ވާހަކަ

ސިއްތާ

(27 ޖުލައި 2021 އާ ގުޅޭ)

"ސީރިއަސްކޮށޭ... ވީ އާ ނޮޓް ސިބްލިންގްސް. އިޓްސް އަ ލޯންގް ސްޓޯރީ." ނީރާ ބުންޏެވެ. ކުރިން ވީ ހިނިތުންވުން ޝީންގެ މޫނުން ފަނޑުވެ ސީރިއަސްކަމުގެ އަސަރު ވެރިވެއްޖެއެވެ.

"ނީރާ، ސީރިއަސް، ސީރިއަސްކޮށްތަ؟" ޔަގީނުގެ މައްޗަށް ޔަގީން ކުރަން އުޅޭ މީހަކުހެން ޝީން އަހާލިއެވެ.

"ދޮގެއްނޫން. އަހަރެމެންނަކީ އެއްވެސް ގުޅުމެއްނެތް ދެ މީހުން. ބޮޑުވީ ކޮއްކޮ ބޭބެ ކިޔައިގެންނެއްނޫން. އެހެން ހިތަކު ވެސް ނޯވޭ. އެކަމަކު އީހާނަކީ ދުރުމީހެއްނޫން. ލޭގެ ގުޅުމެއް ނެތި، ރަހިމުގެ ގުޅުމެއް ނެތަސް އާއިލާއަށް ވެދާނެ. އަހަރެމެންނަކީ އެކަހަލަ އާއިލާއެއް." ނީރާ ގަޔާނުވެ އިނދެ ވާހަކަދެއްކިއެވެ. އާއިލާދެކެ ކިތަންމެ ލޯބިވިޔަސް އާއިލާގެ ވާހަކަތަކަކީ ނީރާ ދައްކަން ބޭނުންވާ ވާހަކައެއް ނޫނެވެ. މީހުން ކައިރީ އޭނާއަކީ އެ އާއިލާއާ ގުޅުމެއްނެތް މީހެކޭ ބުނަން ޖެހޭތީއެވެ. ކައިރީގަ އިން ރިދާއަށް އެކުވެރިޔާގެ މޫނުން އެކަން ދެނެގަންނަން އެނގުނެވެ. ހިމޭންވެފައި ޝީން ބަލަން އިނީ ނީރާގެ މޫނަށެވެ. ތިންމީހުންގެ ދެމެދަށް ވެރިވި ހިމޭންކަން ރިދާ ނައްތާލީ ދައްކަމުންދިޔަ ވާހަކައިގެ މިސްރާބު ބަދަލުކޮށްލައިގެންނެވެ. ނުގުޅޭ މައުޟޫއެއްކަމަށް ރިދާއަށް ފެނުނީ ލައިޒަލްއާ އުޝާގެ ނަމެވެ. ދަތުރުގެ ފަހުން އުޝާއާ އަދި ބައްދަލުނުވާކަން ރިދާ ފާހަގަކުރިއެވެ. ލައިޒަލްއާއި ނީރާގެ އެކުވެރިކަން އެމީހުން ފާހަގަކުރިއެވެ. ޔަމާނުގެ އެކުވެރިއެއްގެ ގޮތުގައި ލައިޒަލް ތައާރަފްކޮށް ނުދެނީސް ލައިޒަލްއާ ބައްދަލުވި ގޮތް ނީރާ ކިޔާދިނެވެ. އޭނާ މަސައްކަތްކުރާ އެސޯސިއޭޝަންގެ އިސްވެރީންނާ ލައިޒަލްއާ ގުޅުން އޮންނަ ކަމުގައި ނީރާ ބުންޏެވެ.

"ޔާނު ވަރަށް ނުދައްކާނެ ލައިޒަލްގެ ވާހަކަ. އެހިޔަސް ކިޔާނުދޭނެ ލައިޒަލްގެ ލައިފްގެ އެއްވެސް ކަމެއް." ރިދާ ބުނެލިއެވެ.

