ހަނިމާދޫ

ހަނިމާދޫ ދަނޑުތައް ހުސްކުރަން އަންގައިފި

ސިފައިންގެ ނޮދަން އޭރިއާ ހެޑްކުއާޓާސް އިމާރާތް ކުރަން ހދ. ހަނިމާދޫގެ ދަނޑުބިންތައް ހުސް ކުރަން އެ ރަށު ކައުންސިލުން އަންގައިފި އެވެ.

ދަނޑުތައް ހުސްކުރުމާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެރަށުގެ އެކި ފަރާތްތަކުން ދަނޑުވެރިކަން ކުރަން ކަސްޓަމްސްގެ އިރުން ދޫކޮށްފައިވާ އަރާމަގާއި، ރަންވޭމަގާއި، ވަޑައިގެންނެވިމަގާއި ދަނޑުތައް ހުސް ކުރުމަށެވެ. އޮގަސްޓު 31 ވަނަ ދުވަހުގެ ނިޔަލަށް އެތަންތަން ހުސްކުރަން ކައުންސިލުން ވަނީ އަންގާފަ އެވެ.

ހުސްކުރަން އަންގާފައި ވަނީ މޫސުމީ ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިންތަކެކެވެ. އެ ބިންތައް ދީފައިވާ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް ކައުންސިލުން ބުނީ އެ ތަނުގައި ރައްޔިތުންގެ މުދާ ހުރެދާނެ ކަމަށް ގަބޫލު ކުރެވޭތީ އެތަން ހުސް ކުރުމަށް އެއް މަސްދުވަހުގެ މުއްދައްތެއް ދިނީ ކަމަށެވެ.

ދަނޑުބިންތައް އޮތް ސަރަހައްދު އެމްއެންޑީއެފަށް ދިނީ ރައްޔިތުންގެ ރުހުމާ އެކުގައި ކަމަށާއި ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ރަށުގެ ބޭނުންތާކުން ބިން ލިބޭނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ. އަވަސް އަށް އެނގެފައިވާ ގޮތުގައި ހުސްކުރަން އަންގާފައިވާ ސަރަހައްދުގައި 20 އަށް ވުރެ ގިނަ ދަނޑު އޮވެ އެވެ.

އެމްއެންޑީއެފް ނޮދާން އޭރިއާ ހެޑްކުއާޓާސް އަޅަން ކައުންސިލުން މިހާރު ސަރުކާރަށް ދޭން ނިންމާފައި ވަނީ 420,316 އަކަފޫޓުގެ ބިމެކެވެ.

ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ކުރިން އަވަސް އަށް ވިދާޅުވެފައި ވަނީ ކުރިން ބިން ކަނޑައަޅާފައި ވަނީ ބީޗާ ވީ ސަރަހައްދުން ކަމަށެވެ. ކުރިން ސަރުކާރުން ކަނޑައަޅާފައި ވަނީ 853،937 އަކަފޫޓްގެ ބިމެކެވެ. އެއީ ޓްރާންސިޓް ހޮޓަލަކާއި، އެމްއެންޑީއެފް ނޮދާން އޭރިއާއަށް ބަޔަކާއި އަދި ރަންވޭގެ ދުރު މުސްތަގްބަލުގެ ޕްލޭނަށް ބޭނުންވާ ބަޔަށެވެ.

ނަމަވެސް އެރަށުގެ ރައްޔިތުންނާއި އަދި ކައުންސިލުންވެސް ކަންބޮޑުވުން ފާޅުކުރީ އެހާ ބޮޑު ބިމެއް ސަރުކާރަށް ނުދެވޭނެ ކަމަށް ބުނެ އެވެ. އެކަމަށް ހައްލު ހޯދާފައި ވަނީ އީދު ބަންދުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސަށް އެކަން ދަންނަވައިގެންނެވެ. އެގޮތުން އެ ބިން ކުޑަކޮށް ޓްރާންސިޓް ހޮޓާ ނާޅާ ގޮތަށް މިހާރު ވަނީ ނިންމާފަ އެވެ.