ބާރަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ކޮޅުފުށި ބަންދުކޮށްފި އެވެ.
ކޮވިޑް-19 ގެ ބަލި އުޅޭތޯ ދެނެގަތުމަށް އިއްޔެ އެ ރަށުން ވަނީ ސާމްޕަލްތަކެއް ނަގާ ޓެސްޓްކޮށްފައެވެ. ރެންޑަމްކޮށް ނެގި 15 ސާމްޕަލްގެ ތެރެއިން 12 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. އެހެން ކަމުން އެ ރަށް ބަންދުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ގިނަ ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ކޮޅުފުށީގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. އަދި ބަލި ޖެހިފައި އިތުރު ބަޔަކު ތިބެދާނެތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށަށް އަރާ ފޭބުން މަނާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
މިއީ ކޮޅުފުށި ބަންދުކުރި ތިންވަނަ ފަހަރެވެ. ކުރީ ދެ ފަހަރުވެސް އެ ރަށުން ގިނަ ބަޔަކަށް ބަލި ޖެހުނެވެ.
މިވަގުތުވެސް އެޗްޕީއޭގެ މޮނިޓަރިންގައި ކޮޅުފުށި ހިމެނޭހެން 12 ރަށެއް އެބައޮތެވެ.