އަމިއްލަ އާއިލާގެ ވާހަކަ ހިއްސާކޮށްފައި ނުވާ ނީރާއަށް ލައިޒަލްގެ އާއިލާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގެއެވެ. އެ ދެމެދުގައި މުސްތަގުބަލާ ގުޅުވާ ރޭވުންތަކެއް ރާވާފައެއް ނުވެއެވެ. އެ ގުޅުމަށް ވާނީ ކިހިނެއްކަމެއް، އަދި ލައިޒަލްގެ ހިތުގައި ވަނީ ކީކޭކަމެއް ތެދަށް ބުނަންޏާ ނީރާއަކަށް ނޭނގެއެވެ. ލޯބިވާކަމުގައި ގަބޫލުކުރަމުން އަންނަނީ ލައިޒަލް ބަހައްޓާ ގާތްކަމުގެ ސަބަބުންނެވެ. ލައިޒަލް ފާޅުކޮށް ލޯބީގެ ނަން ނުކިޔާތީ ނީރާ ވެސް އެ ލަފުޒާ ގުޅުވާ ވާހަކައެއް ދައްކަން ނުކެރެނީއެވެ. ގަޔާވާކަމުގަ ބުނަމުން އައި ނަމަވެސް ލޯބިވެޔޭ ބުނަން ދެ މީހުން ވެސް ޖެހިލުންވާ ކަހަލައެވެ. ދެމެދުގައި ޝައްކާއި ވަހުމަށް ފުރުސަތު ނުދޭން ލައިޒަލްއެކޭ އެއްފަދައިން ނީރާ ވެސް ސަމާލުވެއެވެ.

"މި ވީކަންޑްގަ އެންމެން ހަމަވާނެތަ؟." ޝީން އަހާލިއެވެ.

"ޔާނަށް އެނގޭނީ، އެންމެންނަށް ގުޅާ މީހަކީ އެއީ." ރިދާ ބުންޏެވެ.

ކެފޭ ބަންދުކޮށް ފައިސާގެ ކަންކަން ނިންމާފައި ޔަމާނާއި އީހާން އަންނަންދެން ތިން އަންހެން ކުދީން މޭޒުދޮށުގައި ތިއްބެވެ. އެއްވާހަކައިން އަނެއްވާހަކަ ކުރިފަޅާއިރު އެމީހުންގެ ވާހަކަތައް ހުސްނުވެއެވެ. އެމީހުންގެ ތެރޭ އިތުރަށް ނީރާއާއި އީހާންގެ މައުޟޫއު ކުރިއަކަށް ނުގެންދިޔައެވެ. އީހާނާއެކު ކާރުގެ ކުރީގައި ޝީން އިނެވެ. އޭގެ ދެމީހުން ދުއްވަން ދިޔައީ ނީރާ ގެނެސް ގެޔަށް ލާފައެވެ.

