ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އެސްޓްރަޒެނެކާގެ ފުރަތަމަ ޑޯޒް ޖެހޭނީ އަންނަ މަހުގެ އެކަކަށް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ސިންގަޕޫރު ވެކްސިން ޖަހައިދޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެންމެ އެކަށީގެންވާ މިންވަރަށް އަދިވެސް މީހުން ވެކްސިން ސެންޓަރު ތަކަށް ވެކްސިން ޖަހަން ނާންނަ ކަމަށެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް ޖަހާފައިވަނީ 4،492 މީހެކެވެ.

ކޮވިޝީލްގެ ފުރަތަމަ ޑޯޒް ޖަހައިފައި ތިބި މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާ ވެކްސިން ޖަހައިދެމުން އަންނައިރު ދެވަނަ ޑޯޒަށް 12،243 މީހަކު އެސްޓްރާޒެނެކާ ވެކްސިން ޖަހާފައިވާ ކަމަށް ޑރ. ނަޒްލާ ވަނީ މައުލޫމާތު ދެއްވާފަ އެވެ.

"ސެމްޓެމްބަރު ފަސްޓުގެ ފަހުން ފަސްޓް ޑޯޒް ނުޖަހައިދޭން ނިންމި ސަބަބަކީ ވެކްސިން ޖަހަން ތިބި މީހުންގެ އަދަދު މަދުވެފައި ކެޕޭސިޓީ އެބަހުރި އަދި ޑިމާންޑް އޮތް ގޮތުން އެ ޑޭޓަށް އެސްޓްރާޒެނެކާގެ ފުރަތަމަ ޑޯޒް ޖަހައި ނިންމޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެކްސިން ރައްކާކޮށްގެން ގެންގުޅެވޭނީ ހަމަސް ދުވަހަށް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ވެކްސިން ޖަހައި ނިންމަން ޖެހޭނެ ކަމަށެވެ. މިހާރު ލިބިފައިވާ އެސްޓްރާޒެނެކާ ވެކްސިންގެ މުއްދަތު ހަމަވާނީ ނޮވެމްބަރު މަހު އެވެ.

ސެޕްޓެމްބަރު އެއްވަނަ ދުވަހާ ހަމައަށް ފުރަތަމަ ޑޯޒް ޖަހައިދޭން ނިންމާފައިވާއިރު ދެވަނަ ޑޯޒަށް ވެސް ވަގުތު ދޭން ޖެހޭނެ ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ. އެހެންވެ ލިބިފައިހުރި ވެކްސިންގެ މުއްދަތު ހަމަވުމުގެ ކުރިން ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެ މަސްތެރޭ ދެވަނަ ޑޯޒް ޖަހަން ވަގުތު ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ވެކްސިން ލިބޭނީ އުފެއްދުމަށްފަހު ކޮލިޓީވެސް ޗެކްކޮށްފައި ކަމަށާއި އެހެންކަމުން ގައުމުތަކަށް ވެކްސިން ޖަހައި ނިންމަން ލިބޭނީ ވެސް ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތެއް ކަމަށްވާތީ މުއްދަތު ހަމަވުމުގެ ކުރިން ވެކްސިން ޖަހައި ނިންމުމުގެ މުހިއްމު ކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފަ އެވެ.

"ވަރަށް ގިނަ ގައުމުތަކަށް ލިބެން ދަތި އެއްޗެއް މިއީ އަޅުގަނޑުމެންނަށް ލިބިފަ މިހުރީ. އެހެންކަމުން މީގެ ބޭނުން ރަގަޅަށް ހިފަން ވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.