ކްރިމިނަލް ކޯޓް

ސެންޓު ފުޅިއެއް ވަގަށް ނެގުމުން 18،000ރ. އިން ޖޫރިމަނާ

Jul 28, 2021

މަޖީދީ މަގު، ގަލޮޅު ދަނޑު ތިރީގައި ހިންގަމުންދާ ރެޑްވޭވް ފިހާރައިން ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު 18،000ރ. ގެ ޖޫރިމަނާއެއް ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ރެޑްވޭވް ފިހާރައިން "އަރިސް" ބްރޭންޑްގެ ސެންޓް ފުޅިއެއް ވަގަށް ނަގައިގެން ގެންދަން މަސައްކަތް ކޮށްފައި ވަނީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ މީހެކެވެ.

އޭނާ އުޅުނީ ލައިގެން ހުރި ޖީންސްގެ ތެރެއަށް އެ ސެންޓުފުޅި ލައިގެން ފިހާރައިން ނިކުންނާށެވެ. ނަމަވެސް އޭގެ ކުރިން އޭނާ ވަނީ އަތުލައިގެންފަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ހުށަހަޅާފައިވާ މި މައްސަލަ ނިންމުމަށްފަހު ކްރިނިމަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ދައުވާ ލިބޭ މީހާ ކުށަށް އިއުތުރާފްވެފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައަކީ ސެންޓު ފުޅި ވަގަށް ނަގަން އުޅުނު މީހާގެ އިއުތިރާފުން ސާބިތުވެފައިވާ މައްސަލައެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެމީހާ އަކީ ކުރިން މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.

ހުކުމުގައިވާ ގޮތުގައި އޭނާ މިހާރު ތަންފީޒުކުރަމުން އަންނަ ޖަލު ހުކުމުގެ ބާކީ އޮތީ ދެ ހަފްތާއެއްހާ ދުވަހެވެ. އެހެންވެ އެ މީހާ މުޖުތަމައުން އެކަހެރި ކުރުމުގެ ބަދަލުގައި އެންމެ ރަގަޅު ގޮތަކީ މުޖުތަމައަށް ފައިދާ ކުރަނިވި މީހަކަށް ވުމުގެ ފުރުސަތު ލިބިދޭ ފަދަ އަދަބެއް ކަނޑައެޅުން ކަމަށް ވެސް އެހުކުމުގައިވެ އެވެ.

ގާޒީ އާދަމް މުހައްމަދު ބެއްލެވި އެ މައްސަލައިގެ ހުކުމުގައި ބުނީ، އޭނާގެ މައްޗަށް ކޮށްފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތު ވެފައި ވާތީ 18،000ރ. އިން ޖޫރިމަނާ ކުރާ ކަމަށެވެ. ޖޫރިމަނާ ދައްކަން ދީފައި ވަނީ ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހެވެ. އެ ފައިސާ ދައްކަން ޖެހޭނީ މީރާ އަށެވެ.