ނީރާ ވަދެގެން އައިއިރު ގޭތެރޭގަ ވަނީ ހިމޭންކަމެވެ. ލަމްހާ ނިދަން ވަނީކަން އެނގެނީ އެހެންވެއެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ނީރާ މަޑުކޮށްލިއެވެ. ތަޅުގައި ހިފަހައްޓާލައިގެން އިރުކޮޅަކު ދޮރާ ދިމާއަށް ބަލަން އޭނާއަށް ހުރެވުނެވެ. ދެހިޔާލެއްގައި ހުރެއެވެ. ދެން ކޮޓަރީގެ ދޮރު ތަޅުލައިފިއެވެ. ފާޚާނާއަށް ވަދެފައި ނުކުމެ ކޮޓަރީގެ އަލި ފަނޑުކޮށްލިއެވެ. ނިދަންލާ ވަކި ހެދުމެއް އޭނާ ނުގެންގުޅެއެވެ. ގޭތެރޭގައި ލައި އުޅޭ ކަހަލަ ޓީޝާޓަކާއި ސޯޓުބުރި އެއް ލައިގެން އެނދަށް އެރިއެވެ. ރަޖާދަށުގައި ހަމަޖެހިލެވުމުން ފޯނު ނެގިއެވެ. ލައިޒަލްއަށް ގުޅުމުގެ ކުރީން އަބަދުވެސް ނީރާ މެސެޖުކޮށް ގުޅަންތޯ އަހާލާނެއެވެ. މެސެޖު ފެނުމުން ލައިޒަލް ޖަވާބެއް ދިނުމުގެ ބަދަލުގައި ނީރާއަށް ގުޅައެވެ. މިރޭ ވެސް ނީރާ ފޮނުވާލީ މެސެޖެކެވެ. ލައިޒަލް ގުޅުމުގެ ބަދަލުގައި މެސެޖު ކުރީއެވެ. މާދަމާ ޚަބަރެއް ވާނޭކަން ބުނެއެވެ. ލައިޒަލްއާ ވާހަކަދައްކާ ނުލެވުމުން ނީރާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ބިއްދޮށަށް އެނބުރި ނީރާ އޮތީ ދެ ލޯ މަރާލައިގެންނެވެ. އޭނާ އޮތީ ނިދާފައެއް ނޫނެވެ. ގަޑިތަކުންވީ ކިހާ އިރެއްކަމެއް ނުދެނަހުއްޓެވެ. ކޮޓަރީ ތަޅުގައި ހިފި އަޑު އިވުނެވެ. އޭނާ އަޅައެއް ނުލިއެވެ. އެއީ އީހާނުކަން އެނގޭތީއެވެ. މަޑުމަޑުން ނީރާގެ ހިޔާލުތަޖުގައި އަމިއްލަ ހަޔާތުގެ ސަފުހާތައް އުކެން ފެށިއެވެ. ދުނިޔެއާ މެދު ދެކެންވީ ގޮތެއް ނޭނގޭ ޅަކުއްޖެއްގެ ގޮތުގައި ހުރުމަށްފަހު، ފުރާވަރުގެ ދުވަސްތަކާ އޭނާ ވެސް ކުރިމަތި ލިއެވެ. ޖަޒުބާތުތަކާއި މުޅީން އާ އިހްސާސްތަކަށް ނަފްސު ހޭލައްވާލައި ދުނިޔެއާމެދު ތަފާތު ނަޒަރަކުން ބެލެންފެށުނީ ދެނެވެ. ފުރާވަރުގެ އުމުރުގައި އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ނީރާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައެވެ. މުޅި މީހާ ބަދަލުވާން އުޅެނީއޭ ހީކުރެވުނު ދުވަސްތައް ވެސް ދިޔައެވެ. އަންހެންވަންތަކަން ފާޅުވާން ފެށުމުން އެކަމާ ދެރަވެ ރުއި ދުވަސްތައް މަދެއްނޫނެވެ. ލަދުން ހަށިގަނޑު ފޮރުވާން މަސައްކަތް ކުރިއެވެ. މޫނުގައި ބޮޑެތި ފަރުބަދަހެން ނަގަންފެށި އޮށޯޅަތަކުން ސަލާމަތްނުވެވި އެކަން އޭރުވީ ދުއްތުރާއަކަށެވެ. މިބަދަލުތަކަކީ ކޮންމެ އަންހެންކުއްޖަކަށް ވެސް އަންނާނޭ ބަދަލުތައްކަން ވިސްނުނީ ލަމްހާގެ އޯގާތެރި ބަސްތަކުންނެވެ. ދެގޮތެއްނުވެ އޭނާއަށް ލިބެމުންދިޔަ މަންމަގެ ލޯތްބެވެ. މިހުރިހާ ކަމެއްގެ އިތުރުން އެއްގޮތެއްގައި ނީރާގެ ހިތް ބޭއްވުން ދަތިކަމަކަށް ވިއެވެ. އިދިކޮޅު ޖިންސުން އެއްއުމުރުގެ ކުދީންގެ އިތުރުން ޒުވާނުން ފެނުނަސް "ރީތި" ވަކިކުރުމަށް ނީރާގެ ހިތް އޭރު އަވަސްވެ ގަނެއެވެ. ކަމުގޮސް ގަޔާވާ ސިފައެއް ހުރެއްޖެނަމަ އެމީހަކާމެދު ހިޔާލު ކުރާލެއް މަދެއްނޫނެވެ. މިގޮތުގައި އޭނާގެ ފުރާވަރުގެ އުމުރު ނިމިގެން ހިނގައްޖެއެވެ. އެ ދުވަސްތަކާއި އަލްވަދާއު ކީތާ އަދި ގިނައަހަރުތަކެއް ނުވެއެވެ. އޭރު ވެސް ނީރާގެ ހަޔާތުން ބޮޑު ރޯލެއް އަދާކުރާ މީހަކަށް އީހާނުވިއެވެ. ދެމީހުންގެ ތަޢުލީމީ ދައުރު ނިމުނީ އެއް ސުކޫލަކުންނެވެ. ބޮޑުވަމުން އައިއިރު އީހާންގެ ރީތިކަމާއި ފިރިހެންވަންތަކަން ނީރާއަށް ފާހަގަވިއެވެ. ހިތުން ހާއްސަކަމެއް އީހާނަށް ދެވެންފެށުނެވެ. ނަމަވެސް އީހާނަށް ނީރާގެ ހިތުގެ އިހްސާސްތަކުގެ އަޑެއް ނީވެއެވެ. އޭނާއަކީ އަންހެން ކުދީންގެ މެދުގައި މަގުބޫލު ޒުވާނަކަށްވާއިރު، ސްކޫލު ދައުރުގައި ވެސް އޭނާ އުޅުނީ ކުދީންނާ ރައްޓެހިވެގެންނެވެ. ހާއްސަގޮތެއް ނީރާއާ މެދު އީހާނު ނުބަހައްޓައެވެ. އެހެންވިޔަސް އޭރު ވެސް އީހާނަކީ ނީރާގެ ހިޔަންޏެވެ. އުމުރުގެ ތަފާތު ހުރި ނަމަވެސް ސުކޫލުތެރެއިން ނީރާއާއެކު އިހާނު ނޫން ފިރިހެން ކުއްޖަކު ނުފެންނާނެއެވެ. އެއްވެސް ފިރިހެން ކުއްޖަކަށް ނީރާއާ ކައިރިވާކަށް ނުކެރެއެވެ. ހަނދާނުން ފުހެލަން އުނދަގޫ ކަމެއްގެ ގޮތުގައި ފުރާވަރުގެ އެ ދުވަސްތަކުން ދުވަހެއް ނީރާ ފާހަގަކުރެއެވެ. އެއީ ކުލާހުގައި އުޅޭ ފިރިހެން ކުއްޖަކާއެކު ނީރާ ސްކޫލު ނިންމާފައި އައިސްކްރީމް ބޯން ގޮސް ހުއްޓާ އީހާނަށް ފެނުނު ދުވަހެވެ. އެދުވަހު ގެއަށް އައުމުން އެއީ ކާކުތޯ އަހާލުން ފިޔަވާ އީހާން ސުވާލެއް ނުކުރެއެވެ. ނަމަވެސް އަނެއްދުވަހު ސްކޫލަށް ދިއުމުން އެ ފިރިހެންކުއްޖާ ނީރާ ފެންނަކަމަށް ނުހެދިއެވެ. ކިޔެމުން ނިމެންދެން ވެސް އޭނާ ނީރާ އަނގަޔަކުން ނުބުނެއެވެ. އޭގެ ފަހުން ސުކޫލު ތެރޭ ތުންތުންމަތިން ފެތުރިގެން އައީ އީހާނާއި ނީރާއާ ދެމެދު އޮތް ގުޅުމުގެ ވާހަކައެވެ. ދެމީހުން ރައްޓެހިވެގެން އުޅޭކަމަށެވެ. ނީރާގެ ބައެއް އެކުވެރީން އެ ވާހަކަތައް ދޮގުކުރަމުން ދިޔައީ ނީރާއަކީ އީހާނުގެ ކޮއްކޮ ކަމަށް ބުނަމުންނެވެ. ނީރާދެކެ ގަޔާނުވާ އަންހެންކުދީން ގިނަވިއެވެ. ހަގީގަތެއް އެވާހަކަތަކުގައި ނެތަސް، ނީރާއަށް އެނގޭ ކަމަކީ އީހާނަށް ޓަކައި އެ ހިތުގައި އޭރު އުފެދުނީ ބޭބެއަކާމެދު އޮންނާނޭ ފަދަ މާތް އިހްސާސްތަކެއް ނޫންކަމެވެ. އެ އިހްސާސްތަކުގައި ވަނީ އަންހެނަކު ފިރިހެނަކަށް އެދޭފަދަ ޖަޒުބާތަކެވެ. ލޯތްބަކީ ކޮބާކަމެއް އޭރަކު ނޭނގެއެވެ. އޭރު އޮތީ "ކްރަޝް" އެކޭ ކިޔާފަދަ އިހްސާސެކެވެ. މިއަދު އެ އިހްސާސްތަކުގެ އަސަރެއް ނީރާގެ ހިތަކު ނުވެއެވެ. އީހާނު އޭނާ ބަލައިގަތުމަކަށް ވެސް ބޭނުމެއްނުވެއެވެ. މިހާރު އޭނާއަކީ އީހާނު އަބަދުވެސް ބުނަމުން އަންހެން "ބެސްޓްފްރެންޑް" އެވެ. ނީރާ ބަދަލުވީ ނަމަވެސް އީހާނު ބަދަލެއް ނުވެއެވެ. އަދިވެސް އޭނާ އެ އުޅެނީ އެންމެ ކުރިއެކޭ އެއްގޮތަށެވެ. ނީރާގެ ހަޔާތަށް ފިރިހެނަކަށް އަންނާނޭ ފުރުސަތެއް ނުދޭންވެގެންނެވެ. ގުޅުމެއް ފަށަން ބޭނުންނުވެފައި މިހާ ދުވަހު ނީރާ ހުރީ ވެސް އެހެންވެއެވެ. އެކަމަކު ލައިޒަލްއާ ބައްދަލުވުމަށްފަހު އަނެއްކާވެސް ނީރާގެ ހިތުގައި ވަޅުޖެހިފައިވި އިހްސާސްތައް ހޭލައިފިއެވެ. ކުޑައިރުގެ ލޯތްބާއި އަޅާނުކިޔޭހާ ފުން ވަރުގަދަ ލޯތްބަކުން ނީރާގެ ހިތް ލައިޒަލްގެ މައްޗަށް ލެނބިއްޖެއެވެ. ލައިޒަލްގެ ލޯބިވެތި ބީހުންތަކުން ނީރާގެ މައުސޫމްކަން ނެތެމުން ދަނީއެވެ.

* * * * *

ދުވަސްތަކަށްފަހު ހަފްތާ ބަންދާ ދިމާކޮށް ހުކުރުވިލޭރޭ ހުރިހާ އެކުވެރީން އާދައިގެ މަތިން ކަރޯކޭ ޖައްސަން ކޭވްއަށް ދިޔައެވެ. ވަގުތު ހިނގަމުންދިޔަ ވަރަކަށް ނީރާގެ ފޫހިކަން އިތުރުވެ މޫޑު ހަރާބުވިއެވެ. އީހާންގެ ސަބަބުންނެވެ. އެންމެންގެ ކުރިމަތީ ނީރާ ތެދުވެ އެތަނުން ނުކުތީ ހަޅޭލަވައި ގަނެވިދާނެތީއެވެ. ޝީން ހިފަހައްޓަނިކޮށް ވެސް ނީރާގެ ފަހަތުން އީހާނު ހަލުވިކޮށް ނުކުތުމުން އޭނާ ވެސް އިނީ ނުރުހިފައެވެ.

ކޮޅުކޮޅު ބަލަމުން އައި އީހާނަށް ފާހާނާއާ ދިމާއަށް ނީރާ ދާތީ ފެނުނެވެ. ހަލުވިކޮށް އައިސް ނީރާގެ އަތުގައި އީހާން ހިފިއެވެ. ނުރުހުންވެ ނީރާ އަތްފޮޅުވާލުމުން އީހާން އޭނާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

"އަހަންނާއެކު ފާހާނާއަށް ވަންނަންތަ ތިއައީ. މަންމަ ބުނީތަ ފާހާނައިގަ ކުރާކަމެއް ވެސް ބަލަން." ހިމޭންކަންވި މަޑުމައިތިރި އަޑަކުން ނީރާ ވާހަކަދެއްކިއެވެ. އެ އަޑުގައިވި ރުޅީގެ އަސަރު އީހާނަށް އިހްސާސް ވިއެވެ.

"ކުއްލިއަކަށް ނުކުތީމަ... ހީކުރީ ގެއަށްދާން ކަމަށް. ވާރޭ އެވެހެނީ..." އީހާން ބުނެލިއެވެ.

"ފާހާނާއަށްކަން މިހާރު އެނގިއްޖެއެއްނު. މިތާ ނުހުރެ ދޭ." ނީރާ ޖެހިލީ ފާހާނާގެ ދޮރާ ކައިރިއަށެވެ. އީހާނު ހިނގައިނުގަނެ ހުންނަން ފެށުމުން ނީރާ އަނެއްކާ ވެސް ދާށޭ ބުނެފިއެވެ. އީހާން ބަލާލައިފަ ހިނގައިގަތީ ދާން ބޭނުންނުވެފައި ހުރެކަން ނީރާއަށް ރަނގަޅަށް އެނގެއެވެ. އެހެންވިޔަސް އީހާން ސިޑިން އަރައި ލޯ މައްޗަށް ގެއްލެންދެން ނީރާ ބަލަން ހުރީއެވެ.

"ކާރުގަތަ؟" ފޯނަށް އައި މެސެޖު ލައިޒަލް ކިޔާލިއެވެ. އެވަގުތު އީހާން ވަދެގެން އައިސް ޝީންގެ ގާތުގައި އިށީންތަން ލައިޒަލް ބަލަން އިނެވެ. ނީރާ ކޮބާތޯ ރިދާ ސުވާލުކުރިއެވެ. ފާހާނާއަށް ދިޔައީ ކަމުގައި އީހާނު ބުނެލިއެވެ. އެ އަޑު އަހަން އިނދެފައި ލައިޒަލްގެ ފޯނަށް އައި މެސެޖަށް ޖަވާބު ލިޔެ ފޮނުވާލިއެވެ. ދެވަނަ މެސެޖު އައީ ނުހަނު އަވަހަށެވެ.

"އަހަރެން ގޮވައިގެން ދާން އާދެވިދާނެތަ؟ ޕްލީޒް!."

ފޯނުގައިވި ނީރާގެ މެސެޖު ކިޔާ ނިމުމާއެކު ވަގުތުން ލައިޒަލް އިންތަނުން ތެދުވިއެވެ. އޭނާގެ ވައަތު މުލައްދަނޑީގައި ހިފާލި އުޝާ ސުވާލު ކުރިއެވެ. ފޯނެއް ކުރަން ކަމަށް ބުނެ ލައިޒަލް ނުކުތެވެ. އީހާންގެ ނަޒަރު ލައިޒަލްއަށް ހުއްޓިފައި ވިއެވެ. އޭނާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ތަނުގައި ނީރާ ނެތްއިރު ލައިޒަލް ވެސް އެތަނުން ނުކުތުމުންނެވެ. ތެދުވެގެން ދާން އީހާން ބޭނުންވިއެވެ. ނަމަވެސް ޝީންގެ ދޮންބޮޑުވެފައިވާ މޫނުގެ ކުލަވަރުން އޭނާ ހިނގައްޖެނަމަ ކަންތައް އިތުރަށް ގޯސްވާނޭ ހިތަށް އެރީއެވެ. އަވަހަށް ފޯނު ނަގައި ނީރާގެ ނަންބަރަށް އޭނާ ގުޅާލިއެވެ. އީހާންގެ ހަރަކާތްތަކަށް ޝީން ބަލާކަން އެނގޭއިރު ވެސް އީހާނަށް ކެތްނުކުރެވުނީއެވެ. ނީރާއާއި ލައިޒަލް ބައްދަލުވާދޭނޭ ހީވުމުން އޭނާގެ ހިތަށް ނުބައި ގޮތްތަކެއް ވަނީއެވެ. ލޯބިވެގެން ރައްޓެހިވި ކުއްޖާ ކައިރީގަ އިންއިރު ވެސް އޭނާއަށްވުރެ ނީރާ މުހިންމު ވަނީއެވެ.

"ކާރު ނަގައިގެން މިއަންނަނީ." ނީރާއަށް ގުޅައިގެން ހުރެ ލައިޒަލް ބުންޏެވެ. އޭރު ވެސް ނީރާ ހުރީ ފާހާނާ ދޮރުކައިރީގައެވެ. ލައިޒަލް ބަލާލާފައި ކެފޭއިން ނުކުތެވެ. ވެހިވެހި އޮތް ވާރޭގަނޑު ތެރޭ އޭނާ ދުވެލާފައި ކާރާ ހަމައަށް އައެވެ. ހަލުވިކޮށް ކާރަށް އެރިއިރު ހިސާބަކަށް މީހާ ތެމިއްޖެއެވެ. ކާރު ދުއްވާލުމުގެ ކުރީން އޭނާ އުޝާއަށް މެސެޖު ކުރިއެވެ. މުހިންމު ކަމެއް ޖެހިގެން އޭނާ ދާންޖެހިއްޖެކަމެވެ. ގެއަށް ގެންގޮސްދޭން ނާދެވޭނެކަން ބުނެފައި އޮތެވެ.

