ދީން

މޫނު ނަރަކައިން ސަލާމަތް ކުރާށެވެ

އަމީރުލް މުއުމިނީން ހާރޫނުއްރަޝީދު، ޙައްޖަށް ވަޑައިގެންފައި، ނަޞޭޙަތުގެ ބަސްކޮޅެއް އިއްވައިދޭނޭ މީހެއްގެ ހޯއްދެވުމަށް، އިބްނުއް ރަބީޢުއާއެކު ނިކުމެވަޑައިގަތެވެ. އަދި މައްކާގެ އަޅުވެރި، ޒުހުދުވެރިއެއް ކަމުގައިވާ އަލްފުޟައިލް ބިން ޢިޔާޟުގެ އަރިހަށް، އެއްރެއްގައި ވަޑައިގަތެވެ. އެހިނދު ފުޟައިލު ބިން ޢިޔާޟު ހުންނެވީ ދަމުނަމާދު ކުރައްވާށެވެ. އަދި މި އާޔަތް ތަކުރާރުކޮށް ކިޔަވާވިދާޅުވާ އަޑު އިވުނެވެ. "أًمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أّن نَّجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاء مَّحْيَاهُم وَمَمَاتُهُمْ سَاء مَا يَحْكُمُونَ" (الجاثية 21) މާނައީ: "ނުބައިކަންތައް ކުރިމީހުން، އީމާންވެ ޞާލިޙު ޢަމަލުތައް ކުރި މީހުންނާއެއްފަދަ ކަމުގައި ތިމަންރަސްކަލާނގެ ލައްވާނޭކަމަށް (އަދި) އެއުރެންގެ ދިރިތިބުމާއި، މަރުވުން، ހަމަހަމަ ވެގެންވާ ކަމަށް އެއުރެން ހީކުރީ ހެއްޔެވެ؟ އެއުރެން ކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ!"

ހާރޫނުއްރަޝީރު ވިދާޅުވިއެވެ. "އަހުރެމެންނަށް (ނަޞޭޙަތަކުން) ފައިދާއެއް ކުރަންޏާ މިއިން ފައިދާ ކުރާނެތެވެ." ދެން އެބޭކަލުން ދޮރުގައި ޓަކި ޖެއްސެވެ. އެހިނދު (އެތެރެއިން) ފުޟައިލް ބުން ޢިޔާޟު ވިދާޅުވިއެވެ. "ކާކު ހެއްޔެވެ؟" އިބްނުއް އައްރަބީޢު ވިދާޅުވިއެވެ. "އަމީރުލް މުއުމިނީން އަށް އިޖާބަދޭށެވެ." އެހިނދު ފުޟައިލް ވިދާޅުވިއެވެ. "އަމީރުލް މުއުމިނީންނާއި ތިމަންނައާއި ކޮންކަމެއް ހެއްޔެވެ؟" އިބްނުއް ރަބީޢު ވިދާޅުވިއެވެ. "سبحان الله އެވެ! ކަލޭގެފާނުގެ މައްޗަށް ކިޔަމަންގަތުން ލައްވާފައި ނުވޭތޯއެވެ؟"

ދެން ފުޟައިލް ވަޑައިގެން ދޮރު ހުޅުވައިދެއްވުމަށްފަހު، އަވަސް އަވަހަށް ކޮޓަރިކޮޅަށް އަރާވަޑައިގެން އެތާނގެ ބައްތި ނިއްވާލައްވައި، ކޮޓަރީގެ އެއްކަނަކަށް ޖެހިވަޑައިގަތެވެ. ދެން ތިމަންމެން (އަނދިރީގައި) އަތުން (ފުޟައިލް ބުން ޢިޔާޟު) ހޯދަމުން ދަނިކޮށް، ތިމަންގެ ކުރިން ހާރޫނުއްރަޝީދަށް އެކަލޭގެފާނުގެ އަތްޕުޅުގައި އަތްލެއްވުނެވެ.

އެހިނދު ފުޟައިލް ވިދާޅުވިއެވެ. "މިއީ ހާދަ މަޑު މަޑު އަތްތިލައެކެވެ. މާދަމާ މި އަތްތިލަ މާތް ﷲ ގެ ޢަޛާބުން ސަލާމަތްވާނެ ނަމައެވެ!"
ދެން އިބްނުއް ރަބީޢު ވިދާޅުވިއެވެ. "ތިމަން ހިތަށް އެރިއެވެ. މިރޭ އެކަލޭގެފާނަށް އިވިވަޑައިގަންނަވާނީ ތަޤުވާވެރި ހިތަކުން ނިކުންނަ ޠާހިރު ބަސްތަކެކެވެ." އެހިނދު ހާރޫނުއްރަޝީދު ވިދާޅުވިއެވެ. "ތިމަންމެން މިއައި ކަމުގެ (އުޖޫރަ) ހިފާށެވެ. މާތް ﷲ ތިބާއަށް ރަޙުމަތް ލައްވާށެވެ!"

ފުޟައިލް ވިދާޅުވިއެވެ. "ތިބާ ތިޔަ ވަޑައިގެންނެވިއިރު، ރައްޔިތުންގެ ކުށްފާފަތަކާއި، ތިބާގެ ކައިރީގައިވާ އެކުވެރިންނާއި ބޮޑުންގެ ކުށްފާފަތައް، ހިސާބު ބެއްލެވޭ ދުވަހުގައި ތިބާގެ ފާފަތަކަށް އިތުރު ވާނެއެވެ. އެމީހުން އަނިޔާވެރިވެ ހައްދު ފަހަނައަޅައި ދިޔައީ ތިބާއާއެކުގައެވެ. އެހެނަސް ހިސާބު ބެއްލެވޭ ދުވަހުގައި، އެންމެ އަވަހަށް ތިބާއަށް ފިލަން ދުވާނީ އެމީހުންނެވެ. ތިބާގެ ފާފަތަކުން ބައެއްގައި ހިފައިދިނުމަށް އެމީހުންގެ ގާތުގައި އެދުނަސް އެކަން ނުކުރާނެއެވެ. އަދި ތިބާއަށް މިދުނިޔޭގައި އެންމެ ބޮޑަށް ލޯބިކުރި މީހުންނަކީ، އެދުވަހުގައި ތިބާއަށް ފިލަން އެންމެ ބޮޑަށް އުޅޭނެ މީހުންނެވެ."

ދެން ފުޟައިލް ވިދާޅުވިއެވެ. "ޢުމަރު ބުނު ޢަބްދުލް ޢަޒީޒުއަށް ވެރިކަން ލިބިވަޑައިގަތުމުން، ސާލިމު ބުން ޢަބްދު ﷲ އާއި މުޙައްމަދު ބިން ކަޢުބާއި، ރަޖާއު ބުނު ޙައްޔޫތު މި ތިން ބޭކަލުން ޙާޟިރު ކުރައްވައި ވިދާޅުވިއެވެ. "ތިމަންނާއަށް މިއުޅެނީ މި މުޞީބާތް ޖެހިގެންނެވެ. ތިޔަބޭކަލުންގެ ނަޞޭޙަތަކީ ކޮބައިތޯއެވެ!" -- މިއީ އެޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން ހިމެނޭ ތިން ބޭކަލުންނެވެ. --

(ފުޟައިލް ވިދާޅުވިއެވެ.) "އެކަލޭގެފާނު އެ ހިއްތެވީ ވެރިކަމަކީ މުޞީބާތެއް ކަމުގައެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ އެކުވެރިން ތިޔަ ދެކެވަޑައިގަންނަވަނީ، ވެރިކަމަކީ ނިޢްމަތެއް ކަމުގައެވެ."

ސާލިމް ބުން ޢަބްދު ﷲ ވިދާޅުވިއެވެ. "ތިބާ މާދަމާ މާތް ﷲ ގެ ޢަޛާބުން މިންޖުވާން އެދޭނަމަ ދުނިޔޭގެ ޙަޔާތަކީ ރޯދައެއް ކަމުގައި ހަދާށެވެ. އަދި ތިބާގެ ރޯދަވީއްލުމަކީ، މިދުނިޔެއާ ވަކިވުންކަމުގައި ހަދާށެވެ."

މުޙައްމަދު ބުނު ކަޢުބު ވިދާޅުވިއެވެ. "މާތް ﷲގެ ޢަޛާބުން ރައްކާތެރިކަން އެދޭނަމަ، މުސްލިމުންގެ ތެރެއިން ދޮށީ މީހާއަކީ ކަލޭގެފާނުގެ ބައްޕަ ކަމުގައި ދެކޭށެވެ. އެމީހުންގެ ތެރެއިން ޒުވާނާއަކީ ކަލޭގެފާނުގެ އަޚާކަމުގައި ދެކޭށެވެ. އަދި ހަގު ކުއްޖާއަކީ ކަލޭގެފާނުގެ ދަރިފުޅު ކަމުގައި ދެކޭށެވެ. ފަހެ، ތިބާގެ ބައްޕައަށް އިހުތިރާމުކޮށް ކަމޭހިތާށެވެ. އަދި އަޚާއަށް ދީލަތިވާށެވެ. އަދި ދަރިފުޅުދެކެ ލޯބިވެ އޯގާތެރިވާށެވެ."

