ރެއާލް މެޑްރިޑް

ކާވަހަލް އިތުރު 4 އަހަރަށް ރެއަލްގައި

ރެއާލް މެޑްރިޑްގެ ތަރި ޑެނީ ކާވަހަލް ރެއާލް މެޑްރިޑާ އެކީ ހަދާފައިވާ އެއްބަސްވުން 2025 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފި އެވެ.

ރެއާލް މެޑްރިޑްގެ ޑިފެންސްގެ ކަނާތުފަޅިއަށް ކުޅޭ ކާވަހަލް އަށް އަނިޔާގެ މައްސަލަތަކާ ހުރެ މިދިޔަ ސީޒަންގައި ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ. އެހެން ނަމަވެސް ކާވަހަލް ކުޅޭ މަގާމަށް ފުރަތަމަ ޗޮއިސް އަކީ އަދިވެސް އޭނާ ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ކާވަހަލްގެ އެއްބަސްވުން 2025 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފައި ވާއިރު، ރެއާލް މެޑްރިޑްގެ އެހެން ބައެއް ކުޅުންތެރިން ވެސް ވަނީ މީގެ ކުރިން އެ ކުޅުންތެރިންގެ އެއްބަސްވުން އާކޮށްފަ އެވެ. އެގޮތުން ލޫކާ މޮޑްރިޗްގެ އެއްބަސްވުން 2022 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފައިވާއިރު ލޫކަސް ވަޒްކޭޒްގެ އެއްބަސްވުން ވަނީ 2024 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ އެވެ. މީގެ އިތުރުން ނަޗޯގެ އެއްބަސްވުން ވަނީ 2023 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކުރިއަށް ދެން އޮންނާނީ ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒިމާގެ އެއްބަސްވުން 2023 ވަނަ އަހަރާ ހަމައަށް އާކުރުމެވެ.

ރެއާލް މެޑްރިޑްގެ އެކަޑެމީ "ލަ ފެބްރިކާ" އިން އުފެދުނު ކާވަހަލް ރެއާލް މެޑްރިޑާ ގުޅުނުތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ރެއާލް މެޑްރިޑްގެ ފުރަތަމަ 11 އިން ކާވަހަލް އަށް ފުރުސަތު ލިބިފައިވަނީ 14/2013 ވަނަ ސީޒަންގައި ކާލޯ އެންޗެލޮޓީގެ ކޯޗުކަމުގެ ދަށުގަ އެވެ.

އޭރުއްސުރެ ކާވަހަލް އަކީ ރެއާލް މެޑްރިޑްގެ ފުރަތަމަ 11 ގައި އަބަދުވެސް މަގާމު ދަމަހައްޓަމުން އަންނަ ކުޅުންތެރިޔެކެވެ. އެގޮތުން ރެއާލް މެޑްރިޑުން fަސް އަހަރުގެ ތެރޭގައި hަތަރު ޗެމްޕިއަންސް ލީގު ހޯދިއިރު، ކާވަހަލް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.