ އޭނާ ފިޓްވުން. އޭނާ ހުރީ އެނބުރި ކުޅެން ނުކުމެވޭތީ ވަރަށް އުފަލުން. މެސީ އަކީ ތަފާތެއް ގެނެވޭނެ ކުޅުންތެރިއެއްކަން އެންމެނަށް ވެސް އެނގޭނެ،" އެންރީކޭ ބުންޏެވެ.
މި ދެ ޓީމުގެ ތެރެއިން މި ސީޒަނުގައި ގިނަ ގޯލު ޖަހާފައިވަނީ ރެއާލް އެވެ. އެ ޓީމުން 26 ގޯލު ޖަހާފައިވާއިރު ބާސެލޯނާ ޖަހާފައިވަނީ 25 ގޯލެވެ. އެކަމަކު 27 ޕޮއިންޓާއެކު ޓޭބަލުގެ ކުރީގައިވަނީ ބާސެލޯނާ އެވެ. ރެއާލް ދެ ވަނާގައިވަނީ 24 ޕޮއިންޓާއެކުގަ އެވެ.
ފްރާންސާއި ޖަރުމަނު މީގެ ހަފުތާއެއްކުރިން ކުޅުނު މެޗަށް ގޮވާތަކެއްޗާއެކު ބަޔަކު ވަންނަން މަސައްކަތްކޮށް އެކަން ނާކާމިޔާބުވިއިރު ފްރާންސްގެ އެކި ހިސާބުތަކުގައި ބޮންގޮއްވާފައިވާތީވެ، މި މެޗުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަކޮށްފަ އެވެ.