ކެފޭގެ ކުރިމައްޗަށް ކަހަލަ ގޮތަކަށް މަޑުކުރި ކަޅުކުލައިގެ ކާރު ނީރާއަށް ފެނުނެވެ. ކާރަށް އަރަން ނީރާ އައީ ފަސްފަހަތަށް ބަލަމުންނެވެ. އެކުވެރީންނަށް ފެންނަން ބޭނުންނުވާތީއެވެ. ހާއްސަކޮށް އީހާނަށް ފެންނަން ބޭނުންނުވާތީއެވެ. އެއްވެސް މީހަކަށް އެ ދެމީހުން އެކުގައި ދިޔަކަން އެނގެން ނޭދުނަސް ޝައްކުވެދާނޭކަން ދެމީހުންނަށް ވެސް އެނގެއެވެ. އެއްފަހަރާ ކަހަލަ ގޮތަކަށް ދެމީހުން ނެތުމުން އެފަދައިން ހީކުރާނޭ ފުރުސަތު އޮތީމައެވެ.

"ކޮންތާކަށް ދާންވީ؟" ކާރު ދުއްވާލަމުން ލައިޒަލް އަހާލިއެވެ.

"ދެމީހުން އެކަނިވާނޭ ތަނަކަށް." ސީޓުގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އިނދެ ނީރާ ބުނެލިއެވެ.

"ޔަގީންތަ؟" ލައިޒަލްގެ މޫނުން ހައިރާންކަން ފާޅުވިއެވެ. ނީރާ ބުނެލީ އާދައިގެ ގޮތަކަށެވެ. މާބޮޑު ވިސްނުމެއް ނެތިއެވެ. އެކަމަކު ލައިޒަލްއަށް މާނަކުރެވުނީ އެފަދައިންނެއް ނޫނެވެ.

"ކޮފީއަކަށް ދަމާ." ނީރާ ބުންޏެވެ. ކުރީން ބުނެވުނު އެއްޗަކާމެދު ފަރުވާލެއްނެތިއެވެ. ލައިޒަލް ހަމައެކަނި ބޯޖަހާލީއެވެ.

ދާންވީ މަންޒިލް ލައިޒަލްގެ ސިކުނޑީގައި ކަނޑައެޅިއެވެ. ދަތުރުގައި ލައިޒަލްގެ ނަޒަރު އިރުއިރުކޮޅާ ނީރާއަށް ހުއްޓެއެވެ. އެ މޫނުން ފެށިގެން ހަށިގަނޑުގެ ބައްޓަންތަކަށް އޭނާއަށް ބެލެއެވެ. ސިކުނޑީގައި އުފަންވާންފެށި ހިޔާލުތައް އެއްފަރާތްކުރާން އޭނާ މަސައްކަތް ކުރިއެވެ. ހަމައެއާއެކު ރިންގުވަމުންދިޔަ ނީރާގެ ފޯނުގެ ސަބަބުން ލައިޒަލްއަށް އުނދަގޫވިއެވެ. އީހާނުކަން ގުޅަނީ ނީރާގެ ފޯނުގެ އިސްކުރީނުން ލައިޒަލްއަށް ފެނުނެވެ. ހުއްޓުމެއްނެތި ނީރާގެ ފޯނަށް އީހާނު ގުޅަނީއެވެ.

"ނަގަން ބޭނުންނުވަންޏާ ނުގުޅާށޭ ބުނެބަލަ. ނޫނީ ފޯނު ނިއްވާލަންވީނު." ލައިޒަލް ބުނެލިއެވެ.