ރަޖާއު ބިނު ޙައްޔޫތު ވިދާޅުވިއެވެ. "މާދަމާ މާތް ﷲ ގެ ޢަޛާބުން ނަޖާވުމަށް އެދޭނަމަ، ތިބާގެ އަމިއްލަ ނަފްސަށް އެދޭފަދަ ހެޔޮ ގޮތްތަށް މުސްލިމުންނާމެދު އެދޭށެވެ. އަދި ތިބާގެ އަމިއްލަ ނަފްސަށް ނުރުހޭ ކަންކަން، މުސްލިމުންނަށްވެސް ނުރުހޭށެވެ. ދެން (އެކަން އެގޮތަށް ކޮށްފައި) މިދުނިޔެ ދޫކުރިނަމަވެސް އެންމެ ރަނގަޅެވެ."

ފުޟައިލް ވިދާޅުވިއެވެ. "އަހުރެން، ކަލޭގެފާނުގެ މައްޗަށް އެންމެ ބޮޑަށް ބިރުވެތި މިވަނީ، އެދުވަހުގައި ބިންމަތީ ފައި ހަރުނުލާ ދުވަހާއި މެދުގައެވެ. ފަހެ ތިބާގެ ގާތުގައި -މާތް ﷲ ތިބާއަށް ރަޙުމަތް ލައްވާށިއެވެ. - މިފަދަ ކަމަކަށް މަގުދައްކާނޭ މީހަކު ވޭހެއްޔެވެ؟"

ދެން (ހާރޫނުއްރަޝީދު) ކީރިތި ކުރައްވަމުން ގޮސް އަނބުރައިގަންގެން ވެއްޓުނެވެ. އެހިނދު ތިމަން (އެބަހީ: އިބްނުއްރަބީޢު) ދެންނެވީމެވެ. "އަމީރުލް މުއުމިނީންނަށް އޯގާތެރިވާށެވެ!" ދެން (ފުޟައިލް) ވިދާޅުވިއެވެ. "ތިބާއާއި ތިބާއާ އެކުގައިވާ މީހުން އެކަލޭގެފާނު ތިޔަ ޤަތުލު ކުރަނީއެވެ. އެކަލޭގެފާނަށް އޯގާތެރި މިވަނީ އަހުރެންނެވެ."

ދެން ހާރޫނުއްރަޝީދުގެ ހޭފުޅުން އެރުމުން ވިދާޅުވިއެވެ. "މާތް ﷲ ތިބާއަށް ރަޙުމަތް ލައްވާށިއެވެ. އަދިވެސް (ނަޞޭޙަތް) އިތުރު ކޮށްދެއްވާށެވެ!"

ފުޟައިލް ވިދާޅުވިއެވެ. "އޭ އަމީރުލް މުއުމިނީނެވެ. ކީރިތި ރަސޫލާގެ ބޮޑުބޭބޭފުޅު އަލްޢައްބާސް ވަޑައިގެން ކީރިތި ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ތިމަންނާއަށްވެސް ކޮންމެވެސް ތަނެއްގެ ވެރިކަން ޙަވާލު ކުރައްވަންވީ ނޫންތޯއެވެ؟" އެހިނދު ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ވެރިކަމަކީ ޤިޔާމަތް ދުވަހުގައި ހުރި ގެއްލެނިކަމާއި ހިތާމައެކެވެ. ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ ވެރިކަމާ ހަވާލު ނުވެ ވޭތޯ ބައްލަވާށެވެ." (އިބްނުއްރަބީޢު ވިދާޅުވިއެވެ.) ދެން ހާރޫނުއްރަޝީދު ނުހަނު ކީރިތި ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. "ތިބާއަށް ﷲ ރަޙުމަތް ލައްވާށިއެވެ. އަދިވެސް (ނަޞޭޙަތް) އިތުރު ކޮށްދެއްވާށެވެ!"

