މ. ކޮޅުފުށިން މިހާތަނަށް 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީއިން ބުނެފިި އެވެ. މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކޮޅުފުށި އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް، ރަށައް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.
އެ ރަށް މޮނިޓަރިންއަށް ގެނައީ އެ ރަށުން އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވީ 24 ވަނަ ދުވަހުއެވެ. އޭނާ މާލެ އައީ އޭގެ ދެ ދުވަސް ކުރިންނެވެ. އެ ކޭސްއާ ގުޅިގެން އެ ރަށުން ވަނީ 100 ވުރެ ގިނަ ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ ލިބިފައިވާއިރު މިހާތަނަށް 25 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.
ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވަމުންދާއިރު މިހާތަނަށް ރާއްޖެއިން 15،000 ވުރެ ގިނަ މީހުން ބަލި ޖެހިފައިވެއެވެ. މިވަގުތު ގއ. ދެއްވަދޫގައި ބަލި ޖެހިފައިވާ ގިނަ ބަޔަކު އެބަ ތިއްބެވެ. އެ ކްލަސްޓާއާ ގުޅުންހުރި މީހުން ފަސް ރަށެއްގައި ތިބިއިރު ހަތަރު ރިސޯޓެއްގައިވެސް ބަލި ޖެހިފައިވާ ގިނަ މުވައްޒިފުންތަކެއް އެބަ ތިއްބެވެ. އެ ކްލަސްޓާގެ ޕޮޒިޓިވް ކޭސްތައް 100އާ ގާތް ކުރެއެވެ.