ކޯލު ކެނޑެންދެން މަޑުކުރުމަށްފަހު ނީރާ ފޯނު ނިއްވާލައިފަ އަތްދަބަހަށް ލިއެވެ. އެއަށްފަހު ހުޅުމާލެއިން މާލެ އައިސް ކާރު މަޑުކުރަންދެން ދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ލައިޒަލްއާއި ނީރާ ސިއްރުން އެކަކުއަނެކަކަށް ބަލަމުންދިޔަކަން ދެ މީހުންނަށް ވެސް އެނގެއެވެ. ވާހަކައެއް ދައްކަން އެކަކުވެސް އިސްނަގަން ބޭނުންނުވާ ކަހަލައެވެ.

"މިތަނަށް މިއައީ."

ނީރާ ކާރުން ފޭބުމާއެކު ލައިޒަލް ބޮލުން ދައްކާލީ ކުރިމަތީ ހުރި އުސް އިމާރާތެވެ. ނީރާގެ އަތުގައި ހިފައިގެން ދެމީހުން ދުވެފައި އައިސް އެތަނަށް ވަނެވެ. "ރޫފްޓޮޕް" ރެސްޓޯރެންޓަށް ނީރާ ގޮވައިގެން ލައިޒަލް އެރިއެވެ. ވާރޭ ވިއްސާތީ ބައެއް މޭޒުތައް ނަގާފައި ހުއްޓެއްކަމަކު މެދުތެރެއިން ހުސް މޭޒެއް ލިބޭ ގޮތް ވިއެވެ. ދެމީހުން ހޫނު ބުއިމެއް ގެނެސްގެން މޭޒުދޮށުގައި ބާރަޖެހުމާ ކައިރިވަންދެން ތިއްބެވެ. މިރޭ ދެމީހުންނަށް ވެސް ވެފައިތިބި ގޮތެއް ނޭނގެއެވެ. މާގިނަ ވާހަކައެއް ނުދެކެވެއެވެ. ގިނައީ ހިމޭންކަމާއެކު ވާރޭއަށް ބަލަންތިބި ވަގުތެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ލައިޒަލް ހަށިގަނޑު ސީދާކޮށްލިއެވެ. ގެއަށް ދާންވީތޯ ލައިޒަލް އަހާލީ އަތުކުރީ އޮތް ގަޑިއަށް ބަލަމުންނެވެ. އެހާ ދަންވަންދެން ނީރާ ގޮވައިގެން ބޭރުގައި އުޅުން ރަނގަޅު ކަމަކަށް ނުވާނޭ އޭނާގެ ޟަމީރު ބުނަމުންދިޔައެވެ. ހީކަރުވާފަ އިން ނީރާ އެގޮތް ބޭނުމެއްނޫނެވެ. އެކަމަކު ގެއަށް ދާންޖެހޭނެކަން އޭނާއަށް ވެސް އެނގެއެވެ. މުޅި ރޭ ލައިޒަލްއާއެކު ހޭދައެއް ނުކުރެވޭނެކަމެވެ. އެހެންވެ ލައިޒަލް ކުރި ސުވާލަށް ނީރާ މަޑުމަޑުން ބޯޖަހާލިއެވެ. ބިލު ގެނައުމަށް ލައިޒަލް އިޝާރާތް ކުރުމުން ގިނައިރެއް ނުވެ ވެއިޓަރު އަތުވެއްޖެއެވެ. ފައިސާ ބަހައްޓާފައި ލައިޒަލް ތެދުވިއެވެ. އޭނާއާއެކު ނީރާ ވެސް ތެދުވިއެވެ. ދެ ޒުވާނުން ތިރިއަށް ފައިބާ އިމާރާތުގެ އަސްކަނި ދަށުގައި މަޑުކޮށްލިއެވެ. ނީރާގެ އަތުގައި ލައިޒަލް ހިފާލީ ދެނެވެ. މާނަވީ ގޮތަކަށް ނީރާއަށް އޭނާ ބަލާލިއެވެ. ގުޅިފައިވި ދެއަތްތިލަ ލައިޒަލް އުފުލާލިއެވެ. ތުންފަތާ ހަމައަށް ގެނެސް ނީރާގެ އަތްތިލައިގަ ބޮސްދީފިއެވެ. ދާންވީ ކަމުގައި ލައިޒަލް ބުނެލީ ދެނެވެ. (ނުނިމޭ)