ކުޅިވަރު

ދަނޑުތައް ނުދިއްލާ މައްސަލައަށް ހައްލެއް ހޯދަނީ

ދަނޑުތަކާއި ކޯޓުތައް ނުދިއްލުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރަމުންދާ ކަމަށް ފުޓްބޯލް އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމަށްފަހު އަލުން ދަނޑުތައް ހުޅުވާލުމާއި އެކު ކުޅިވަރު ކުޅޭ ތަންތަން މިހާރު ވަނީ ބޭނުންކުރަން ފަށާފަ އެވެ. އެއްވެސް ފީއެއް ނުދައްކާ ކުޅެން ދެވެން މާލޭގައި މިހާރު އޮންނަނީ މައިގަނޑު ދެ ސަރަހައްދެކެވެ. އެއީ އާޓިފިޝަލް ބީޗް ސަރަހައްދުގައި އޮންނަ ދެ ބީޗް ވޮލީ ކޯޓާއި މެރީ ބްރައުން ފަހަތުގައި އޮންނަ ތިން ފުޓްސަލް ދަނޑެވެ.

މެރީ ބްރައުން ފަހަތުގައި އޮންނަ ތިން ފުޓްސަލް ދަނޑު އާންމު ގޮތެއްގައި ހަވީރުގެ ހުރިހާ ވަގުތަކުވެސް އޮންނަނީ ފުލް ކޮށެވެ. އަދި ނުދިއްލާ އޮތް ކަމުގައި ވިޔަސް ރޭގަނޑުގެ ގިނަ ބައެއްގައި ވެސް އެދަނޑު ތަކުގައި ކުޅުންތެރިން އަންނަނީ ކުޅެމުންނެވެ. ރޭގަނޑު ގަޑީގައި ނުދިއްލާތީ އެދަނޑު ތަކުގައި ކުޅޭ ކުޅުންތެރިން ކުޅެން ޖެހިފައި ވަނީ ކަނު އަނދިރީގަ އެވެ.

މި ދަނޑު ތަކަކީ ގިނަ އަދަދެއްގެ ފުޓްސަލް ކުޅުންތެރިން ކުޅެންދާ ދަނޑު ތަކަކެވެ. ނަމަވެސް ދަނޑުތައް ނުދިއްލާ އޮންނާތީ ހަގީގަތުގައި އެތަން އޮންނަނީ ކުޅެވޭ ވަރަށް ވުރެ މާ އަނދިރި ކޮށެވެ. އެތަނަށް ކިރިޔާވެސް އަލިކަމެއް ވެފައި އޮންނަނީ ދުވާ ޓްރެކާއި ވިލީ ފުލުސް ކުރިމަތީގައި އޮންނަ ދަނޑުތަކުގެ އަލިންނެވެ.

މިކަމާއި ގުޅިގެން އަވަސް އަށް މައުލޫމާތު ދެމުން އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު ވިދާޅުވީ އެ ދަނޑު ތަކަކީ މަރާމާތު ކުރުމަށް ބަންދު ކުރެވިފައިވާ ދަނޑު ތަކެއް ކަމަށެވެ. އަދި މިހާރު އެ ދަނޑުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އަލީ އުމަރު ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ދަނޑު ތަކުގެ ޕިޗް ހަލާކުވެފައި ވާތީ އެމަސައްކަތްތަކާއި އެކު ލައިޓުގެ މައްސަލައަށް ވެސް ހައްލެއް ލިބޭނެ ކަމަށް އަލީ އުމަރު ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗުގައި ހަދާފައިވާ ދެ ބީޗް ވޮލީ ކޯޓު ވެސް ރޭގަނޑު ނުދިއްލާތީ ކުޅުންތެރިންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ އެވެ. އެތަނަށް އަލިކަމެއް ލިބެނީ ބޮޑުތަކުރުފާނު މަގާއި ބީޗުގައި ޖަހާފައި ހުންނަ ލައިޓު ތަކުންނެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް އަވަސް އަށް ވިދާޅުވީ އާޓިފިޝަލް ބީޗުގައި ހަދާފައިވާ ދެ ކޯޓު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މީގެ އިތުރުން ވެސް ވޮލީ ކުޅުންތެރިންގެ ހުނަރު އިތުރުކޮށް، ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ރަނޭޝް ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗުގައި ހަދާފައިވާ ދެ ކޯޓު މަރާމާތު ކުރުމުގެ އިތުރުން އަމީނީ މަގު ވިލީ ފުލުސް ކުރިމަތީގައިވާ ކުރީގެ ވެލިދަނޑުގައި ވީއޭއެމް އިން އަންނަނީ ވޮލީ ކޯޓު ތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އަތޮޅު ތެރޭ އެކި ރަށްރަށުގައި ރަނގަޅު ފެންވަރުގެ ވޮލީ ކޯޓުތައް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސް ވުމުގެ ސަބަބުން ކުޅިވަރު ކުޅޭ ތަންތަން މީގެ ކުރިން ވަނީ ބަންދު ކޮށްފަ އެވެ. އެ ދުވަސް ތަކުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ނެތުމުން ދަނޑުތަކާއި ކޯޓުތައް މަރާމާތު ކުރުމުގެ މަސައްކަތް އޭރު ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ. ނަމަވެސް ހުއްދަތައް ލިބުމާއި އެކު އެސޯސިއޭޝަން ތަކުން މިހާރު އަންނަނީ ކުޅުންތެރިންނަށް ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.