ފުޟައިލް ވިދާޅުވިއެވެ. "އޭ މޫނު ރިވެތިގެންވާ މީހާއެވެ. ތިބާއަކީ، ޤިޔާމަތް ދުވަހުން މީސްތަކުންނާ ބެހޭގޮތުން މާތް ﷲ ސުވާލު ކުރައްވާނޭ ފަރާތެވެ. ތިޔަ މޫނު ނަރަކައިން ރައްކާތެރި ކުރެއްވޭނޭނަމަ ފަހެ އެކަން ތިބާ ކުރައްވާށެވެ! އަދި ތިބާ ހެނދުނު ކުރާހިނދު ނުވަތަ ހަވީރު ކުރާހިނދު ތިބާގެ ހިތުގައި އެއްވެސް ރައްޔިތަކަށް ޚިޔާނާތް ތެރިކަމެއް ނުބާވާށެވެ. އެހެނީ ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. "ރައްޔިތުންނަށް ޚިޔާނަތްތެރިވާ ހާލުގައި ހެނދުނު ކޮށްފި (ވެރިމީހާއަށް) ސުވަރުގޭގެ ވަސްވެސް ނުފެންނަ ހުއްޓެވެ." ދެން ހާރޫނުއް ރަޝީދު ވަރަށް ކީރިތި ކުރެއްވިއެވެ. އަދި (ފުޟައިލްއަށް) ވިދާޅުވިއެވެ. "ތިބާގެ ދަރަންޏެއް އެބަ އޮތް ހެއްޔެވެ؟" ފުޟައިލް ދެންނެވިއެވެ. "އާއެކެވެ! އަހުރެންގެ ރައްބުގެ ދަރަންޏެވެ. އަދި އެދަރަނީގެ ހިސާބު ނުކުރައްވައެވެ. އެއާމެދު ސުވާލު ކުރައްވައިފިނަމަ އަހަރެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! އެ ހިސާބުތަކާމެދު ޖަވާބު ދޭން ޖެހިއްޖެނަމަ ހުރި ހަލާކެއްގެ ބޮޑު ކަމާއެވެ. އަދި އޭގެ ޖަވާބު އަހަރެންގެ ހިތަށް ވައްދަވައި ނުދެއްވައިފިނަމަ އަހުރެންނަށް ހުރި ހަލާކުގެ ބޮޑުކަމާއެވެ."

ހާރޫނުއްރަޝީދު ވިދާޅުވިއެވެ. "އަހުރެން މިދެންނެވީ އަޅުތަކުންނަށް އަދާކުރަންޖެހޭ ދަރަނީގެ ވާހަކައެވެ."

ފުޟައިލް ވިދާޅުވިއެވެ. "އަހުރެންގެ ވެރި ރައްބު ތިކަމަށް އަމަރު ނުކުރައްވަ އެވެ. އަހުރެންގެވެރި ރައްބު އަހުރެންނަށް އަމުރު ކުރެއްވީ އެއިލާހު އެއްކައުވަންތަ ކުރުމަށާއި، އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމަށެވެ. އެއިލާހު ވިޙީކުރެއްވިއެވެ. "އަދި އިންސީންނާއި ޖިންނީންވެސް ހަމައެކަނި ތިމަން އިލާހަށް އަޅުކަން ކުރުމަށް މެނުވީ ޚަލްޤު ނުކުރައްވަމެވެ. * އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާނގެ ރިޒުޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. * ހަމަކަށަވަރުން، ﷲ އީ، ރިޒުޤު ދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެއެވެ." (އައްޒާރިޔާތު 56-58 ވަނަ އާޔަތުގެ މާނަ)

ހާރޫނުއްރަޝީދު ވިދާޅުވިއެވެ. "މިއޮތީ އެއްހާސް ދީނާރެވެ. މިއިން ތިބާގެ އަނބިދަރިންނަށް ޚަރަދުކޮށް، އަޅުކަމަށްޓަކައި ތިބާގެ ހަށިގަނޑުގައި ބާރު ޖެއްސުމަށް ބޭނުން ކުރާށެވެ."

ފުޟައިލް ވިދާޅުވިއެވެ. "سبحان الله އެވެ. އަހުރެން މި ދައްކަނީ ސަލާމަތުގެ މަގެވެ. ދެން ތިބާ އަހުރެންނަށް އޭގެ ބަދަލު ތިޔަދެނީ މިފަދައިން ހެއްޔެވެ؟"

ދެން އިބްނުއްރަބީޢު ވިދާޅުވިއެވެ. ތިމަންމެން އެނބުރި ދިޔުމަށް ނިކުތީމެވެ.

އެހިނދު ހާރޫނުއްރަޝީދު ވިދާޅުވިއެވެ. "ތިބާ މީހެއްގެ ގާތަށް (ނަޞޭޙަތް އަޑުއެހުމަށް) އަހުރެން ގެންދާނަމަ މިފަދަ މީހެއްގެ ގާތަށް ނޫނީ ނުގެންދާށެވެ. މިއީ މިއަދުގެ މުސްލިމުންގެ ލީޑަރެކެވެ."