ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

27 ޕަސެންޓް މީހުން އެއްވެސް ޑޯޒެއް ނުޖަހާ

ރާއްޖޭގައި ވެކްސިން ޖަހާ އުމުރުގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހައި ތިބި ކަމަށް އެޗްއީއޯސީން ހާމަކޮށްފި އެވެ.

އެޗްއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްފައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19ގެ ބަލީގައި މީހުންނަށް ބޮޑުވަރު ވިޔަ ނުދިނުމަށާއި އެތައް ކަމަކުން ލުއި ފަސޭހަކަން ހޯދުމަށް ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބި ކަމަށާއި އަމާޒަކީ އަންނަ މަސް ނިމެންވާއިރު މި އެންމެންނަށް ފުރަތަމަ ޑޯޒް ޖެހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑްގެ އެންމެ ފަހުގެ ރާޅުގައި ދުވާލަކު ޕޮޒިޓިވް ރޭޓް ހާހަކަށް އަރާފައިވާ ކަމަށާއި ބަލީގައި ވަރަށް ގިނަ މީހުން މަރުވި ކަމަށެވެ. ބަލީގައި މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

"ދިވެހި ސަރުކާރުން ހަރަދުކޮށްފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް މިވަނީ އަޅުގަނޑުމެންނަށް ލިބިފަ. މިހާރު ވަނީ ރާއްޖެ ގެނެވިފަ. އިރާދަކުރެއްވިއްޔާ މިފަހަރު މިލިބުނު ޝިޕްމެންޓަށް އަދި އެކި ގޮތްގޮތަށް އަޅުގަނޑުމެންނަށް ލިބެންހުރި ވެކްސިންތަކާ އެއްކޮށް އަޅުގަނޑުމެންނަށް ބެލެވޭ މިވަގުތު ދިވެހިރާއްޖެއަށް ވެކްސިން ޖަހަން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ފެށޭނެ. ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް ދެވަނަ ޑޯޒް ޖަހާ ނިމޭނެ ކަމަށް،"

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ފުރިހަމަކޮށްގެން ދަތުރުފަތުރު ކުރުމަށާއި ދަރިވަރުންގެ ކިޔެވުމަށް ވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހެއްނަމަ މިހާރު މިހުރި ވަރަށްވުރެ އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

އެހެން ގައުމުތަކާ އަޅާ ބަލާއިރު އާބާދީގެ ނިސްބަތުން ރާއްޖޭގައި އެއް ޑޯޒް ނަމަވެސް ޖަހާފައި ތިބި މީހުން މަތި ކަމަށާއި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިސަރަހައްދުން ބަލާއިރު ބަންގްލަދޭޝް، ނޭޕާލް ފަދަ ގައުމުތަކަށްވުރެ ގިނަ މީހުން އާބާދީގެ ނިސްބަތުން ރާއްޖެއިން ވެކްސިން ޖަހާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ތިބި މީހުންނަށް އެސްޓްރާޒެނެކާ ވެކްސިން ދެވަނަ ޑޯޒް ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. އެއީ އެއް ވެކްސިނެއް ކަމަށާއި ތަފާތީ ވެކްސިން އުފައްދާ ތަން ކަމުގައިވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ސަރުކާރުން ފަށަން ތައްޔާރުވަމުން އަންނަ ކޮވިޑް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމު އަންނަ ހަފުތާގެ ތެރޭގައި ފަށާނެ އެވެ. އެގޮތުން އެ ޕްރޮގްރާމުގެ އަމާޒަކީ ފުރަތަމަ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުމެވެ.