މާލޭ ސިޓީ ކައުންސިލް

މާލޭގައި މީޓަރު ޕާކިން ސިސްޓަމް ތައާރަފްކުރަނީ

ވެރިރަށް މާލޭގައި މުޅިން އަލަށް މީޓަރު ޕާކިން ސިސްޓަމް ތައާރަފު ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ މީޓަރު ޕާކިން ސިސްޓަމް ތައާރަފްު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ސިސްޓަމްތައް ބަހައްޓާނެ ތަންތަން ކަނޑައެޅުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަމާ ގުޅޭ ތަފްސީލްތައް އަދި ފަހުން ހާމަ ކުރާނަން،" އެ އޮފިޝަލް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ރޭ ވަނީ މިކަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނެއް ވެސް ކޮށްފަ އެވެ. އެ އިއުލާނުގައި ބުނީ މީޓަރު ޕާކިން ސިސްޓަމް ހޯދައި އަދި ބަހައްޓައި ދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މިކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 19 ގައި މި ހިދުމަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު، ސެޕްޓެމްބަރު 19 ގައި ސިޓީ ކައުންސިލަށް އަގު ހުށަހަޅަން ޖެހޭނެ ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ.

މީޓަރު ޕާކިންއަކީ ވެހިކަލްތައް ވަކި ވަގުތެއްގައި ވަކި ތަނެއްގައި ޕާކް ކުރުމުގެ ގޮތުން ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުންކުރާ ޑިވައިސް އެކެވެ.